09 މެއި 2021 - 23:40

އެމްޑީޕީގެ އެތެރޭގެ ކޮންމެ އިންތިޚާބެއްގައި ވެސް ވާދަވެރިކަން ބޮޑު ކަމަށާއި ޕާޓީގެ އެއްބައިވަންތަކަން ވަރުގަދަކުރުން މުހިންމުވެފައިވާ މި ވަގުތު އިންތިޚާބު ބޭއްވުމާ މެދު ވިސްނާލަންޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.

އޮންލައިންކޮށް ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ 173 ވަނަ ޖަލްސާގައި ރައީސް މިހެން ވިދާޅުވީ ޕާޓީގެ ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާގައި ވަރަށް ބޮޑަށް ޒަޚަމްވެ ފަރުވާ ހޯއްދަވަމުން ގެންދަވާތީ މިހާރުގެ ހާލަތަށް އިޝާރާތްކުރައްވަމުންނެވެ.
ނަޝީދުގެ ހާލުކޮޅާއި ހަމަލާގެ ތަހުގީގު ކުރިއަށްދާ ގޮތް ޕާޓީގެ މެމްބަރުންނާ ހިއްސާކުރެއްވުމަށް ބޭއްވި މި ޖަލްސާގައި ރައީސް ވިދާޅުވީ ޕާޓީގެ ކޮންމެ އިންތިހާބަކީ ޕާޓީގެ އެތޭރެގެ ވާދަވެރިކަން ވަރަށް ބޮޑުވެގެން ދާ ވަގުތެއް ކަމަށެވެ.
"މި ދަނޑިވަޅަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ޕާޓީގެ ބަދަހިކަމަށް ވަރަށް މުހިންމު ވަގުތެއް. އެހެންކަމުން މި އިންތިހާބު މި ވަގުތު ބޭއްވުމާ މެދު އަޅުގަނޑުމެން އެންމެ ވިސްނާލުން ބުއްދިވެރި،" ރައީސް ވިދާޅުވި އެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިޚާބު ބާއްވަން ނިންމާފައި ވަނީ މި މަހު 29 ގަ އެވެ. ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ވިޔަސް ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު އިންތިޚާބު އޮންނާނެ ކަމަށް ކުރިން ވަނީ ބުނެފަ އެވެ.
މި އިންތިހާބުގައި އެމްޑީޕީގެ 455 މަގާމަށް މީހުން އިންތިހާބު ކުރުމަށް ހުޅުވާލާނެ އެވެ. އަދި ވޯޓުލުމުގެ ހައްގު، އެމްޑީޕީގެ ދަފުތަރުގައި ހިމެނޭ 93،354 މީހަކަށް ލިބޭނެ އެވެ.
ރައީސް މިރޭ ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ނަޝީދަށް ދިން ހަމަލާއާ އެކު ޕާޓީގެ ހުރިހާ މެމްބަރުން ވެސް ތިބީ ބޮޑު ކަންބޮޑުވުމެއްގެ ތެރޭގައި ކަމަށެވެ. މި މައްސަލައިގެ ތަހުގީގުގައި އެންމެ މުހިންމު އަމާޒެއް ކަމުގައި ދެކެވަޑައިގަންނަވަނީ މި އަމަލުގެ ފަހަތުގައި ތިބި މީހުން ގާނޫނުގެ ކުރިމައްޗަށް ގެނައުން ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ވީހާ ވެސް އަވަހަކަށް އިންސާފު ގާއިމްކުރައްވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވި އެވެ.
"މިއީ މިހާތަނަށް ރާއްޖޭގައި ދެވުނު އެންމެ ނުރައްކާތެރި ޓެރަރިސްޓް ހަމަލާ،" ރައީސް ވިދާޅުވި އެވެ.
ނަޝީދު ދިރިއުޅުއްވާ ގ. ކެނެރީގެ ކައިރީގައި ޕާކްކޮށްފައި ހުރި ސައިކަލެއްގައި އެއްޗެއް ގޮއްވާލުމުން ނަޝީދާއި އެ މަނިކުފާނުގެ ބޮޑީގާޑުންނާއި އާންމުންގެ ބަޔަކަށް ވަނީ އަނިޔާވެފަ އެވެ. އެ އަނިޔާތަކަށް ނަޝީދު ގެންދަވަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުންނެވެ.
މި މައްސަލައިގައި ތުހުމަތުކުރެވޭ ތިން މީހަކު ފުލުހުން މިހާތަނަށް ވަނީ ހައްޔަރުކޮށްފަ އެވެ.
މިއަދު މެންދުރު ނަޝީދުގެ ހާލު ބައްލަވާލެއްވުނަށް ރައީސް ހޮސްޕިޓަލަށް ވަޑައިގަތެވެ. މި ބައްދަލުވުމުގައި އެ މަނިކުފާނުގެ އަމިއްލަ ބައެއް ވާހަކަފުޅުތަކާއި ބޭސްފަރުވާއާ ބެހޭގޮތުން ވާހަކަދެއްކެވި ކަމަށް ރައީސް ވިދާޅުވި އެވެ. އަދި މީގެ އިތުރުން އެހެން ބައެއް ވާހަކަތައް ހިއްސާކުރެއްވި ކަމަށް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑަށް ފާހަގަވީ އެ މަނިކުފާނުގެ ހިތްވަރާއި އަޒުމަށް ކުޑަ ވެސް ބަދަލެއް ނާންނަކަން."
މި ހަމަލާގެ ތަހުގީގަށް މިހާތަނަށް ބޮޑު ކުރިއެރުމެއް ލިބިފައިވާކަން ވެސް ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ނަޝީދުގެ ސެކިއުރިޓީ ބަލަހައްޓަމުން ގެންދިޔަ ގޮތުގެ ރިޕޯޓެއް މިރޭ ލިބިވަޑައިގެންފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. އަދި ދައުލަތުން ސެކިއުރިޓީ ދޭ އެހެން ފަރާތްތަކުގެ ރިޕޯޓެއް ހުށަހެޅުމަށް ވެސް އެމްއެންޑީއެޕްގައި އެދިވަޑައިގެންފައިވާ ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ސެކިއުރިޓީ އާއި އިންޓެލިޖެންސް ކަންކަން ރޭވިފައިވާ ގޮތް މުރާޖާކުރަންޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
"ޓެރަސްޓިންގެ ބޭނުމަކީ އަޅުގަނޑުމެންގެ މެދުގައި ބިރުވެރިން އުފެއްދުން. އަމަންއަމާންކަން ނަގައިލުން. ސުލްހަވެރިކަން ނެތިކޮށްލުން. ޝައްކު އުފައްދާ ގައުމު ފިތުނަފަސާދައިގެ ތެރެއަށް ވައްޓާލުން. އަދި މުޖުތަމައުގެ ތެރޭގައި އޮތް ބަދަހި ސަފުތައް ރޫޅާލުން،" ޕާޓީއެއްގެ ގޮތުގައި އެމްޑީޕީންނާއި އަދި މި ސަރުކާރުން ވެސް އެ ފުރުސަތު ނުދޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.