09 މެއި 2021 - 14:36

އަންނަ ހުކުރު ދުވަހު ރާއްޖޭގައި ފަށާ ދެކުނު އޭޝިއާ ޒޯންގެ ގުރޫޕް ސްޓޭޖު މެޗުތައް ފަސް ކުރުމަށް، އޭއެފްސީން ނިންމައިފި އެވެ.
އޭއެފްސީން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވަނީ، އަންނަ ހުކުރު ދުވަހުން ފެށިގެން މި މަހު 20 ވަނަ ދުވަހުގެ ނިޔަލަށް މާލޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އޭއެފްސީ ކަޕް ވަކި ގޮތެއް އަންގަންދެން ފަސް ކޮށްފައިވާ ކަމަށެވެ. އަދި މުބާރާތް އަލުން ބާއްވާނެ ތާރީހެއް ފަހުން އިއުލާން ކުރާނެ ކަމަށްވެސް އޭއެފްސީން ބުނެ އެވެ.
މުބާރާތުގައި ބައިވެރިވުމަށް ރާއްޖެއަށް ދަތުރު ކުރި ޓީމުތައްވެސް އެނބުރި ރާއްޖެއިން ފުރުމަށްވެސް އޭއެފްސީން ވަނީ އަންގައިފަ އެވެ. އޭއެފްސީ ކަޕް ކޮލިފިކޭޝަންގައި އަންގާރަ ދުވަހު ކްލަބު އީގަލްސްއާ ދެކޮޅަށް ކުޅެން މިދިޔަ ބުރާސްފަތި ދުވަހު ބެންގަލޫރު އެފްސީ ވަނީ މާލެ އައިސްފަ އެވެ.
ހޮޓެލް ޖެންގައި ކޭމްޕް ކޮށްފައިވާ ބެންގަލޫރުގެ ބައެއް ކުޅުންތެރިން އިއްޔެ ހޮޓެލުން ބޭރަށް ނުކުތް މައްސަލަ ވަނީ ފެންމަތި ވެފަ އެވެ. އޭއެފްސީގެ މުބާރާތްތަކަށް އޭއެފްސީން އެކުލަވާލާފައިވާ ގައިޑްލައިންގެ ދަށުން ޓީމު ކޭމްޕް ކުރުމަށް ފަހު މެޗަށް ނުވަތަ ޕްރެކްޓިހަށް ދާން ނޫން ގޮތަކަށް އެއްވެސް ޓީމެއްގެ ކުޅުންތެރިޔަކަށް ހޮޓަލުން ނުނިކުމެވޭނެ އެވެ.
ބެންގަލޫރުގެ ޗެއާމަން ޕާތު ޖިންދަލް ވަނީ އޭނާގެ ޓީމުގެ ކުޅުންތެރިންނަށް ހެދުނު ގޯހަށް މާފަށް އެދިވަޑައިގެންފަ އެވެ. އެ ކުޅުންތެރިންނާ ދެކޮޅަށް ފިޔަވަޅު އަޅަން ނިންމާފައިވާ ކަމަށް ވެސް ޖިންދަލް މިއަދު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، ހޮޓަލުން ބޭރަށް ނުކުތީ އެ ޓީމުގެ ބިދޭސީ ތިން ކުޅުންތެރިންނާއި ޓީމުގެ އޮފިޝަލެއް ކަމަށެވެ.
"މި ތިން ކުޅުންތެރިންނާއި އޮފިޝަލްއާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅާނަން،" ޖިންދަލް ވިދާޅުވި އެވެ.
"މިފަދަ ކަމެއް ދެން ނުހިނގާނެ ކަމުގެ ޔަގީންކަން އަހަރެމެންގެ ފަރާތުން ދެން."
ބެންގަލޫރުގެ ކުޅުންތެރިން ކޮވިޑްގެ ޕްރޮޓޮކޮލް މުގުރާލުމުން، ރާއްޖޭގެ ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފް ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކޮވިޑްގެ އުސޫލުތައް ބެންގަލޫރުގެ ކުޅުންތެރިން މުގުރާލުމުން މެޗު ކުރިއަށް ނުގެންދެވޭނެ ކަމަށް އެފްއޭއެމަށް އަންގާފައި ވާނެ ކަމަށެވެ.
އޭއެފްސީ ކަޕް ޕްލޭއޮފް މެޗުގައި، އަންނަ އަންގާރަ ދުވަހު ރާއްޖޭގެ ކްލަބު އީގަލްސްއާ ދެކޮޅަށް ބެންގަލޫރު ކުޅޭ މެޗުގައި ގަލޮޅު ދަނޑުގައި ކުޅުމަށް ވަނީ ހަމަޖައްސައިފަ އެވެ. އީގަލްސް ވެސް ވަނީ ހޮޓެލް ޖެންގައި ކޭމްޕްކޮށްފަ އެވެ. މެޗު ކުރިއަށް ނުގެންދެވޭނެ ކަމަށް މިނިސްޓަރު މަހްލޫފް ވިދާޅުވެފައިވާއިރު، ދެން އަމަލު ކުރާނީ ކިހިނެއް ކަމެއް އަދި ސާފެއް ނުވެ އެވެ.
ކޮވިޑް ކޭސްތައް ރެކޯޑް އަދަދަކަށް ގިނަ ވެފައިވާ ދުވަސްވަރެއްގައި އޭއެފްސީ ކަޕް ބާއްވަން ހުއްދަ ދިނުމުން އާންމުންނާއި ސިއްހީ ދާއިރާގެ މަސައްކަތް ކުރާ ފަރާތްތަކުން ދަނީ އެކަމުގެ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
އަންނަ ހުކުރު ދުވަހު ރާއްޖޭގައި ފަށަން ހަމަޖައްސާފައިވާ އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ ޒޯންގެ ގުރޫޕް ސްޓޭޖު ބާއްވަން ރާއްޖެއިން ބިޑް ކާމިޔާބު ކުރީ އިންޑިއާއާ ވާދަކޮށެވެ.