09 މެއި 2021 - 11:33

ކޮވިޑު-19 ގައި މިއަދު ވެސް މީހަކު މަރުވެއްޖެ އެވެ.
އެޗްޕީއޭއިން ބުނީ އައިޖީއެމްއެޗްގެ އިމަޖެންސީ ރޫމަށް ފަތިހު 4:45 ހާއިރު ގެންދިޔަ އުމުރުން 51 އަހަރުގެ އަންހެނަކު މަރުވެފައިވާ ކަމަށެވެ. އެއީ ކޮވިޑުގައި މަރުވި 84 ވަނަ މީހާގެ ގޮތުގައި ވަނީ ކަނޑައަޅައިފަ އެވެ.
މިއީ ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި މި ބަލީގައި މަރުވި 10 ވަނަ މީހާ އެވެ. މިދިޔަ ބުރާސްފަތި ދުވަހު އެކަނި ވެސް ކޮވިޑުގައި ފަސް މީހަކު މަރުވިއިރު ޖެހިގެން އައި ހުކުރު ދުވަހު ހަތަރު މީހަކު މަރުވެފައި ވެ އެވެ.
އެއީ ކޮވިޑުގައި އެއް ދުވަހާ އެންމެ ގިނަ މީހުން މަރުވި ދެ ދުވަހެވެ.
ހާލަތު ކޮންޓްރޯލުގައި އޮތުމަށްފަހު ކޮވިޑް ޖެހޭ މީހުންގެ އަދަދުތައް މި ފަހުން ވަނީ ރިކޯޑު މިންވަރަކަށް އިތުރުވެފަ އެވެ. މިދިޔަ ހަފުތާއިން ފެށިގެން ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު 500 އިން މަތީގައި އުޅޭއިރު ހާލަތު ގޯސްވަމުންދާތީ ފިޔަވަޅުތައް ވެސް ވަނީ ވަރުގަދަކޮށްފަ އެވެ. އަދި ހޮސްޕިޓަލުތަކުގެ އެނދުތައް ފުރޭތީ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް ވެސް ސަރުކާރުން ވަނީ ފަށައިފަ އެވެ.