އަގްސާ މިސްކިތުގައި ދިން ހަމަލާގައި ފަލަސްތީނުގެ ގިނަ ބަޔަކު ޒަޚަމް
އަގްސާ މިސްކިތުގައި ދިން ހަމަލާގައި ފަލަސްތީނުގެ ގިނަ ބަޔަކު ޒަޚަމް

ގުދުސް (މެއި 8) - އަލް އަގްސާ މިސްކިތް ހިމެނޭ ސަރަހައްދުގައި އިޒްރޭލް ފުލުހުން ރަބަރު ވަޒަނާއި ސްޓަން ގްރެނޭޑުން ދިން ހަމަލާތަކުގައި ފަލަސްތީނުގެ 163 މީހުން ޒަޚަމްވެއްޖެ އެވެ.

ޒަޚަމްވާ ފަލަސްތީން މީހުންނަށް ފަރުވާ ދިނުމަށް ރެޑް ކްރެސެންޓުން ވަނީ ފީލްޑް ހޮސްޕިޓަލެއް ގާއިމްކޮށްފަ އެވެ. ޒަޚަމްވި 88 މީހަކަށް މިހާރު ދަނީ އެ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

ގުދުސްގެ އަލް އަގްސާގައި ހަމަނުޖެހުން ހިންގާފައި މި ވަނީ ރޯދަ މަހުގެ ފަހު ހުކުރު ދުވަހުގެ ރޭ އެތައް ހާސް ބަޔަކު އެ މިސްކިތަށް ނަމާދަށް ހާޒިރުވެފައި ވަނިކޮށެވެ. އިޒްރޭލް ފުލުހުން ބުނެފައި ވަނީ ބާރުގެ ބޭނުން ކުރަން ޖެހުނީ އިޝާ ނަމާދަށް ފަހު އެތައް ބަޔަކު ހަމަނުޖެހުން ހިންގަން އުޅުމުން ކަމަށެވެ.

އަގްސާގެ އޮފިޝަލަކު ވަނީ މިސްކިތުގެ ލައުޑްސްޕީކަރު ބޭނުންކޮށްގެން ހަމަޖެހުމަށް އިލްތިމާސްކޮށްފަ އެވެ.

އެމެރިކާ އާއި ޔޫރަޕުގެ ޔޫނިއަން އިން ވެސް މަޝްރަހު ފިނިކުރުމަށް ގޮވާލައިފަ އެވެ.

އިޒްރޭލުން އިރުމަތީ ގުދުސް އަށް ވެރިވެގެންފައި ވަނީ 1967 ވަނަ އަހަރު އެވެ. އަދި އެއީ އެ ގައުމުގެ ވެރިރަށުގެ ގޮތުގައި ވަނީ ބަލައިފަ އެވެ. ފަލަސްތީނުން ބުނަނީ ގުދުސް އަކީ ކުރިމަގުގައި އުފެދޭ ދައުލަތުގެ ވެރިރަށް ކަމަށެވެ.