"އުދުހޭ ސޫޓް" ބޭނުންކުރަން އިނގިރޭސި އަސްކަރިއްޔާ ތައްޔާރުވަނީ
"އުދުހޭ ސޫޓް" ބޭނުންކުރަން އިނގިރޭސި އަސްކަރިއްޔާ ތައްޔާރުވަނީ

ޖައްވުގެ ތެރޭގައި "އުދުހެވޭ" ޖެޓްސޫޓެއް އިނގިރޭސިވިލާތުގެ ރޯޔަލް ނޭވީ އާއި ރޯޔަލް މެރިންސް އިން ޓެސްޓްކުރަން ފަށައިފި އެވެ.

މި މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ޓްވިޓާ އާއި އިންސްޓަގްރާމްގައި އާންމުކޮށްފައިވާ އިރު އޭގައި ފެންނަނީ ޖެޓްސޫޓްގައި ހުންނަ އޮފިސަރަކު، ދުއްވަމުންދާ ޑިންގީއެއްގެ ތެރެއިން "އުދުހިފައި ގޮސް" ނޭވީގެ ބޮޑު އުޅަނދަކަށް ތިރިކުރާ ތަނެވެ.

ކަނޑުގެ އަސްކަރިއްޔާގެ އިން ޓެސްޓްކުރި ޖެޓްސޫޓަކީ އިނގިރޭސިވިލާތުގެ އެއޮރޮނޯޓިކަލް އިނޮވޭޝަން ފާމް ގްރެވިޓީ އިންޑަސްޓްރީޒްގެ އުފެއްދުމެކެވެ. އެތަނުން ބުނެފައިވާ ގޮތުގައި "އުދުހެވޭ" ޖެޓްސޫޓްގައި 12،000 ފޫޓް މަތިން ގަޑިއަކު 80 މޭލަށް ދެވޭނެ އެވެ.

ޓްވިޓާގައި ވީޑިއޯ ހިއްސާކުރެވި ބްރިޓިޝް ނޭވީގެ އެޑްމިރަލް ޓޯނީ ރެޑާކިން ވިދާޅުވި ގޮތުގައި މިއީ އީޖާދުތަކާއި އާ ޓެކްނޮލޮޖީތަކާ އެކު އަސްކަރީ ހިދުމަތް ތަރައްގީކުރަން ކުރެވޭ މަސައްކަތުގެ ބައެކެވެ. ޖެޓްސޫޓްގެ ބޭނުމަކީ އޮޕަރޭޝަންތައް ހިންގާ އިރު ކަންކަމުގައި ވައިގެ އުޅަނދުތަކުން ރީޗްވާން އުނދަގޫ ހިސާބުތަކަށް އޮފިސަރުން ދާން ބޭނުން ކުރުމެވެ.

ޖެޓްސޫޓާ ގުޅޭ ވަރަށް ގިނަ ވީޑިއޯތައް ގްރެވިޓީ އިންޑަސްޓްރީޒްގެ އިންސްޓަގްރާމްގައި ޕޯސްޓްކޮށްފައިވެ އެވެ.

އެ އުފެއްދުމާ ބެހޭ ގޮތުން އަސްކަރިއްޔާ އިން ބުނީ އަދި ޖެޓްސޫޓްގެ މަސައްކަތް އޮތީ ރަސްމީކޮށް ބޭނުންކުރާ ހިސާބުގައި ނޫން ކަމަށެވެ. އެ ޓެސްޓްކުރުމުގެ މަރުހަލާ ކުރިއަށް ގެންދާ އިރު ލެފްޓިނަންޓް ކާނަލް ވިލް ކްލާކް ވިދާޅުވީ އަމާޒަކީ ކޮމާންޑޯ ފޯސްތަކުގައި ޖެޓްސޫޓް ޓެކްނޮލޮޖީ ކުރިއަށް އޮތް ތަނުގައި ބޭނުންކުރުން ކަމަށެވެ.

"އޭގެ މަސައްކަތް މިހާރު ވެސް އުންމީދީކޮށް ފެންނަނީ. އެކަމަކު ރަސްމީކޮށް ބޭނުންކުރަން ފަށާނެ އިރަކާ ބެހޭ ގޮތުން މި ވަގުތު އަދި ވާހަކަތަކެއް ނުދެކެވޭ." އޭނާ ވިދާޅުވި އެވެ. "ގިނަ ދުވަސްތަކަށް ޓްރައިލް ހަދަން ޖެޓްސޫޓަކީ ކުރިއަށް އޮތް ތަނުގައި ބޭނުންކުރެވޭ ވަސީލަތަކަށް ހެދުން ޓާގެޓަކީ."