09 މެއި 2021 - 13:00

ކޮވިޑް-19 ޖެހިގެން ހާލު ދެރަވެ، އައިސީޔޫގައި ފަރުވާ ދޭ މީހުންގެ ތެރޭގައި ޒުވާނުން ވެސް ހިމެނޭ ކަމަށާއި އެ ތަނުގައި ތިބި މީހުންގެ ތެރެއިން 70 ޕަސެންޓް މީހުން ވެކްސިން ވެސް ނުޖަހާ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ރޭ ބުނެފި އެވެ.
ކޮވިޑްގެ ބަލިމަޑުކަމުގައި މިހާތަނަށް ގިނައިން މަރުވެފައި ވަނީ އުމުރުން ދުވަސްވީ މީހުން ނަމަވެސް، ފަހުގެ ހިސާބުތަކަށް ބަލާއިރު ބަލީގެ ބިރު، ހުރިހާ އެންމެންނަށް ވެސް އެބައޮތެވެ. އެކި ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭ މީހުންގެ ތެރޭގައި ވެސް ޒުވާނުން ގިނައިރު، ހާލު ބޮޑު ވެގެން އައިސީޔޫގައި ވެސް ތިން ޒުވާނަކަށް ދަނީ ފަރުވާ ދެމުންނެވެ.
ކޮވިޑާ ގުޅޭ ކަންކަމުގައި ހެލްތު މިނިސްޓަރަށް ލަފާ ދޭ ޓެގް ޓީމުގެ މެމްބަރު ޑރ. އަހުމަދު ޝަހީދު ވިދާޅުވި ގޮތުގައި، ކޮވިޑް ޖެހިގެން މީގެ ދެ ދުވަސް ކުރިން، ޒުވާނަކު މަރުވި އިރު، އޭނާއަކީ ދާއިމީ ބޮޑު ބައްޔެއް ހުރި މީހެއް ނޫނެވެ. އައިސީޔޫގައި މިހާރު ފަރުވާ ދޭ މީހުންގެ ތެރޭގައި އުމުރުން 27 އަހަރާއި 37 އަހަރާއި 39 އަހަރުގެ މީހުން ހިމެނޭ ކަމަށް ވިދާޅުވި އެވެ.
ޑރ. ޝަހީދު ވިދާޅުވީ، ބަލި ފެތުރުން ހުއްޓުވުމަށް ނުވަތަ ބަލިން ބޮޑުވަރުވިޔަ ނުދިނުމަށްޓަކައި ވެކްސިން ޖެހުން މުހިއްމު ކަމަށެވެ. އައިސީޔޫގައި އެޑްމިޓްކޮށްފައި ތިބި މީހުންގެ ތެރެއިން ވެސް 70 ޕަސެންޓް މީހުންނަކީ ވެކްސިންގެ އެއްވެސް ޑޯޒެއް ފުރިހަމަ ނުކުރާ މީހުން ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.
މިދިޔަ ފެބްރުއަރީ 21 އިން އޭޕްރީލް 25ގެ ނިޔަލަށް ހެދި ޑޭޓާ އެނަލިސިސްތަކުން ދައްކާ ގޮތުގައި، ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ 97 ޕަސެންޓް މީހުންނަކީ ވެކްސިންގެ އެއްވެސް ޑޯޒެއް ފުރިހަމަ ނުކުރާ މީހުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިއިން ވެސް އަޅުގަނޑުމެންނަށް އެބަ އިނގޭ ވެކްސިން އިން ރަނގަޅު އަސަރުކުރާކަން،" ޑރ. ޝަހީދު ވިދާޅުވި އެވެ.
ރާއްޖޭގައި ކޮވިޑް ޖެހޭ ނިސްބަތް، މިއިން ދުވަހަކު މައްޗަށް ނުދާވަރަށް މިހާރު ވަނީ މަތިވެފަ އެވެ. ސިއްހީ އިދާރާތަކުން މަސައްކަތް ކުރަނީ ބައްޔަށް ޕޮޒިޓިވްވާ މީހުންގެ ނިސްބަތް ފަސް ޕަސެންޓަށް ވުރެ މަތިވިޔަ ނުދިނުމަށެވެ. މިދިޔަ ދެ ހަފުތާގެ ނިޔަލަށް، ޕޮޒިޓިވްވާ މީހުންގެ ނިސްބަތް ހުރީ، 5-7 ޕަސެންޓާ ދޭތެރޭގަ އެވެ. އެކަމަކު އޭގެ ފަހުން، ބަލިވާ މީހުންގެ އަދަދު ތިން ގުނައަށް އިތުރުވެ، މިހާރު އެ ނިސްބަތް އުޅަނީ 18 ޕަސެންޓްގަ އެވެ.
ފްލޫ ކްލިނިކަށް ދައްކާއިރު ނަގާ ސާމްޕަލް ޕޮޒިޓިވްވާ ނިސްބަތް ވެސް މިދިޔަ ދެ ހަފުތާ ކުރިއާ ހަމައަށް 5-7 ޕަސެންޓާ ދޭތެރޭ ހުރި ނަމަވެސް މިހާރު އެ އަދަދުތައް ވަނީ ހަތަރު ގުނައަށް އިތުރުވެފަ އެވެ.
އެޗްއީއޯސީން ބުނިގޮތުގައި މިދިޔަ ހަފުތާގައި ފްލޫ ޕޮޒިޓިވިޓީ ސާމްޕަލް ރޭޓް ހުރީ 19 ޕަސެންޓުގަ އެވެ. އެޑްމިޓުކޮށްގެން ފަރުވާދޭ މީހުންގެ އަދަދު ވެސް މީގެ ތިން ހަފުތާ ކުރިއާ އަޅާބަލާއިރު އެތައް ގުނައެއް މައްޗަށް އަރާފައި ވެ އެވެ.