10 މެއި 2021 - 10:10

ފޮޓޯތައް ގެއްލުވައިނުލައްޗެވެ! ލިމިޓެއް ނެތް ގޮތަށް ގޫގުލް ފޮޓޯސްގައި ފޮޓޯތަކާއި ވީޑިއޯތައް ރައްކާކުރަން ލިބުނު ފުރުސަތު އަންނަ މަހުގެ 1 އަށް ހަމަވާނެ އެވެ. ގޫގުލް މިކަން އިއުލާންކޮށްފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ.
ޖޫން 1 އިން ފެށިގެން އަގަކާ ނުލައި ގޫގުލް ފޮޓޯސްގައި ހަނދާންތައް ރައްކާކޮށްލަން ލިބޭނީ 15 ޖީބީއާ ހަމަޔަށެވެ. އެހެންވެ، 15 ޖީބީ އަށް ވުރެ ގިނައިން ފޮޓޯ ހުރި މީހުން އޭގެ ކުރިން ފޮޓޯތަކުގެ ބެކަޕް ހަދައި ނަގަން ޖެހޭނެ އެވެ.
އެއަށް ވުރެ އިތުރަށް ބޭނުން ކުރެވޭނީ ފީ ދައްކައިގެންނެވެ. އެގޮތުން ތިން ޕްލޭނެއްގެ ދަށުން އަގު ނަގާނެ އެވެ. އެއީ 200 ޖީބީ އަށް މަހަކު 2.99 ޑޮލަރު، 2ޓީބީ އަށް މަހަކު 9.99 ޑޮލަރު އަދި 30 ޓީބީ އަށް 149.99 ޑޮލަރެވެ.
ޖޫން 1 އިން ފެށިގެން 15 ޖީބީ އަށް ސްޓޯރޭޖް ގާތްވުމުން ގޫގުލް އިން ނޮޓިފިކޭޝަން ވެސް ފޮނުވާނެ އެވެ. ގޫގުލް އިން ބުނީ މި އުސޫލު ގޫގުލް ޕިކްސެލް ޑިވައިސްތައް ފިޔަވައި އެހެން ހުރިހާ އެއްޗަކަށް ހިނގާނެ ކަމަށެވެ.
ގޫގުލް އިން މި ގެންނަ ބަދަލާ ހެދި ބައެއް މީހުން ތިބީ ހިތްހަމަނުޖެހި ރުޅިގަދެވަފެ އެވެ. އެކަމަކު އެ ކުންފުނިން ބުނެފައިވާ ގޮތުގައި މި ބަދަލަކީ ގޫގުލް ފޮޓޯސްގެ ކޮލިޓީ ކުރިއަށް ވުރެ ރަނގަޅުކުރުމަށާއި ގޫގުލް ފޮޓޯސް މިހާރަށް ވުރެ ފުޅާކޮށް، އޭގެ ބޭނުން ހިފާ މީހުންގެ އަދަދު ވެސް އިތުރުކުރުން ކުރާ ކަމެކެވެ.
ނަމަވެސް ރުޅި އައިސް ތިބި މީހުން ބުނަނީ މީގެ ފަސް އަހަރު ކުރިން ގޫގުލް އިން ދޭން ފެށި މި ހިދުމަތް ބޭނުންކުރަން ފެށީ ފޯނަށް ގިނަވެފައި ހުންނަ ފޮޓޯތައް ފަސޭހަކަމާ އެކު މުޅި އުމުރަށް ރައްކާކުރެވޭތީ ކަމަށެވެ. މިއީ ހިލޭ ދޭ ހިދުމަތެއް ކަމަށް ބުނެ ގޫގުލް އިން މާކެޓްކުރުމަށް ފަހު އެއާ ނުލައި ނޫޅެވޭ ހިސާބަށް ދިއުމުން އަގު ނަގަން ފެށުމަކީ ވަރަށް ހީލަތްތެރި އަމަލެއް ކަމަށް ވެސް ގިނަ ބަޔަކު ބުނެފައިވެ އެވެ.