10 މެއި 2021 - 10:55

ކޮވިޑް ޖެހިގެން ރާއްޖޭގައި މިއަދު ވެސް މީހަކު މަރުވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، އައިޖީއެމްއެޗުގެ އިމަޖެންސީ ރޫމުގައި އެޑްމިޓްކޮށްފައި އޮތް އުމުރުން 75 އަހަރުގެ ދިވެހި އަންހެނަކު ރޭ ފަތިހު މަރުވެފައިވާ ކަމަށެވެ.
އެއީ ރާއްޖޭގައި ކޮވިޑްގައި މަރުވި 85 ވަނަ މީހާ ކަމަށް އެ އިދާރާ އިން ބުނެ އެވެ.
ކޮވިޑް ބަލީގައި އިއްޔެ ވެސް އެކަކު މަރުވި އެވެ. އެ ބަލި ޖެހިގެން މަރުވާ މީހުން އިތުރުވަމުން ދާއިރު، މިދިޔަ ބުރާސްފަތި ދުވަހަކީ ރާއްޖެ އިން އެެއް ދުވަހެއްގައި އެންމެ ގިނަ ބަޔަކު ކޮވިޑްގައި މަރުވި ދުވަހެވެ. އެ ދުވަހު ފަސް މީހަކު މަރުވެފައިވެ އެވެ.
މިދިޔަ ހުކުރު ދުވަހު ވެސްް ހަތަރު މީހަކު މަރުވި އެވެ.
ކޮވިޑްގެ ހަތަރުވަނަ ރާޅުގައި މިހާރު ރާއްޖެ އޮތްއިރު ކޮންމެ ދުވަހަކު އެ ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދުތައް އުޅެނީ މިއިން ދުވަހަކު އެއް ދުވަހެއްގައި ޕޮޒިޓިވް ނުވާ ވަރަށެވެ. އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް ޕޮޒިޓިވްވާ އަދަދު 700 އިން މައްޗަށް އަރަ އެވެ.
މި ހާލަަތު ކޮންޓްރޯލް ކުރަން އިތުރު ފިޔަވަޅުތައް އަަޅަމުން އަންނައިރު މި ފިޔަވަޅުތަކާ އެކު ވެސް ހާލަތު ކޮންޓްރޯލް ނުވާ ނަމަ ލޮކްޑައުން އަކަށް ދާނެ ކަމުގެ އިންޒާރު މި ފަހުން ސަރުކާރުން ވަނީ ދީފަ އެވެ.