18 ނޮވެމްބަރ 2016 - 06:46

ލިވަޕޫލް (ނޮވެމްބަރު 18) - ބްރެޒިލްގެ މިޑްފީލްޑަރު ފިލިޕޭ ކޯޓީނިއޯ ލިވަޕޫލްގައި މަޑުކުރާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އެ ޓީމުގެ ކޯޗު ޔާގަން ކްލޮޕް ބުނެފި އެވެ.
މި ސީޒަނުގެ މިހާތަނަށް ލިވަޕޫލްގެ އިތުރުން ބްރެޒިލަށް ވެސް މޮޅު ކުޅުމެއް ދައްކަމުން އަންނަ ކޯޓީނިއޯ އަށް ދުނިޔޭގެ ފުޓްބޯޅައިގެ މަޝްހޫރު ގިނަ ފަރާތްތަކުން އަންނަނީ ތައުރީފް ކުރަމުންނެވެ. ކޯޓީނިއޯ ހޯދަން ސްޕެއިނުގެ ގަދަ ދެ ބާރު ބާސެލޯނާ އާއި ރެއާލް މެޑްރިޑުން އަންނަނީ މަސައްކަތް ކުރަމުންނެވެ.
ލިވަޕޫލްގެ ކޯޗު ކްލޮޕް ބުނީ އޭނާ ލިވަޕޫލަށް ބަދަލުވިއިރު އެންމެ ބޮޑު އަމާޒަކަށް ކަނޑައެޅީ އެ ކްލަބަކީ ތަރިން ވިއްކާލާ ޓީމަކަށް ނުވުން ކަމަށެވެ.
"އަހަރެން ހާސްވާ ކަމެއް މި ވަގުތަކު ނެތް. އެއީ މި ކްލަބްގައި މަޑުކުރަން ބޭނުންވާ ކުޅުންތެރިން މި ޓީމުގައި އެބަތިބި. ކޯޓީނިއޯ ވެސް މި ކްލަބްގައި މަޑުކޮށްގެން އެހުރީ ހިތްހަމަ ޖެހިގެން. އޭނާ ހިތްހަމަ ޖެހިގެން ނޫނީ މިހާރު އެހުރި ފެންވަރުގައި ނުކުޅެވޭނެ. އޭނާގެ މުސްތަގުބަލު އޮތީ މި ކްލަބުގައި،" ކޯޓީނިއޯއާ ބެހޭގޮތުން ކްލޮޕް ބުންޏެވެ.
އޭނާ ބުނީ ލިވަޕޫލް މިހާރު އަންނަނީ ހަމައެކަނި މި ސީޒަނާ މެދު ވިސްނަމުން އެކަނި ނޫން ކަމަށާއި މުސްތަގުބަލަށް ވެސް ޓީމު ބިނާކުރަމުން ކަމަށެވެ.
ކޯޓީނިއޯ ވަނީ ސީޒަނުގެ މިހާތަނަށް ލިވަޕޫލަށް ފަސް ލަނޑު ކާމިޔާބު ކޮށްދީފަ އެވެ. ލިވަޕޫލް އޮތީ ލީގުގެ އެއް ވަނައިގައި 11 މެޗުން 26 ޕޮއިންޓާ އެކު އެވެ.
މިދިޔަ އަންގާރަ ދުވަހުގެރޭ ސްޕެއިނާއި އިންގްލެންޑް ކުޅުނު މެޗުގައި ލިބުނު އަނިޔާއަކާ ގުޅިގެން ލިވަޕޫލްގެ މިޑްފީލްޑަރު އެޑަމް ލަލާނާ ވަނީ ބަދަލުކޮށްފަ އެެވެ. ކްލޮޕް ބުނީ ލަލާނާ އަށް ލިބިފައިވާ އަނިޔާ ސީރިއަސް ނޫން ނަމަވެސް މާދަމާރޭ ސައުތެމްޓަނާ ދެކޮޅަށް އޭނާ ބޭނުންކުރާއިރު އެއްވެސް ވަރެއްގެ ރިސްކެއް ނަގަން ބޭނުންނުވާ ކަމަށެވެ.