ހަމަޖެހިލަން އަދުހަމު ޖައްސާލި ފައިން މުހިންމު ހެއްކެއް
ހަމަޖެހިލަން އަދުހަމު ޖައްސާލި ފައިން މުހިންމު ހެއްކެއް

ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އައިއީޑީ ގޮއްވާލި ކަމަށް ފުލުހުން ތުހުމަތުކުރާ އަދުހަމް އަހުމަދު ރަޝީދު ހަމަލާގެ ވަގުތު އުޅުނު ގޮތް ފުލުހުން މިއަދު ސީސީޓީވީ ފުޓޭޖަކުން ދައްކާލި އިރު އޭނާ ހުރީ ވަރަށް ހަމަޖެހިލައިގެން އިންތިޒާރެއްގަ އެވެ. މަޑުމަޑުން ހިނގަމުން ފޯނުން ވާހަކަ ދައްކަމުން ގޮސް، ފަހަތަށް ފާރުގައި އެއް ފައި ޖައްސާލައިގެން ހުއްޓިލަނީ ނަޝީދު ވަޑައިގަންނަވާ ތަން ފެންނަ ހިސާބުގަ އެވެ.

މަންޒަރުތަކަށް ބެލުމުން ގަބޫލުކުރެވެނީ ނަޝީދު ކާރާ ދިމާލަށް ވަޑައިގަންނަވާކަން އަދުހަމަށް އެނގުމުން ހަމަލާ އަށް ތައްޔާރުވެލަން ގޮސް ހަމަޖެހިލަނީ ކަމަށެވެ. ޖީބުން އެއްޗެއް ނަގާ ކަމަށް ވެސް ބެލެވެ އެވެ. އޭނާ ހުއްޓި ހުރި ގޯޅިގަނޑު ތެރެއިން ބޭރަށް ނުކުތުމާ އެކު ފެންނަނީ އައިއީޑީގެ ހުޅުގަނޑާ އެކު މީހުންތައް ދުއްވައިގަންނަ ތަނެވެ. ގޮވުމާ އެކު އެހެން މީހުން އެ ތިބި ތަނަކުން ހިމާޔަތް ހޯދަން ކުއްލިއަކަށް ދުއްވައިގަތް ނަަމަވެސް އެ ހިސާބުގައި މަޑުކޮށް ވީގޮތެއް ބަލަ އެވެ. އެކަމަކު އަދުހަމް ދުވެ ފިލީ އެވެ.

ހަމަލާ އަށް 48 ގަޑިއިރު ފަހުން އަދުހަމް ހައްޔަރުކުރީ ފުލުހުން ބުނި ގޮތުގައި އާންމުންގެ ފަރާތުން ލިބުނު މައުލޫމާތުގެ އެހީގަ އެވެ. ހަމަލާ އަށް ފަހު ލިބުނު ސީސީޓީވީ ފުޓޭޖުން އެއީ އަދުހަމުކަން ނޭނގޭ ކަމަށް ފުލުހުން ކުރިން ހާމަކުރި މައުލޫމާތުން އެނގެ އެވެ. އެހެންވެ އެއީ ކާކުކަން ދެނެގަތުމަށް އާންމުންގެ އެހީ އަށް އެދުނެވެ. އެކަމަކު ފުލުހުން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ރިޔާޒް ވިދާޅުވި ގޮތުގައި ހަމަލާ ދިން ކަމަށް އެންމެ ބޮޑަށް ތުހުމަތުވާ އަދުހަމު އެ ވަގުތު، ހާދިސާ ހިނގި ތަނުގައި ހުރިކަން ވަނީ ފޮރެންސިކް އެވިޑެންސުން ސާބިތުވެފަ އެވެ.

ރިޔާޒު ވިދާޅުވި ގޮތުގައި އަދުހަމް މަޑުކޮށްލައިގެން ހުރީ ޝަައްކުކުރެވިދާނެތީ، ހަމަޖެހިގެން ހުރިކަން ދެއްކުމުގެ ގޮތުން ނަމަވެސް އަދުހަމު ފާރުގައި ފައި ޖެއްސި ތަންތަނުގެ ފޫޓް ޕްރިންޓް ވަނީ ލިބިފަ އެވެ. ފޮރެންސިކުން ނެގި އެ ސާމްޕަލްތައް، ރޭ ފަތިހު، 4:25 ހާއިރު ހުޅުމާލެއިން އަދުހަމު ހައްޔަރުކޮށް ބެލި އިރު އޭނާއާ ދިމާވެ އެވެ.

