ރިތިކްގެ ނަމުގައި ކަންގަނާ އަށް އެހެން މީހަކު ލޯބީގެ މެސެޖު ފޮނުވިކަން ސާބިތެއް ނުވި
ރިތިކްގެ ނަމުގައި ކަންގަނާ އަށް އެހެން މީހަކު ލޯބީގެ މެސެޖު ފޮނުވިކަން ސާބިތެއް ނުވި

ރިތިކް ރޯޝަންގެ ނަމުގައި ކަންގަނާ ރަނާވަތަށް ލޯބީގެ އީމެއިލް ފޮނުވީ އެހެން މީހަކު ކަމަށް ބުނެ އިންޑީއާގެ ސައިބަ ކްރައިމް ބްރާންޗަށް ރިތިކްހުށަހެޅި މައްސަލައިގައި އެއްވެސް ހެއްކެއް ނެތް ކަމަށް ބުނެ މައްސަލައިގެ ފައިލް ބަންދުކޮށްފި އެވެ.

ރިތިކް ކަންގަނާއާ ރައްޓެހިވުމަށް ފަހު ލަނޑު ދިން ކަމަށް ކަންގަނާ ވާހަކަ ދެއްކުމުން، އެއީ ދުވަހަކު ވެސް ވީކަމެއް ނޫން ކަމަށް ބުނެ ރިތިކް ދިފާއުގައި ދެއްކި ވާހަކަތައް މިހާ ހިސާބުން ވަނީ ދޮގުވެފަ އެވެ.

ކަންގަނާގެ ވަކީލް ރިޒްވާން ސިއްދީގީ އިންޑިއާގެ ނޫހަކަށް ބުނެފައި ވަނީ ރިތިކް ހުށަހެޅި މައްސަލަ ސާބިތުވާނެ އެއްވެސް ހެއްކެއް ސައިބަ ކްރައިމް ބްރާންޗްގެ މަސައްކަތުން ނުހޯދިގެން ތަހުގީގު ހުއްޓާލާފައިވާ ކަމަށެވެ.

ކަންގަނާގެ ލޯޔަރު ބުނެފައި ވަނީ ރިތިކް ދޮގު ހެދިކަން ސާބިތުވުމަކީ ހައިރާންވާ ވަރުގެ ކަމެއް ނޫން ކަމަށެވެ.

މިދިޔަ ބުރާސްފަތި ދުވަހު ކްރައިމް ބްރާންޗްގެ ކޮމިޝަނާ އޮފް ޕޮލިސް ސަންޖޭ ސަކްސޭނާ ވިދާޅުވެފައި ވަނީ ދީފައިވާ އީމެއިލް އައިޑީ އިން އެއްވެސް ކަމެއް ސާފު ނުވި ކަމަށާއި ސަބަބަކީ މެއިލް ސާވާ އެމެރިކާގައި ހުރުން ކަމަށެވެ. އެހެންވެ އެ އީމެއިލް އައިޑީ ބޭނުންކުރަމުން ދަނީ ކާކުކަން އޮޅުން ނުފިލި ކަމަށް ޕޮލިސް ކޮމިޝަނަރު ވިދާޅުވި އެވެ. އެހެންވެ ހެކި ނެތުމުގެ ސަބަބުން މި މައްސަލައިގެ ފައިލް ބަންދުކޮށް މައްސަލަ ނިންމާލީ ކަމަށް އޭނާ ވިދާޅުވި އެވެ.

މިކަމާ ބެހޭ ގޮތުން ރިތިކް އަދި އެއްވެސް އެއްޗެކޭ ނުބުނެ އެވެ.