10 މެއި 2021 - 13:46

ލޯތްބާއި އޯގާތެރިކަމާ އެކު ކުޑަކުދިން ތަރުބިއްޔަތުކުރަން ޖެހޭނެ ކަމަށާއި އިހްތިރާމާއި ކިޔަމަންތެރިކަން ކުދިންނަށް ދަސްވާނީ އޭރުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރާ ރާއްޖޭގެ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ ފޮނުއްވައި ނެރުއްވި ހިތާބުގައި ރައީސް ވިދާޅުވި މުޖުތަމައުއަށް ބޭނުންތެރި، ބަސްވިކޭ ބަޔަކަށް ކުޑަކުދިން ހެދޭނީ އެ ކުދިންނާ މުއާމަލާތްކުރުމާއި ގޭތެރެ އާއި ބޭރުގައި އުޅޭއިރު ވެސް އެ ކުދިންނަށް ރީތި ނަމޫނާ ދެއްކި މިންވަރަކުންނެވެ.
އޯގާތެރިކަމާއި ކުލުނާއި ލޯތްބާއި އަޅައިލުމާއި އަދި އެކުވެރިކަން ފަދަ ދިރިއުޅުމުގެ އެންމެ މުހިންމު ސިފަތަކަށް އެކުދިން ހާނުވާއިރު، ހާއްސަ އިސްކަމެއް ދީގެން އިސްލާމްދީނުގެ ސައްހަ އަގީދާގެ މަތީގައި އެކުދިން ތަރުބިއްޔަތު ކުރުމަށް ވެސް ރައީސް އެދިވަޑައިގަތެވެ.
ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނަށް މިދިޔަ އަހަރު ކުރީކޮޅު އަމަލުކުރަން ފެށިކަން ފާހަގަކުރައްވަމުން ރައީސް ވަނީ ވިދާޅުވީ ސަރުކާރުން ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށާއި އަދުލު އިންސާފު ހޯދައިދިނުމަށް މުހިންމު މަސައްކަތްތަކެއް ކުރާ ކަމަށެވެ.
ކުޑަކުދިންގެ ހައްގުތަކާ ގުޅިފައިވާ މައްސަލަތަކަކީ ހަމައެކަނި ގާނޫނަކުން ހައްލުކުރެވޭނެ ކަންކަމެއް ނޫން ކަމަށާއި އެއަށް ވުރެ މާ ފުޅާ ދާއިރާއެއްގައި އެކަމަށް މަސައްކަތް ކުރަންޖެހިފައިވާ ކަމަށް ވިދާޅުވި އެވެ. އެފަދަ މައްސަލަތައް ހައްލުކުރުމުގައި ސަރުކާރާއި ރައްޔިތުންގެ މަޖިލީހާއި ޝަރުއީ ދާއިރާ އަދި މުޅި ދައުލަތުގެ ބައިވެރިވުން ބޭނުންވާނެ ކަމަށް ވެސް ވިދާޅުވި އެވެ.