ފުލުހުން އާންމުކުރި ވީޑިއޯގައި، އަދުހަމްގެ އަތުގައި ރިމޯޓެއް ކަހަލަ އެއްޗެއް އޮންނަކަން އެނގެ އެވެ. ރިޔާޒް ވިދާޅުވި ގޮތުގައި އައިއީޑީ ގޮވުމާ އެކު އަދުހަމް އުޅުނު ގޮތް އެތަނުގައި ތިބި އެހެން މީހުން އުޅުނު ގޮތާ ތަފާތެވެ.

"އޭނާގެ ހަރަކާތްތައް ހުރި ގޮތާއި އެ ވަގުތު އެތަނުގައި ތިބި އެހެން މީހުން އެ ހާދިސާ ހިނގުމުން ހަރަކާތްތެރިވި ގޮތާ ވަރަށް ބޮޑަށް ތަފާތުކޮށް. އެހެން މީހުންގެ ފަރާތުން ނެޗުރަލް ރިއެކްޝަނެއް ފެނުނުއިރު އޭނާގެ ފަރާތުން ފެނުނީ ދުރާލާ އެކަމަށް ތައްޔާރުވެގެން ހުރުމަށް ފަހު ކުޑަކޮށް ބޭރަށް ނިކުތުމަށް ފަހު އެތަނުގެ ތަބާ ނިވާވެފައި ބޮން ގޮއްވާލުމަށް ފަހު، ދެން ބޭރަށް ނިކުމެގެން ދިޔަ ތަން،" ރިޔާޒު ވިދާޅުވި އެވެ.

ހަމަލާއަށް ފަހު އޭނާ ދުވެފައި ދިޔަ ގޮތުގެ އެނިމޭޓެޑް ވީޑިއޯ ވެސް ފުލުހުން ވަނީ ދައްކާލައިފަ އެވެ. އެއިން އެނގޭ ގޮތުގައި ފުރަތަމަ ދުވެފައި، އަދި ފަހުން ވަރަށް ބާރަށް ހިނގާފައި އޭނާ ގޮސް ވަނީ ހަމަލާގެ ތުހުމަތަށް އިއްޔެ ހައްޔަރުކުރި މުޖާޒު އަހުމަދުއާ އެވެ. އޭގެ ފަހުން ދެ މީހުން އެކުގައި ހިނގާފައި ދިޔަ މަގުތަކުގެ ސީސީޓީވީ ފޫޓޭޖްގެ އެހީގައި ދެނެގަނެވިފައިވާ ކަމަށް ވެސް ރިޔާޒު ވިދާޅުވި އެވެ.

ފިލަން ދިއުމުގެ ތެރޭގައި ޕާކުތަކާއި ޖަލާލުއްދީންް މިސްކިތުގެ ތެރޭގައި ވެސް އޭނާ ވަގުތު ހޭދަކުރި އެވެ.

ނަޝީދަށް ހަމަލާ ދިން މައްސަަލައިގައި އިއްޔެ ހައްޔަރުކޮށްފައި ވަނީ މއ. ފޭރުގެ، މުޖާޒް އަހުމަދު 21، ގެ އިތުރުން ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީނު އަހުމަދު 32، އެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި ނަޝީދަށް ހަމަލަ ދިނުމަށް ބޭނުންކުރި އައިއީޑީ ހަރުކޮށްފައި ވަނީ ތަހުމީނުގެ ސައިކަލުގަ އެވެ. ނަމަވެސް ހަމަލަދިނުމުގެ ބޭނުމުގައި އޭނާގެ އެ ސައިކަލްގެ ނަމްބަރު ބަދަލުކޮށް، އިންޖީނުގެ ނަމްބަރު ހުރީ ފޮހެލައިފަ އެވެ. އެކަމަކު ފުލުހުން ވަނީ ނަންބަރު ދެނެގަނެ އޭނާއާ ސައިކަލާ އޮތް ގުޅުން ޔަގީންކޮށްފަ އެވެ.

ހައްޔަރުކުރި ތިން މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން މިހާރު ވަނީ 15 ދުވަހުގެ މުއްދަތެއް ދީފަ އެވެ.