10 މެއި 2021 - 12:33

މިލާން (10 މެއި) - އަންނަ މަހު ފަށާ، ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ސްވިޑެންގެ ފޯވަޑް ޒްލަޓާން އިބްރަހިމޮވިޗަށް ކުޅެވިދާނެ ކަމާމެދު ސުވާލު އުފެދިއްޖެ އެވެ.
ސެރީ އާ ގައި، ރޭ ޔުވެންޓަސް އާ ދެކޮޅަށް ކުޅުނު މެޗުގައި، އިބްރަހިމޮވިޗްގެ ކަކުލަށް އަނިޔާވުމުން އޭނާ ބަދަލުކުރަން ޖެހުނެވެ.
"މެޗުގެ ކުރިން ވެސް އިބްރާ ހުރީ މުޅިން ފިޓްކޮށެއް ނޫން. މިހާރު އޭނާ އުޅެނީ ކަކުލަށް ތަދުވާތީ. އަހަރެމެން އުންމިދު ކުރަން އޭނާގެ އަނިޔާ މާ ބޮޑަށް ސީރިއަސް ނުވާނެކަމަށް،" މެޗަށް ފަހު، އޭސީ މިލާންގެ ކޯޗް ސްޓެފަނޯ ޕިއޯލީ ބުންޏެވެ.
ނަމަވެސް އޭނާގެ އަނިޔާގެ ތަފުސީލެއް އަދި ނުލިބެ އެވެ. އޭނާގެ ކެރިއާގައި ކަކުލުގެ އަނިޔާގެ ގިނަ މައްސަލަތަކެއް ކުރިމަތި ވި އެވެ. މެންޗެސްޓާ ޔުނައިޓެޑްގައި ހޭދަ ކުރިއިރު، ޔޫރޮޕާ ލީގުގައި ބެލްޖިއަމްގެ އަންޑާލެކްޓް އާ ދެކޮޅަށް ކުޅުނު މެޗުގައިވެސް އޭނާގެ ކަކުލަށް އަނިޔާވެ އެ ސީޒަންގައި އޭނާއަށް އުނދަގޫ ކުރިމަތިވި އެވެ. ޔުނައިޓެޑުން އޭނާގެ ކޮންޓްރެކްޓް އާ ނުކުރުމުން އިބްރަމޮވިޗް ބަދަލުވީ އެމެރިކާގެ މެޖާ ލީގުގެ އެލްއޭ ގެލްކްސީ އަށެވެ.
ގައުމީ ޓީމުން ރިޓާޔާ ކުރިތާ ފަސް އަހަރު ފަހުން، ރިޓަޔާމެންޓް އުވާލުމަށް ފަހު އިބްރޮހިމޮވިޗް އަލުން ސްވިޑެންގެ ގައުމީ ޓީމަށް ކުޅެން ފެށީ މާޗް މަހު އެވެ. އޭނާގެ އުންމީދަކީ މިއަހަރު ޔޫރޯގައި ކުޅުމެވެ. އެހެންނަމަވެސް މީގެ ކުރިން އޭނާއަށް ލިބުނު ކަކުލުގެ އަނިޔާތަކަށް ބަލައި މީޑިއާތަކުން ބުނަނީ އޭނާއަށް ޔޫރޯގައި ކުޅެވޭނެ ކަމުގެ ޔަގީން ކަމެއް ނެތް ކަމަށެވެ.
ޔޫރޯގައި ސްވިޑެން ކުޅޭ ފުރަތަމަ މެޗު އަންނަ މަހު 14 ގައި ނުކުންނާނީ ސްޕެއިން އާ ދެކޮޅަށެވެ.