09 މެއި 2021 - 16:00

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ހަމަލާދިނުމުގައި ބައިވެރިވާ ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ތަހުމީން އަހުމަދަކީ ބޮޑެތި ކުށްތަކުގައި ބައިވެރިވެ ވަކިން ޖަމާއަތް ހަދައިގެން ނަމާދުކުރާ ހަރުކަށި ފިކުރުގެ މީހެއްކަން "މިހާރު" އަށް އެނގިއްޖެ އެވެ. އޭނާގެ ކުށްތަކުގެ ދިގު ލިސްޓެއް ވެސް އެބައޮތެވެ. ތަހުމީނަކީ، ރައީސް ނަޝީދަށް ދިން ހަމަލާގައި ގޮއްވާލި ސައިކަލްގެ ވެރިފަރާތެވެ.
އޭނައާ ގުޅޭ މައުލޫމާތު އެނގޭ މީހަކު ބުނިގޮތުގައި، އޮކްޓޯބަރު 2016 ގައި ވެސްޓާން ޔޫނިއަން ފަޅާލައި ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި މައްސަލައިގައި ވެސް ތަހުމީނާ އެކު އޭނާގެ ޖަމާއަތުން ބައިވެރިވި އެވެ. އެކަމަކު އެ މައްސަލައިގައި ތަހުމީން، 32، ހައްޔަރެއް ނުކުރެ އެވެ.
އޭނާއަކީ ގއ. ދިޔަދު އަށް އުފަން މީހެކެވެ. އެ ރަށުން މީހުން ބަދަލުކުރީ ކޮނޑޭ އަށެވެ. އޭނާ ރަޖިސްޓްރީ ވެފައި އޮތީ އެ ރަށު ފޮޅޭމާގޭގަ އެވެ.
މައުލޫމާތު ދިން މީހާ ބުނީ ރާއްޖެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކޮށް އެ ވިއްކުމުގައި ވެސް ތަހުމީނުގެ ބައިވެރިވުން އޮންނަ ކަމަށެވެ. އޭގެ އިތުރުން އެ އަތޮޅުގެ އެހެން ރަށެއްގެ އަންހެން ކުއްޖަކާ، އެ ކުއްޖާގެ މައިންބަފައިންގެ ނުރުހުމުގައި ކޯޓުން ބޭރުން ކައިވެނިކޮށްފައިވާ ކަމަށް ވެސް ބުންޏެވެ.
އެނގިފައިވާ ގޮތުގައި ތަހުމީން އާއިލާގެ އެހެން ބައެއް މީހުން ވެސް އެ ޖަމާއަތުގައި އުޅެ އެވެ.
"....އެގޮތުގައި ހަމަ އެ ޖަމާއަތަށް ނިސްބަތްވެގެން އެ މީހުން އެ އުޅޭ ގޮތަށް. އެ މީހުން ނަމާދުކުރަން ވެސް ނުދާނެ. އަމިއްލަ ޖަމާއަތް ހަދައިގެން ކުރާނީ. ހުކުރަކަށް ވެސް ނުދާނެ. ދެން ކުޅިވަރު ކުޅޭ ތަންތަން ހަލާކުކުރުމާއި ދެ ޖިންސުގެ މީހުން އެއްވެ ކުޅިވަރު ކުޅޭ ތަންތަން ހާއްސަކޮށް އެ މީހުން ހަލާކުކުރޭ،" އެ މީހާ ބުންޏެވެ.
"އެންމެ ފަހުން ވެސް އެ މީހުން މުޖުތަމައުގެ ތެރެއިން ގްރޫޕު ނުކުމެ މީހުންނާ ދިމާކުރާ ހިސާބަށް ހިނގައްޖެ. މިހާރު އެކަން ހުއްޓިފައި އޮތީ. އެ މީހުން ބޭނުމެއް ނުވާނެ އަންހެނުންނާއި ފިރިހެނުން އެއްވެސް ތަނަކުން އެއްވެ އުޅޭކަށް."
އެ މީހާ ބުނީ އަންހެނުން ވޮލީ ކުޅޭ ތަން ބަލަން ފިރިހެނުން ދާ ނަމަ އެ ތަނުގައި ދަމާފައި ހުންނަ ނެޓް ވަގަށް ނަގާނެ ކަމަށެވެ.
ތަހުމީނުގެ ބައިވެރިވުން އޮންނަ ޖަމާއަތުން، ރަށުގައި މީހުން ދިރިއުޅޭ ސަރަހައްދާ ދުރުގައި ހުންނަ އިހުގެ ކުޑަ މިސްކިތެއް ހޯދަން އުޅެ އެކަން ކާމިޔާބު ނުވުމުން އެންމެ ފަހުން އެ މިސްކިތް ތަޅާލި ކަމަށް ވެ އެވެ. އަދި ވަކި ސިހުރު ހަދާކަމުގެ ފާޑުފާޑުގެ ތުހުމަތުތައް ކޮށް ވަކި އިމާމެއްގެ ފަހަތުގައި ނަމާދެއް ވެސް ނުކުރާނެ ކަމަށާއި އެ މީހާގެ ބޯ ބުރިކޮށްލާނެ ކަމުގެ ވާހަކަތައް ވެސް ދައްކާފައި ހުރި ކަމަށް މައުލޫމާތު ދިން ބުންޏެވެ.
"އެ މީހުން އެހެން ބުންޏެއް ކަމަކު އެ މީހުންނަކަށް އެކަމެއް ނުއެއް ކުރެވޭނެ މި ރަށަކު. އެ މީހުން ތިބެންޖެހޭނީ އެ މީހުންގެ ސައިޒުގައި. މި ރަށުގައި އެ މީހުންނަށް ވުރެ ސޮސައިޓީގައި އެ މީހުން ގަބޫލުނުކުރާ މީހުން ގިނަ. އެ މީހުންނަށް ކޮންމެ ކަމެއް ކުރެވެނީ ސިއްރިއްޔާތުގައި،" ކުރިން ވާހަކަދެއްކި މީހާ ބުންޏެވެ.
އެ މީހުންގެ ގަބޫލު ކުރުންތަކުގެ އަލީގައި، ތަހުމީނު ވެސް ބައިވެރިވާ ގުރޫޕަކުން ވަނީ ރަށުގެ ކައުންސިލާއި އިންޖީނުގެ ތިޖޫރި ވެސް ފަޅާލައިފަ އެވެ. ދައުލަތުގެ ފައިސާއަކީ އެ މީހުންނަށް ވަގަށް ނެގުން ހުއްދަ އެއްޗެހި ކަމަށް އެ މީހުން ގަބޫލުކުރެ އެވެ. މީގެ އިތުރުން އެ މީހުން ވަނީ އިޖުތިމާއީ ސަރަަހައްދުގައި ބަހައްޓާފައި ހުރި ރީތި ތަންތަނުގައި ރޯ ވެސް ކޮށްފަ އެވެ.
އޭނާ ރަށުން މާލެ ބަދަލުވިތާ އަދި ވީ ދެ އަހަރެއްހާ ދުވަސް ކަމަށް ވެ އެވެ. އެނގިފައިވާ ގޮތުގައި އޭނާ އަކީ އަމިއްލަ ކަންކަން ކޮށްލައިގެން ދިރިއުޅެމުން އަންނަ މީހެކެވެ.