17 ނޮވެމްބަރ 2016 - 16:03

މެކްސިކޯ ސިޓީ (ނޮވެމްބަރު 17) - ދުނިޔޭގެ އެންމެ ބަރު ފިރިހެން މީހާ ލުއި ކުރުމަށް މެކްސިކޯގައި ފަރުވާ ދޭން ފަށައިފި އެވެ.

އުމުރުން 32 އަހަރުގެ ހުއާން ޕެޑްރޯ ފްރެންކޯގެ ބަރުދަނުގައި 500 ކިލޯ ހުރެ އެވެ. އޭނާ އަށް ފަރުވާ ދެމުން ދަނީ މެކްސިކޯގެ ހުޅަނގުގައިވާ ޚާއްސަ ކްލިނިކެއްގަ އެވެ. ޕެޑްރޯ ބުނީ ބަރުދަން ލުއި ކުރަން ފަރުވާ ފެށުމަކީ އޭނާގެ އާ ހަޔާތެއް ފެށުން ކަމަށެވެ. އަދި މިހާރުގެ ހާލަތު އެނގި އޭނާ ކޮންމެ ވަގުތު މަރުވެދާނެ ކަމުގެ ބިރު ބޮޑު ކަމަށް ވެސް ބުނެފައިވެ އެވެ. ކުޑަ ކުއްޖެއްގެ ގޮތުގައި ހުރި އިރު ވެސް އޭނާ އާދަޔާޚިލާފަށް ބަރު ކަމަށް ވެސް ބުންޏެވެ.
"އުމުރުން 15 އަހަރުގައި ވެސް ބަރުދަނުގައި 200 ކިލޯ ހުރޭ. އޭގެ ފަހުން ދިޔައީ ބަރުވަމުން. ބަރުދަން ލުއި ކުރަން ކުރާނެ ކަމެއް ވެސް ނޭނގުނު،" ޕެޑްރޯ ބުންޏެވެ.
ޕެޑްރޯ އަށް ފަރުވާދޭ ޑޮކްޓަރު ހޯސޭ އެންޓޯނިއޯ ކަސްޓަނެޑާގެ ޓީމުން ވަނީ 8،000 އަށް ވުރެ ގިނަ ފަލަ މީހުންނަށް ފަރުވާ ދީފަ އެވެ. ޕެޑްރޯ އަށް ފަރުވާ ދޭ ހަ މަސް ދުވަހުގެ މުއްދަތުގައި އޭނާ ހިކެން ފަރުވާ ކުރުމުގެ އިތުރުން ހަކުރުބައްޔާއި ލޭ މައްޗަށް ދިއުމުގެ ބައްޔަށް ވެސް ފަރުވާ ދޭނެ އެވެ.