ބެންބަލޫރު މާފަށް އެދި ކުޅުންތެރިންނާ ދެކޮޅަށް ފިޔަވަޅު އަޅަނީ
ބެންބަލޫރު މާފަށް އެދި ކުޅުންތެރިންނާ ދެކޮޅަށް ފިޔަވަޅު އަޅަނީ

އޭއެފްސީ ކަޕް ކޮލިފިކޭޝަނަށް ރާއްޖެ އައި އިންޑިއާގެ ބެންގަލޫރު އެފްސީ ބައެއް ކުޅުންތެރިން، ކޮވިޑްގެ ޕްރޮޓޮކޯލް މުގުރާލައި ހޮޓަލުން ބޭރަށް ނުކުތް މައްސަލައާ ގުޅިގެން އެ ކްލަބުގެ ޗެއާމަން ޕާތު ޖިންދަލް މިއަދު މާފަށް އެދިވަޑައިގެންފި އެވެ.

ބެންބަލޫރު މާފަށް އެދި ކުޅުންތެރިންނާ ދެކޮޅަށް ފިޔަވަޅު އަޅަނީ
ބެންބަލޫރު މާފަށް އެދި ކުޅުންތެރިންނާ ދެކޮޅަށް ފިޔަވަޅު އަޅަނީ

އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލްގެ ފަރާތުން ފެނުނު ކަންކަން ބަލައި ނުގަންނަ ކަމަށެވެ. އެ ކުޅުންތެރިންނާ ދެކޮޅަށް ފިޔަވަޅު އަޅަން ނިންމާފައިވާ ކަމަށް ވެސް ޖިންދަލް ކުރެއްވި ޓްވީޓްގައި ވިދާޅުވެފައި ވެއެވެ. އޭނާ ވިދާޅުވީ، ހޮޓަލުން ބޭރަށް ނުކުތީ އެ ޓީމުގެ ބިދޭސީ ތިން ކުޅުންތެރިންނާއި ޓީމުގެ އޮފިޝަލެއް ކަމަށެވެ.

"މި ތިން ކުޅުންތެރިންނާއި އޮފިޝަލްއާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅާނަން،" ޖިންދަލް ވިދާޅުވި އެވެ.

"މިފަދަ ކަމެއް ދެން ނުހިނގާނެ ކަމުގެ ޔަގީންކަން އަހަރެމެންގެ ފަރާތުން ދެން."

ހޮޓެލް ޖެންގައި ކޭމްޕް ކޮށްފައިވާ ބެންގަލޫރުގެ ބައެއް ކުޅުންތެރިން ބޭރަށް ނުކުތް ކަމަށް ބެންގަލޫރު އެފްސީގެ ވެރިޔާ އެއްބަސްވެ ވަޑައިގެންފައިވާއިރު، ރޭ "ގޯލްޑޮޓްކޮމް" އަށް އެ ކްލަބުން ބުނެފައި ވަނީ ކޮވިޑްގެ ޕްރޮޓޮކޯލް މުގުރާލައި އެ ޓީމުގެ އެއްވެސް ކުޅުންތެރިޔަކު ބޭރަށް ނުކުތްކަން އެނގިފައި ނުވާ ކަމަށެވެ. އެކަހަލަ އެއްވެސް އިޝާރާތެއް ވެސް ލިބިފައި ނުވާ ކަމަށްވެސް އޭރު އެ ކްލަބުން ބުނެފައި ވެއެވެ.

ބެންގަލޫރުގެ ކުޅުންތެރިން ކޮވިޑްގެ ޕްރޮޓޮކޮލް މުގުރާލުމުން، ރާއްޖޭގެ ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފް ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކޮވިޑްގެ އުސޫލުތައް ބެންގަލޫރުގެ ކުޅުންތެރިން މުގުރާލުމުން މެޗު ކުރިއަށް ނުގެންދެވޭނެ ކަމަށް އެފްއޭއެމަށް އަންގާފައި ވާނެ ކަމަށެވެ. ބެންގަލޫރު ފުރުވައިލުމުގެ އިންތިޒާމު ހަމަޖެއްސުމަށް ވެސް މަހްލޫފް އެންގެވި އެވެ. މިނިސްޓަރު ވިދާޅުވެފައި ވަނީ އޭއެފްސީ ކަޕް ފަސްކުރުމަށް އޭއެފްސީއާއެކު އެފްއޭއެމް މެދުވެރިކޮށް ވާހަކަ ދައްކާނެ ކަމަށެވެ.

"މެޗު ނުބޭއްވޭނެ ކަމަށް ވާނީ އެފްއޭއެމްއަށް އަންގާފައި،" މިނިސްޓަރު ވިދާޅުވި އެވެ.

"އަދި ބެންގަލޫރު އެފްސީ ފުރުވާލުމުގެ ކަންކަން ހަމަޖެއްސުމަށް ވެސް އެފްއޭއެމަށް ވާނީ އަންގާފައި."

އޭއެފްސީ ކަޕް ޕްލޭއޮފް މެޗުގައި، އަންނަ އަންގާރަ ދުވަހު ރާއްޖޭގެ ކްލަބު އީގަލްސްއާ ދެކޮޅަށް ބެންގަލޫރު ކުޅޭ މެޗުގައި ގަލޮޅު ދަނޑުގައި ކުޅުމަށް ވަނީ ހަމަޖައްސައިފަ އެވެ. އީގަލްސް ވެސް ވަނީ ހޮޓެލް ޖެންގައި ކޭމްޕްކޮށްފަ އެވެ.

މެޗު ކުރިއަށް ނުގެންދެވޭނެ ކަމަށް މިނިސްޓަރު މަހްލޫފް ވިދާޅުވެފައިވާއިރު، ދެން އަމަލު ކުރާނީ ކިހިނެއް ކަމެއް އަދި ސާފެއް ނުވެ އެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކެޓްރީ ހުސައިން ޖަވާޒު ވިދާޅުވީ އޭއެފްސީ އަށާއި މެޗު ކޮމިޝަނަރަށް މައުލޫމާތު ހިއްސާ ކޮށްފައި ވާނެ ކަމަށެވެ. އެކަމާ ގުޅިގެން އޭއެފްސީގެ އެއްވެސް ރެސްޕޯންސެއް އަދި ލިބިފައި ނުވާ ކަމަށް ވެސް ޖަވާޒު ވިދާޅުވި އެވެ.

ކޮވިޑް ކޭސްތައް ރެކޯޑް އަދަދަކަށް ގިނަ ވެފައިވާ ދުވަސްވަރެއްގައި އޭއެފްސީ ކަޕް ބާއްވަން ހުއްދަ ދިނުމުން އާންމުންނާއި ސިއްހީ ދާއިރާގެ މަސައްކަތް ކުރާ ފަރާތްތަކުން ދަނީ އެކަމުގެ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

ގުރޫޕް ސްޓޭޖްގެ ފަހު ޖާގަ ލިބޭނީ ޕްލޭއޮފް މެޗުން މޮޅުވާ ޓީމަކަށެވެ. އަންނަ ހުކުރު ދުވަހު ރާއްޖޭގައި ފަށަން ހަމަޖައްސާފައިވާ އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ ޒޯންގެ ގުރޫޕް ސްޓޭޖު ބާއްވަން ރާއްޖެއިން ބިޑް ކާމިޔާބު ކުރީ އިންޑިއާ އާ ވާދަކޮށެވެ.