09 މެއި 2021 - 13:40

އުނގޫފާރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) މަރަން ގޮވައިލި ނ. ކުޑަފަރީ ސްކޫލު ޓީޗަރު ރޭ ސަސްޕެންޑުކޮށްފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ (ޕީއެސް) އަހުމަދު އަލީ މިއަދު ވިދާޅުވީ، އިދާރީ ތަހުގީގެއް ހިންގުމަށް މުހައްމަދު އަޝްރަފް ނަމަކަށް ކިޔާ ޓީޗަރު މިއަދުން ފެށިގެން 30 ދުވަހަށް ސަސްޕެންޑުކޮށްފައިވާ ކަމަށެވެ.
ސީރިއަސް މައްސަލައަކަށް ވުމުން ހާއްސަ އިސްކަމެއް ދީގެން އެ ކަން ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އިދާރީ ތަހުގީގު ނިންމުމަށް ފަހު ގޮތެއް ނިންމަން އަޅުގަނޑުމެން ސިވިލް ސާވިސް ކޮމިޝަނަށް ހުށަހަޅާނަން،" އަހުމަދު ވިދާޅުވި އެވެެ.
އަޝްރަފް، އޭނާގެ ފޭސްބުކުގައި ވައްޑެ މަރާލަން ގޮވާލައި ޕޯސްޓް ޖެހީ މިދިޔަ މަހުގެ 16 ގަ އެވެ. އެ ޕޯސްޓު އެތައް ފަހަރަކު އެޑިޓު ކުރުމަށް ފަހު ފަހުން ވަނީ ޑިލީޓްކޮށްފަ އެވެ.
އޭނާ ސަސްޕެންޑުކުރީ ވެސް މި މައްސަލަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީގެ ސަމާލުކަމަށް ގެންނަވައި މަޑަވެލި ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާން ކުރެއްވި ޓްވީޓަށް ފަހު މިނިސްޓްރީ އަށް ފާޑުކިޔުންތައް އަމާޒުުމުންނެވެ.
އެ ޕޯސްޓުގައި އޭނާ ބުނީ ކުޅޭކުޅޭ އެއްޗަކަށް ހަދާތަން ބަލަން ރައްޔިތުން ތިބެގެން ނުވާނެ ކަމަށެވެ. ވައްޑޭ ތައުބާ ވުމަށް އަންގައި އެކަން ނުކޮށްފި ނަމަ މަރާލަންޖެހޭ ކަމަށް އަޝްރަފްގެ ޕޯސްޓުގައި ބުންޏެވެ.