ޗައިނާގެ ރޮކެޓުން ބައެއް ދުނިޔެ އަށް ވެއްޓެނީ
ޗައިނާގެ ރޮކެޓުން ބައެއް ދުނިޔެ އަށް ވެއްޓެނީ

ބެއިޖިން (މެއި 8) - ޗައިނާ އިން ޖައްވަށް ފޮނުވާލި ރޮކެޓުގެ ބައެއް މިރޭ ނުވަތަ މާދަމާގެ ވަގުތެއްގައި ދުނިޔެ އަށް ވެއްޓޭނެ ކަމަށް އޮފިޝަލުން ބުނެފި އެވެ.

ލޯންގް މާޗް-5ބީ ވެހިކަލްގެ ބޮޑު ބައެއް ދުނިޔެ އަށް ވެއްޓޭއިރު އޭގެ ބަރުގަނުގައި 18 ޓަނު ހުންނާނެ ކަމަށް ބެލެވެ އެވެ. އެއީ މިއިން ޒަމާނަކު ދުނިޔެ އަށް ނުވެއްޓޭވަރުގެ ބޮޑު ބައެކެވެ.

އެމެރިކާ އިން ބުރާސްފަތި ދުވަހު ބުނެފައި ވަނީ ދުނިޔެ އަށް ވެއްޓޭ ރޮކެޓުގެ މިސްރާބު ބަލަމުންދާ ކަމަށެވެ. ޑިފެންސް ސެކްރެޓަރީ ލޮއިޑް އޮސްޓިން ވިދާޅުވީ ރޮކެޓް ވެއްޓޭނެ ކަމަށް އުއްމީދު ކުރަނީ އެއްވެސް މީހަކަށް ގެއްލުން ނުވާނެ ސަރަހައްދަކަށް ކަމަށެވެ.

މީގެ އަހަރެއްހާ ދުވަސް ކުރިން ވެސް ވަނީ ރޮކެޓުގެ ބައެއް ދުނިޔެ އަށް ވެއްޓިފަ އެެވެ. އެ ފަހަރު ރޮކެޓުގެ ބައި ވެއްޓިފައި ވަނީ އެފްރިކާގެ އައިވަރީ ކޯސްޓަށެވެ. ޖައްވުން ވެއްޓޭ އެއްޗެއް މީހެއްގެ ގައިގައި ޖެހުމުގެ ފުރުސަތު ވަރަށް ކުޑަ އެވެ. ސަބަބަކީ ދުނިޔޭގެ ބޮޑު ބައެއް ކަވަރުވެފައި ވަނީ ކަނޑުން ކަމަށްވާތީ އެވެ.

އެމެރިކާގެ ޖައްވީ ސްޓޭޝަން ސްކައިލެބުގެ ބައިތަކެއް 1979 ވަނަ އަހަރު ވަނީ ވެސްޓަން އޮސްޓްރޭލިއާ އަށް ވެއްޓިފަ އެވެ.