09 މެއި 2021 - 18:50

ފެމިލީ ކޯޓުން ކައިވެނިކޮށްދޭ ދުވަސްތަކަށް ބަދަލު ގެނެސް، ކައިވެނިކޮށް ދިނުން ކޮންމެ ހަފުތާއެއްގެ ދެ ދުވަހު ކުރިއަށް ގެންދަން ހަމަޖައްސައިފި އެވެ.
ފެމިލީ ކޯޓުން ބުނީ ކޮވިޑް-19 ގެ ސަބަބުން ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކުރަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އަނެއްކާވެސް އަންގާފައިވާތީ ކައިވެނިކޮށް ދޭ ދުވަސްތަކަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.
އެގޮތުން މާދަމާ އިން ފެށިގެން އެ ކޯޓުން ކައިވެނިކޮށް ދޭނީ ކޮންމެ ހަފުތާއެއްގެ ހޯމަ ދުވަހާއި ބުރާސްފަތި ދުވަހުގެ ރަސްމީ ގަޑީގައި އެކަނި ކަމަށް އެ ކޯޓުން ބުންޏެވެ. އެ ގަޑީގައި އޮންލައިންކޮށް އަދި ކޯޓަށް ހާޒިރުވެގެން ވެސް ކައިވެނި ކުރެވޭނެ ކަަމަށް ފެމިލީ ކޯޓުން ބުންޏެވެ.
ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވާ މީހުންގެ އަދަދު އަނެއްކާވެސް ކުއްލިއަކަށް އިތުރުވާން ފެށުމުން ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށް، ވަކި ވަގުތެއްގައި މާލެ ސަރަހައްދުގައި ދަނީ ކާފިއު ހިިންގަމުންނެވެ. އަދި އަތޮޅު ތެރޭގެ ބައެއް ރަށްރަށުގައި ވެސް ކާފިއު ދަނީ ހިންގަމުންނެވެ.