10 މެއި 2021 - 10:23

ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ ހަދަން ޕްލޭންކޮށްފައިވާ ފިލްމުތަކުގެ ތެރެއިން "އިޒުހާރް" ޝާހްރުކް ޚާނަށް ހުށަހަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި މި ފިލްމަކީ ބައިސްކަލެއްގައި ނޯވޭ އަށް ދަތުރުކޮށްގެން ލޯބި ހާސިލުކުރަން މަސައްކަތްކުރާ އިންޑިއާ މީހެއްގެ ހަގީގީ ވާހަކައެއް ކިޔައިދޭ ފިލްމެކެވެ. އެގޮތުން ފިލްމުގެ މައިގަނޑު ޕްލޮޓަކީ އިންޑިއާގެ ފިރިހެނަކާއި ނޯވޭގެ އަންހެނެއްގެ އާދަޔާހިލާފު ލޯބީގެ ވާހަކައެކެވެ.
ހަންގާމާ އިން ބުނި ގޮތުގައި "އިރްހާރް" ގެ ނަމުގައި އެ ވާހަކަ ފިލްމަކަށް ހަދަން ނިންމައި ސްކްރީންޕްލޭގެ މަސައްކަތް ވެސް މިހާރު ކުރަމުން އަންނަ އިރު، ޝާހްރުކް ފިލްމަށް އެއްވަސްވެއްޖެ ނަމަ އޭނާ ކުޅެން އެއްބަސްވެފައި ހުރި އެހެން ފިލްމުތަކަށް ވަގުތު ދިނުމަށް ފަހު ބަންސާލީގެ ފިލްމުގެ މަސައްކަތް ފަށާނެ އެވެ.
ބަންސާލީއާ އެކު މިހާތަނަށް ޝާހްރުކް މަސައްކަތްކުރީ އެންމެ ފިލްމެއްގަ އެވެ. އެއީ 2002 ގެ "ދޭވްދާސް" ގަ އެވެ. އެކަމަކު އެ ދެ މީހުން އެކީގައި މަސައްކަތްކުރަން އުޅޭކަމުގެ އަޑުތައް އަރަ އެވެ. އެގޮތުން 2019 ގައި ސަލްމާން ޚާނާއި އާލިއާ ބަޓާ އެކު ބަންސާލީ ހަދަން އުޅުނު "އިންޝާﷲ" އިން ސަލްމާން ވަކިވުމުން އެ ފިލްމު ޝާހްރުކާއި އާލިއާއާ އެކު ހަދަން ނިންމިކަމުގެ ވާހަކަތަކެއް މީޑިއާތަކުގައި ދެކެވެނުވެ.
ނަމަވެސް ރިޕޯޓްތައް މިހާރު ބުނާ ގޮތުން "އިންޝާﷲ" ހަދަން ނިންމާފައި ވަނީ ރިތިކް ރޯޝަނާ އެކީގަ އެވެ.
ބަންސާލީގެ ކުރިއަށް އޮތް ފިލްމަކީ ޖުލައި 30 އަށް ތާވަލުކޮށްފައި އޮތް އާލިއާގެ "ގަންގޫބާއީ ކަތިއަވާޅީ" އެވެ. އަދި "ބައިޖޫ ބަވްރާ" އަކީ ވެސް ބަންސާލީ ޑައިރެކްޓްކުރަން އިއުލާންކޮށްފައި އޮތް ފިލްމެކެވެ.
ޝާހްރުކް ކުރިއަށް އޮތް ފިލްމަކީ ޝޫޓިން ފަށާފައި އޮތް ޑައިރެކްޓަރު ސިދާތު އާނަންދުގެ "ޕަތާން" އެވެ. އަދި އެ ފިލްމަށް ފަހު އޭނާ ކުޅޭނެ ކަމަށް ބެލެވެނީ ޑައިރެކްޓަރު ރާޖްކުމާރު ހިރާނީގެ ފިލްމެކެވެ.