04 ޖޫން 2016 - 11:41

އެޕްރީލް މަހު ރިލީޒްކޮށް ބޮޑު ކާމިޔާބީއެއް ހޯދި ޑާކް ރެއިން އެންޓަޓައިންމަންޓްގެ "ވާށޭ މަށާއެކީ" ސްރީ ލަންކާގައި އަޅުވަން ކުރިން ނިންމި ތާރީހުތަކަށް ބަދަލުތަކެއް ގެނެސްފި އެވެ.
ކުރިން ފިލްމަ ލަންކާގައި ދައްކާ ގޮތަށް ނިންމީ މި މަހުގެ 13، 14 އަދި 15 ގަ އެވެ.
ޑާކް ރެއިނުން ބުނީ ލަންކާގެ ލިބަޓީ ލައިޓް ސިނަމާ އާއި މައުންޓް ލެވީނިއާގެ ސިޓީ ސިނަމާގައި ފިލްމް އަޅުވަން މިހާރު ހަމަޖައްސައިފައި ވަނީ މި މަހުގެ 10، 11 އަދި 12 ގައި ކަމަށެވެ. އެ ދެ ސިނަމާގައި ފިލްމުގެ ޖުމްލަ ހަ ޝޯ ދައްކަން ވަނީ ހަމަޖެހިފަ އެވެ
ލިބަޓީ ސިނަމާ އިން ފިލްމްގެ ޓިކެޓަށް ނަން ނޯޓް ކުރަން ގުޅަން ޖެހެނީ 94717145766 އެވެ. އަދި ސިޓީ ސިނަމާ އިން ޓިކެޓަށް ނަން ނޯޓް ކުރަން ޖެހެނީ 94777324734 އަށެވެ.
އެޕްރީލް ފަހެއްގައި ރިލީޒް ކުރި "ވާށޭ މަށާއެކީ" ހައުސްފުލް 19 ޝޯ މާލޭގައި ދައްކާފައިވާ އިރު، އަތޮޅުތެރޭގެ ގިނަ ރަށްތަކެއްގައި ވެސް ފިލްމްގެ ކާމިޔާބު ޝޯތަކެއް ވަނީ ދައްކައިފަ އެވެ.
ރޮމޭންޓިކް ކޮމެޑީ "ވާށޭ މަށާއެކީ" އަކީ މަހުދީ އަހުމަދުގެ ސްކްރީންޕްލޭއަކަށް އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.
ފިލްމުގައި ލީޑް ރޯލް ކުޅެފައި ވަނީ ޖުމައްޔިލް ނިމާލް (ޖުމަލް) އާއި މަރިޔަމް މަޖުދާ (މަޖޫ) އެވެ.