09 މެއި 2021 - 11:31

މާލެހިޔާގައި ހުންނަ ކޮވިޑް ސާމްޕަލް ނަގާ ސެންޓަރު ވަގުތީ ގޮތުން ބަންދުކޮށް، ސާމްޕަލް ނެގުން ހެންވޭރު ޔޫތު ސެންޓަރު ހުންނަ މުނިއުފާ އަށް މިއަދު ބަދަލުކޮށްފި އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކުރި ޓުވީޓެއްގައި ބުނީ އެ ނިންމުން ނިންމީ، މާލެހިޔާގައި ހުންނަ ސެންޓަރު، ފްލޫ ކްލިނިކަކަށް ބަދަލުކުރަން ބޭނުންވާތީ ކަމަށެވެ.
ކޮވިޑް ސާމްޕަލް ނަގާ މަރުކަޒު އެހެން ތަނަކަށް ބަދަލުކުރިޔަސް ހިދުމަތް ދޭ ގަޑިތަކަކަށް ބަދަލެއް ނުގެނެ އެވެ. ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނާއި މެންދުރު އަދި ރޭގަނޑު ޓެސްޓު ކުރެވޭނެ އެވެ. ހުކުރު ދުވަހު ޓެސްޓް ކުރާނީ މެންދުރުފަހާއި ރޭގަނޑެވެ.
ކޮވިޑް ފެތުރުން ފަހަކަށް އައިސް ވަރަށް ބޮޑަށް މައްޗަށް ދިއުމަށް ފަހު ރޭގައި ވަނީ ކޮންމެ ވެސް ވަރަކަށް އަދަދު ތިރިވެފަ އެވެ. އެޗްޕީއޭ އިން އިއްޔެ އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ ހުކުރު ދުވަހުގެ ހަވީރު 6 އިން އިއްޔެގެ ހަވީރު 6 އަށް ކޮވިޑަށް ޕޮޒިޓިވްވީ 590 މީހެކެވެ.
މާލޭ ސަރަހައްދުން ޕޮޒިޓިވްވެފައި ވަނީ 439 މީހެކެވެ. ރަށްރަށުން 141، އަދި ރިސޯޓްތަކުން ނުވަ މީހަކު ވަނީ ޕޮޒިޓިވް ވެފަ އެވެ. މި ވަގުތު އެ ބައްޔަށް ފަރުވާ ހޯދަނީ 8،640 މީހެކެވެ. އަދި ހޮސްޕިޓަލްތަކުގައި ފަރުވާ ދޭ މީހުންގެ އަދަދަކީ 230 އެވެ.
ކޮވިޑް ބަލިން މިހާތަނަށް 25،992 މީހުން ރަނގަޅުވެފައިވާއިރު، ބަލީގައި 83 މީހަކު ރާއްޖެ އިން ވަނީ މަރުވެފަ އެވެ.