އަދިތިޔާގެ އަންހެން ދަރިފުޅު ބޮލީވުޑަށް ނުނުކުތީ ކަންގަނާއާ ހެދި
އަދިތިޔާގެ އަންހެން ދަރިފުޅު ބޮލީވުޑަށް ނުނުކުތީ ކަންގަނާއާ ހެދި

ކެރިއަރުގެ އެންމެ ކުރީކޮޅު ބަތަލާ ކަންގަނާ ރަނާވަތު، އޭނާ އަށް ވުރެ އެތައް އަހަރެއް ދޮށި އެކްޓަރު އަދިތިޔާ ޕަންޗޯލީއާ ލޯބީގެ ގުޅުމެއް ބޭއްވި ވާހަކަ އާއި ފަހުން އެ ގުޅުން ބޮޑު ހާޖާނުގަނޑަކަށްވި ވާހަކަ އަކީ މިހާރު ވެސް މީޑިއާތަކުގައި ދެކެވެމުންދާ ވާހަކައެކެވެ. އަދިތިޔާ، 56، އަކީ ބަތަލާ ޒަރީނާ ވައްހާބްގެ ފިރިމީހާ އެވެ. އަދި 2015 ގައި ފިލްމު "ހީރޯ" އިން ބޮލީވުޑަށް ނުކުތް ސޫރަޖް ޕަންޗޯލީގެ ބައްޕަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން އާއިލާގެ އެހެން މެމްބަރުންނެކޭ އެއްގޮތަށް އަދިތިޔާގެ އަންހެން ދަރިފުޅު ސަނާ ޕަންޗޯލީ، 32، ވެސް ބޭނުންވީ ފިލްމު ކުޅޭށެވެ. އަދި އޭނާ އަށް ލިބުނު ފުރަތަމަ ފިލްމަކީ ޑައިރެކްޓަރު ސުނީލް ދަރުޝަން 2007 ގައި ގެނެސްދިން "ޝަކަލަކަ ބޫމް ބޫމް" އެވެ. އެ ފިލްމުން ސަނާ އެކްޓިން ކެރިއަރު ފަށަން އޮއްވައި އެކަން ވިއްސިވިހާލިވީ، ރިޕޯޓްތައް ބުނާ ގޮތުން ކަންގަނާއާ ހެދި އެވެ.

ސަބަބަކީ ފިލްމަށް ސަނާ ނަގާފައި ވަނިކޮށް އޭނާގެ ބަދަލުގައި ކަންގަނާ ފިލްމަށް ނެގުމެވެ. އެ ހިސާބުން ސަނާ އެކްޓްކުރުމުގެ ހިޔާލު ދޫކޮށްލީ އެވެ. އަދި ފަހުން ލިބުނު އެއްވެސް ފުރުސަތެއްގެ ބޭނުން އޭނާ ހިފާކަށް ބޭނުމެއް ނުވި އެވެ. ސަބަބަކީ އަލަށް ސޮއިކުރި ފިލްމު ބައްޕަގެ ލޯބިވެރިޔަކާ ހެދި ގެއްލިގެން ދިއުމެވެ.

މީޑިއާތަކުން ބުނީ "ޝަކަލަކަ ބޫމް ބޫމް" ގެއްލުމުން ސަނާ ފިލްމު ކުޅުމުގެ ހިޔާލު ދޫކޮށްލުމަށް ފަހު، ނުކުތީ ހޮޓެލް އިންޑްސްޓްރީއަށް ކަމަށެވެ. އެގޮތުން އޭނާ އަކީ މިހާރު ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ ވިޔަފާވެރިއެކެވެ.

"ޝަކަލަކަ ބޫމް ބޫމް" އަކީ ކަންގަނާ އާއި ބޮބީ ޑިއޯލް އާއި އުޕޭން ޕަޓޭލްގެ އިތުރުން ސެލީނާ ޖެއިޓްލީ ފެނިގެން ދޮޔަ ފިލްމެކެވެ. އަދި އެއީ ބެލުންތެރިންގެ މާ ބޮޑު ތަރުހީބެއް ވެސް ލިބުނު ފިލްމެއް ނޫނެވެ.

"ޝަކަލަކަ ބޫމް ބޫމް" އަކީ 2006 ގެ "ގޭންގްސްޓާ" އިން ބޮލީވުޑަށް ނުކުތުމަށް ފަހު، ރިލީޒްވި ކަންގަނާގެ ތިން ވަނަ ފިލްމެވެ. އެ މިއުޒިކަލް ޑްރާމާގައި އޭނާ ކުޅުނު ރޫހީ ކިޔާ ކެރެކްޓާއެކެވެ.

އަދިތިޔާގެ އަންހެން ދަރިފުޅު ފިލްމު ކުޅުމުގެ ހިޔާލު ދޫކޮށްލި އިރު، ފިރިހެން ދަރިފުޅު ސޫރަޖަކީ ވެސް މިހާތަނަށް މާ ކާމިޔާބު އެކްޓަރެއް ނޫނެވެ. އޭނާގެ ކެރިއަރަށް އެޅުނު އެންމެ ބޮޑު ހުރަހަކީ 2013 ގައި ދަންޖެހިގެން މަރުވި ބަތަލާ ޖިއާ ޚާންގެ މަރާ ގުޅިގެން ތުހުމަތުތަކެއް ކުރެވުމެވެ.

ސޫރަޖް އެންމެ ފަހުން ފެނިފައި ވަނީ ކެޓްރީނާ ކައިފްގެ ކޮއްކޮ އީޒަބެލް ކައިފް ބޮލީވުޑަށް ތައާރަފުކުރަން މާޗްގައި ރިލީޒްކުރި "ޓައިމް ޓު ޑާންސް" އިންނެވެ.