ކޮވިޑާ ހެދި ހިޔާ ފްލެޓްތަކުގެ ގުރުނެގުން މެދުކަނޑާލައިފި
ކޮވިޑާ ހެދި ހިޔާ ފްލެޓްތަކުގެ ގުރުނެގުން މެދުކަނޑާލައިފި

ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތަކުގެ ގުރުއަތުނެގުން ކޮވިޑް-19 ގެ ބަލިމަޑުކަމާ ހުރެ، މެދުކަނޑާލައިފި އެވެ.

ކޮވިޑާ ހެދި ހިޔާ ފްލެޓްތަކުގެ ގުރުނެގުން މެދުކަނޑާލައިފި
ކޮވިޑާ ހެދި ހިޔާ ފްލެޓްތަކުގެ ގުރުނެގުން މެދުކަނޑާލައިފި

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހެދި 25 ބުރީގެ 16 ޓަވަރުން މީހުންނަށް ލިބޭ އެޕާޓްމަންޓްތައް ކަށަވަރު ކުރުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވަނީ މިދިޔަ މަހުގެ ކުރީކޮޅު ގުރުއަތުލުން ފަށައިފަ އެވެ.

ފްލެޓް ލިބިފައިވާ މީހުންގެ ލިސްޓު ހައުސިން މިނިސްޓްރީން އެޗްޑީސީ އަށް ފޮނުވުމުން، އެޗްޑީސީން އަންނަނީ އެ މީހުންގެ މެދުގައި ގުރުއަތު ނަގަމުންނެވެ. އެގޮތުން ދެ ދަންފަޅިއަށް ބަހާލައިގެން ކޮންމެ ދުވަހަކު ވެސް އައީ 600 މީހުންގެ ގުރު ނަގަމުންނެވެ.

އެކަމަކު އެޗްޑީސީން ނެރުނު އިއުލާނެއްގައި ބުނީ އެ މަޝްރޫއުގެ ދަށުން ފްލެޓް ލިބިފައިވާ މީހުންގެ ތެރެއިން ފައިނަލް ކުރެވިފައިވާ އިތުރު މީހުންގެ މައުލޫމާތުތައް ހައުސިން މިނިސްޓްރީން އެ ކޯޕަރޭޝަނާ ހިއްސާކޮށްފައި ވިޔަސް ކޮވިޑް ކޮންޓްރޯލްކުރަން އަޅާފައިވާ ފިޔަވަޅުތަކާ ހެދި، ގުރުނެގުން ފަސްކޮށްފައިވާ ކަމަށެވެ.

އެޗްޑީސީން ބުނީ މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމާ އެކު ގުރުއަތުނެގުން އަލުން ފެށޭނެ ކަމަށެވެ. އެގޮތުން އަލުން ގުރުއަތުލުން ފަށާނެ ދުވަހާއި ގުރުއަތު ނަގާނެ މީހުންގެ ލިސްޓު އާންމުކުރާނެ ކަމަށް ވެސް އެޗްޑީސީން ބުނެފައިވެ އެވެ.

ފްލެޓް ލިބެނީ ކޮން ޓަވަރެއްގެ ކޮން އެޕާޓްމަންޓެއްކަން ކަނޑައެޅުމަށް އެޗްޑީސީން ބާއްވާ އިވެންޓް ބައެއް ޓީވީ ޗެނަލްތަކުން ލައިވް ވެސް ކުރެ އެވެ. އިވެންޓު ފެށުމުގެ ކުރިން ކޮންމެ ދުވަހަކު ވެސް ގުރުއަތުލުން ކުރިއަށް ގެންދާނެ މީހުންގެ ލިސްޓެއް އެޗްޑީސީން އާންމުކުރެ އެވެ. އެ މީހަކަށް ލިބޭ ފްލެޓް ބެލުމަށް ގުރުނަގާނީ ހެނދުނު ނުވަތަ މެންދުރު ފަހުގެ ދަންފަޅީގަ އެވެ.

ގުރުނަގައި ނިމުމުން އެ މީހަކަށް ލިބުނު ފްލެޓުގެ ތަފުސީލް އެޗްޑީސީން މެސެޖަކުން އަންގައިދޭނެ އެވެ.

ބޯހިޔާވަހިކަން ހޯދައިދިނުމަށް ޔާމީންގެ ސަރުކާރުގައި ހިންގި އެންމެ ބޮޑު މަޝްރޫއުން ދޫކުރި 6،720 ފްލެޓް ލިބުނު މީހުންގެ މެދުގައި ގުރު ނަގަމުން އަންނައިރު ޑައުންޕޭމަންޓާ ނުލައި ހިޔާ ފްލެޓްގެ އަގުގެ ގޮތުގައި މި މި ސަރުކާރުން ކަނޑަައަޅާފައި ވަނީ 7،500ރ. އެވެ. ޑައުންޕޭމަންޓާ އެކު ކުއްޔަށް ދޭ ނަމަ އެ އަދަދު ކުޑަވާނެ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެފައިވެ އެވެ.

ފްލެޓް ލިބުނު މީހުން އެއްބަސްވުމުގައި ސޮއިކުރުމާއި ތަޅުދަނޑި ހަވާލުކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ. އެކަމަކު، ތަޅުދަނޑި މިމަހުގެ ތެރޭގައި ހަވާލުކުރެވޭ ވަރުވާނެ ކަމަށް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް މީގެ ކުރިން ވިދާޅުވެފައި ވެ އެވެ.