ކެޓްރީނާ ކައިފާ އެކު ތެލެގޫ އެކްޓަރު ވިޖޭ ދެވަރަކޮންޑާ
ކެޓްރީނާ ކައިފާ އެކު ތެލެގޫ އެކްޓަރު ވިޖޭ ދެވަރަކޮންޑާ

މަޝްހޫރު ތެލެގޫ އެކްޓަރު ވިޖޭ ދެވަރަކޮންޑާއާ އެކު ފިލްމެއް ކުޅެން ބޮލީވުޑްގެ ބަތަލާ ކެޓްރީނާ ކައިފް ސޮއިކޮށްފި އެވެ.

މީޑިއާތަކުން ބުނީ މި ފިލްމަކީ ތެލެގޫ އަދި ހިންދީ ބަހުން ހަދާ ފިލްމެއް ކަމަށެވެ. ނަމަވެސް ފިލްމާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް އަދި ހާމައެއްނުކުރެ އެވެ. ކެޓްރީނާގެ އަތުގައި މިހާރު ވެސް އިންޑިއާގެ ދެކުނު ފިލްމު އިންޑަސްޓްރީގެ ތަރިއަކާ އެކު ކުޅޭ ފިލްމެއް އެބައޮތެވެ. އެއީ ތަމަޅަ އެކްޓަރު ވިޖޭ ސެތުޕަތީއާ އެކު ކުޅެން ހަމަޖެހިފައިވާ ޑައިރެކްޓަރު ސްރީރާމް ރަގްވަންގެ "މެރީ ކްރިސްމަސް" އެވެ.

ވިޖޭ ދެވަރަކޮންޑާ އަކީ ކަރަން ޖޯހަރްގެ ދަރުމާ އިން މި އަހަރު ގެނެސްދޭން ރަސްމީކޮށް ތާރީހު އިއުލާންކޮށްފައި އޮތް ހަމައެކަނި ފިލްމު "ލައިގާ" ގެ ބަތަލެވެ. ދެކުނުގެ ޑައިރެކްޓަރު ޕޫރީ ޖަގަންނަދުގެ އެ ފިލްމުގެ ބަތަލާ އަކީ ބޮލީވުޑްގައި އަރަަމުން އަންނަ ޒުވާން ބަތަލާ އަނަންޔާ ޕާންޑޭ އެވެ.

ސެޕްޓެމްބަރު މަހުގެ 9 އަށް ތާވަލުކޮށްފައި އޮތް "ލައިގާ" ގެ ޓީޒާ ޓްރެއިލާ އާދީއްތަ ދުވަހު ނެރެން އޮއްވައި އެކަން ވަނީ ކޮވިޑް-19 ގެ ބަލިމަޑުކަމާ ހެދި ފަސްކޮށްފަ އެވެ.

ކެޓްރީނާ އާއި ވިޖޭގެ ޖޯޑު ސްކްރީނަށް އައުމަކީ ބެލުންތެރިންނަށް އާ ޖޯޑެއް ތަޖުރިބާކޮށްލަން ލިބޭނެ ކަމަކަށެވެ. ވިޖޭ އަކީ މިހާރު ތެލެގޫ އެކްޓަރުންގެ ތެރެއިން އެންމެ މަޝްހޫރު އެކެކެވެ. އޭނާގެ ވިދުން ގަދަވީ 2017 ގެ "އަރުޖުން ރެޑީ" އިންނެވެ. އޭގެ ހިންދީ ރިމޭކް 2019 ގައި ޝާހިދު ކަޕޫރާ އެކު ގެނެސްދިނީ "ކަބީރް ސިންގް" ގެ ނަމުގަ އެވެ.

ކެޓްރީނާގެ ކެރިއަރުގެ ވަރަށް ކުރީކޮޅު ވެސް އިންޑިއާގެ ދެކުނުގެ ބައެއް ތަރިންނާ އެކު މަސައްކަތްކޮށްފައިވެ އެވެ. އޭގެ ތެރޭގައި ތެލެގޫ އެކްޓަރު ވެންކަޓޭޝްއާ އެކު ކުޅުނު 2004 ގެ "މަލިސްވަރީ" އާއި ނަންދަމުރީ ބާލަކްރިޝްނާއާ އެކު ކުޅުނު 2005 ގެ ތެލެގޫ ފިލްމު "އައްލާރީ ޕިޅްގޫ" އަދި މަމޫޓީއާ އެކު ކުޅުނު 2006 ގެ "ބަލްރާމް ވާސަސް ތަޅާރަސް" ހިމެނެ އެވެ.

ކެޓްރީނާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި އަކްޝޭ ކުމާރުގެ "ސޫރިޔަވަންޝީ" އާއި ސިދާންތު ޗަތުރަވެދި އާއި އިޝާން ޚައްތަރާ އެކު ކުޅެފައިވާ "ފޯންބޫތު" އަދި ސަލްމާން ޚާންގެ "ޓައިގާ 3" ހިމެނެ އެވެ.