09 މެއި 2021 - 23:12

އަތުކުރީ ގަޑީގެ ދިވެހި ފުރަތަމަ ބްރޭންޑް، "މޯލްޑިވްސް ވޭވް"ގެ ޝޯރޫމެއް މާލޭގައި ހުޅުވައިފި އެވެ.

މި ޝޯރޫމް ހުޅުއްވައިދެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. މި ޝޯރޫމް ހުންނާނީ ޗާންދަނީ މަގުގެ ޓޫރިސްޓް ފިހާރަތައް ހުންނަ ސަރަހައްދުގަ އެވެ.

މޯލްޑިވްސް ވޭވްގެ ޝޯރޫމުގައި އެ ބްރޭންޑުގެ ހުރިހާ ވައްތަރެއްގެ ގަޑިތައް ޝޯކޭސް ކޮށްފައިވާއިރު މިއީ އެ ސަރަހައްދުގައި ހުޅުވި އެންމެ ލަގްޒަރީ ޝޯރޫމެވެ. މިތަނުން ގަޑިތައް ބަލައިލުމުގެ އިތުރުން ސާވިސްކޮށްދިނުމުގެ ހިދުމަތް ވެސް ލިބޭނެ އެވެ.

މި ޝޯރޫމް ހުޅުވާފައި ހުންނާނީ ކޮންމެ ދުވަހެއްގެ ހެނދުނު 9:00ން ރޭގަނޑު 9:00އަށެވެ.
މޯލްޑިވްސް ވޭވް އަކީ ކުޑަ ދުވަސް ކޮޅެއްގެ ތެރޭގައި ދިވެހިންގެ މެދުގައި މަގުބޫލުވެފައިވާ މޮޅު ބްރޭންޑެކެވެ. މި ބްރޭންޑުގެ ގަޑިތަކަކީ ދިވެހި އެކި ކަންކަމާ ގުޅޭ ޑިޒައިންތަކަށް ތައްޔާރު ކޮށްފައިވާ ގަޑިތަކެވެ. މީގެ ތެރޭގައި "ވެލާ ސީރީޒް" އާއި "ބޮޑު ބެރު ސީރީޒް" އަދި "ރަންބޮލި ސީރީޒް" ހިމެނެ އެވެ.
މި ބްރޭންޑުގެ އެމްބެސެޑަރުންނަކީ ވެސް މިވަގުތު ރާއްޖޭގައި އެކި ދާއިރާތަކުން ތިބި އެންމެ ކާމިޔާބު މީހުންނެވެ. އެގޮތުން، ފުޓޫބޯޅައިގެ އެންމެ މަޝްހޫރު ކުޅުންތެރިއާ އަލީ އަޝްފާގާއި ލަވަކިޔުންތެރިޔާ ޝަލަބީ އިބްރާހިމް އާއި ޓީވީ ޕްރެޒެންޓަރު މަރިޔަމް ވަހީދާ އާއި ބެޑްމިންޓަން ކުޅުންތެރިން، ފާތިމަތު ނަބާހާ އާއި އާމިނަތު ނަބީހާ ހިމެނެ އެވެ.
މޯލްޑިވްސް ވޭވްގެ ގަޑިތައް ރާއްޖެއަށް ތައާރަފު ކުރުމަށްފަހު އެންމެ ފުރަތަމަ ގަޑިތައް ވިއްކަމުން އައީ އޮންލައިން ކޮށެވެ. މިގޮތަށް ގަޑިތައް ވިއްކަމުން އައުމަށްފަހު އެއް އަހަރު ފަހުން ޝޯރޫމެއް ހުޅުވީ ކަސްޓަމަރުންގެ އެދުމުގެ މަތިން ކަމަށް އެ ކުންފުނިން ބުނެ އެވެ. އަދި މިއީ ކަސްޓަމަރުންނާއި އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމެއް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ސޯޝަލް މީޑިއާގައި މޯލްޑިވްސް ވޭވްގެ ޕޭޖު 25،000އަށް ވުރެ ގިނަ މީހުން ފޮލޯ ކުރެ އެވެ.