08 މެއި 2021 - 16:18

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގައި ދެ މީހަކު ހައްޔަރުކޮށްފައި ވާއިރު އެ މައްސަލާގައި ހައްޔަރުކުރަން އެންމެ ބޮޑަށް ބޭނުންވާ މީހާ ހޯދަން ފުލުހުން އާންމުންގެ އެހީ އަށް އެދެފި އެވެ.

މި މީހުންގެ ފޮޓޯތަކާ އެކު ފުލުހުން ވަނީ ހަމަލާ ދޭ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް އާންމުކޮށްފަ އެވެ.

ހައްޔަރުކުރި މީހުންގެ ފޮޓޯ އާއި ވަނަރު ހާމަކޮށްފައި ވާއިރު އެއީ ހަރުކަށި ފިކުރާ ގުޅުން ހުރި ބައެއް ކަމަށާއި އެކަމަކު ހަމަލާގެ ސަބަބު އެނގޭނީ ތަހުގީގަށް ފަހުގައި ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދާއި އޭސީޕީ މުހައްމަދު ރިޔާޒާ އެކު ޕްރެސްގައި ބައިވެރިވެ ވަޑައިގެންނެވި ޕީޖީ ހުސެއިން ޝަމީމް ވިދާޅުވި އެވެ.
ފުލުހުން ބުނި ގޮތުގައި އައިއީޑީ ހަރުކޮށްފައިވާ ސައިކަލުގެ އިންޖީނު ނަންބަރު ފޮހެލަން މަސައްކަތްކޮށްފައިވެ އެވެ. އެކަމަކު ފޮރެންސިކުން މިހާރު ވަނީ އެ ނަންބަރު ދެނެގަނެފައި ކަމަށް ވެސް ފުލުހުން ބުންޏެވެ.
ހަމަލާއާ ގުޅިގެން މިއަދު ހައްޔަރުކުރި މީހުންގެ ތެރޭގައި ސައިކަލްގެ ވެރިފަރާތް ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ. ހަމަލާއާ ގުޅިގެން ހަތަރު މީހަކަށް ޝައްކުވާއިރު މިހާތަނަށް ހައްޔަ ނުކުރެވި ތިބި ދެ މީހުންގެ އައިޑެންޓިޓީ ދެނެގަތުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުންނެވެ.
ހައްޔަރުކުރި ދެ މީހުންނަކީ މުއާޒް އަހްމަދު، މއ. ފޭރުގެ އަދި ތަހުމީން އަހްމަދު، ފޮޅޭމާގެ/ގއ. ކޮނޑޭ އެވެ.
ހަމަލާއާ ގުޅިގެން ހައްޔަރުކުރަން އެންމެ ބޮޑަށް ބޭނުންވާ މީހާ އަކީ އައިއީޑީ ގޮއްވާލި ކަމަށް ބެލެވޭ މީހާ އެވެ. އެއީ ކާކުކަން އަދި ދެނެގަނެވިފައި ނުވާތީ ފުލުހުން ވަނީ އެކަމުގައި އާންމުންގެ އެހީ އަށް އެދިފަ އެވެ.
ޕްރެސްގައި ޕީޖީ ޝަމީމް ވިދާޅުވީ މިހާތަނަށް އެއްކޮށްފައިވާ ހެކިތަކަށް ބަލާއިރު ދައުވާ ކުރެވޭނެ ކަމަށް ބެލެވޭ ކަމަށާއި ތަހުގީގު ކުރިއަށް ގެންދިއުމުގައި ފުލުހުންނަށް ބޭނުންވާ އެހީތެރިކަން ދެމުން ގެންދާނެ ކަމަށެވެ.
ސީޕީ ހަމީދު ވިދާޅުވި ގޮތުގައި މީހުން ހައްޔަރުކުރުމުގައި ލަސްވާ ކަމުގެ ކަންބޮޑުވުން އޮތަސް ފުލުހުން ބަލަނީ ނަމަކަށް މީހަކު ހައްޔަރުކުރަން ނޫން ކަމަށާއި ފުލުހުން އެކަން ކުރާނީ ހެއްކާ އެކު ކަމަށެވެ.