09 މެއި 2021 - 12:15

އޭއެފްސީ ކަޕް ކޮލިފިކޭޝަނަށް ރާއްޖެ އައި އިންޑިއާގެ ބެންގަލޫރު އެފްސީ ބައެއް ކުޅުންތެރިން، ކޮވިޑްގެ ޕްރޮޓޮކޯލް މުގުރާލައި ހޮޓަލުން ބޭރަށް ނުކުތްކަން އެނގިފައި ނުވާ ކަމަށް އެ ކްލަބުން ބުނެފި އެވެ.
ކޮވިިޑް-19 ގެ ބިރުވެރިކަން އުފެދިފައިވާ ވަގުތެއްގައި ވެސް، އޭއެފްސީ ކަޕް ރާއްޖޭގައި ބާއްވަން ސަަރުކާރުން ހާއްސަ ހުއްދައެއް ދިނީ، އޭއެފްސީ ކަޕަށް އަޅާ ފިޔަވަޅުތައް ރައްކާތެރި ވާނެ ކަމުގެ ޔަގީންކަން ސްޕޯޓްސް މިނިސްޓްރީ އާއި އެފްއޭއެމުން ދިނުމުންނެވެ. އޭއެފްސީގެ މުބާރާތްތަކަށް އޭއެފްސީން އެކުލަވާލާފައިވާ ގައިޑްލައިންގެ ދަށުން ޓީމު ކޭމްޕް ކުރުމަށް ފަހު މެޗަށް ނުވަތަ ޕްރެކްޓިހަށް ދާން ނޫން ގޮތަކަށް އެއްވެސް ޓީމެއްގެ ކުޅުންތެރިޔަކަށް ހޮޓަލުން ނުނިކުމެވޭނެ އެވެ.
ހޮޓެލް ޖެންގައި ކޭމްޕް ކޮށްފައިވާ ބެންގަލޫރުގެ ބައެއް ކުޅުންތެރިން އިއްޔެ ހޮޓެލުން ބޭރަށް ނުކުތް މައްސަލަ ވަނީ ފެންމަތި ވެފަ އެވެ. ނަމަވެސް ބެންގަލޫރު އެފްސީން ބުނަނީ ކޮވިޑްގެ ޕްރޮޓޮކޯލް މުގުރާލައި އެ ޓީމުގެ އެއްވެސް ކުޅުންތެރިޔަކު ބޭރަށް ނުކުތްކަން އެނގިފައި ނުވާ ކަމަށެވެ. "ގޯލް ޑޮޓް ކޮމް" އަށް ބެންގަލޫރު ޓީމުން ބުނެފައި ވަނީ، އެކަހަލަ އެއްވެސް އިޝާރާތެއް ވެސް ލިބިފައި ނުވާ ކަމަށެވެ.
ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފް ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، ކޮވިޑްގެ އުސޫލުތައް ބެންގަލޫރުގެ ކުޅުންތެރިން މުގުރާލުމުން މެޗު ކުރިއަށް ނުގެންދެވޭނެ ކަމަށް އެފްއޭއެމް އަށް އަންގާފައި ވާނެ ކަމަށެވެ. އަދި ބެންގަލޫރު ފުރުވާލުމުގެ އިންތިޒާމު ހަމަޖެއްސުމަށް ވެސް މަހްލޫފް ވަނީ އަންގަވައިފަ އެވެ. މިނިސްޓަރު ވިދާޅުވެފައި ވަނީ އޭއެފްސީ ކަޕް ފަސް ކުރުމަށް ވެސް އޭއެފްސީ އާއެކު އެފްއޭއެމް މެދުވެރިކޮށް ވާހަކަ ދައްކާނެ ކަމަށެވެ.
"މެޗު ނުބޭއްވޭނެ ކަމަށް ވާނީ އެފްއޭއެމްއަށް އަންގާފައި،" މިނިސްޓަރު ވިދާޅުވި އެވެ. "އަދި ބެންގަލޫރު އެފްސީ ފުރުވާލުމުގެ ކަންކަން ހަމަޖެއްސުމަށް ވެސް އެފްއޭއެމަށް ވާނީ އަންގާފައި."
އޭއެފްސީ ކަޕް ޕްލޭއޮފް މެޗުގައި، އަންނަ އަންގާރަ ދުވަހު ރާއްޖޭގެ ކްލަބު އީގަލްސް އާ ދެކޮޅަށް ބެންގަލޫރު ކުޅޭ މެޗުގައި ގަލޮޅު ދަނޑުގައި ކުޅުމަށް ވަނީ ހަމަޖައްސައިފަ އެވެ. އީގަލްސް ވެސް ވަނީ ހޮޓެލް ޖެންގައި ކޭމްޕްކޮށްފަ އެވެ.
މެޗު ކުރިއަށް ނުގެންދެވޭނެ ކަމަށް މިނިސްޓަރު މަހްލޫފް ވިދާޅުވެފައިވާއިރު ދެން އަމަލު ކުރާނީ ކިހިނެއް ކަމެއް ސާފެއް ނުވެ އެވެ. އެފްއޭއެމްގެ ޖެނެރަލް ސެކެޓްރީ ހުސައިން ޖަވާޒު ވިދާޅުވީ އޭއެފްސީ އަށާއި މެޗު ކޮމިޝަނަރަށް މައުލޫމާތު ހިއްސާ ކޮށްފައި ވާނެ ކަމަށެވެ. އެކަމާ ގުޅިގެން އޭއެފްސީގެ އެއްވެސް ރެސްޕޯންސެއް އަދި ލިބިފައި ނުވާ ކަމަށް ވެސް ޖަވާޒު ވިދާޅުވި އެވެ.
ކޮވިޑް ކޭސްތައް ރެކޯޑް އަދަދަކަށް ގިނަ ވެފައިވާ ދުވަސްވަރެއްގައި އޭއެފްސީ ކަޕް ބާއްވަން ހުއްދަ ދިނުމުން އާންމުންނާއި ސިއްހީ ދާއިރާގެ މަސައްކަތް ކުރާ ފަރާތްތަކުން ދަނީ އެކަމުގެ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
ގުރޫޕް ސްޓޭޖްގެ ފަހު ޖާގަ ލިބޭނީ ޕްލޭއޮފް މެޗުން މޮޅުވާ ޓީމަކަށެވެ. އަންނަ ހުކުރު ދުވަހު ރާއްޖޭގައި ފަށަން ހަމަޖައްސާފައިވާ އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ ޒޯންގެ ގުރޫޕް ސްޓޭޖު ބާއްވަން ރާއްޖެއިން ބިޑް ކާމިޔާބު ކުރީ އިންޑިއާ އާ ވާދަކޮށެވެ.