ނަޝީދުގެ ހަށިގަނޑުން ރޭޒާ ފުއްތައް ފެންނަ ސްކޭނެއް
ނަޝީދުގެ ހަށިގަނޑުން ރޭޒާ ފުއްތައް ފެންނަ ސްކޭނެއް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ގޮއްވާލި އައިއީޑީން ބުރައިގެން ދިޔަ ރޭޒާ ފުއްތައް ނަޝީދުގެ ހަށިގަނޑުގެ އެކި ތަންތަނަށް ވަދެފައި ވަނިކޮށް ފެންނަ ކަމަށް ބުނާ ސީޓީ ސްކޭނެއްގެ ފޮޓޯ ސޯޝަލް މީޑިއާގައި އާންމުވެއްޖެ އެވެ.

އާންމުވެފައިވާ ފޮޓޯ އަކީ ނަޝީދުގެ ސްކޭނެއް ކަމަށް ބެލެވުނަސް، ނަޝީދަށް ފަރުވާ ދެމުން އަންނަ އޭޑީކޭ ހޮސްޕިޓަލްގެ ބަހެއް މިކަމުގައި އަދި ނުލިބެ އެވެ.

އެ ސްކޭނުން ފެންނަނީ ހަށިގަނޑުގެ ދިހަ ވަރަކަށް ތަނަށް ރޭޒާ ފުއްތައް ވަދެފައި ވަނިކޮށެވެ. ނަޝީދުގެ ސާޖަރީ ހެދި ތަންތަން ކަމަށް އޭޑީކޭ އިން ހާމަކޮށްފައިވާ ބުނާ ގުނަވަންތަކާ ދިމާލުން ރޭޒާ ފުއްތައް ފެންނަން ހުރެ އެވެ. އެއީ ބޮލާއި ފުރަމެއާއި ފުއްޕާމެޔާއި އަތާއި ފައި އަދި ބަނޑެވެ.

ނަގާފައިވާ ރޭޒާ ފުއްތައް ދަޅަކަށް އަޅާފައިވާތަން ވެސް އާންމުވެފައިވާ ފޮޓޯއިން ފެނެ އެވެ.

ނަޝީދު އެ މަނިކުފާނު އުޅުއްވާ ގ. ކެނެރީގޭން ބުރާސްފަތި ދުވަހުގެ ރޭ ނުކުމެވަޑައިގެން ކާރަށް އަރައިވަޑައިގަންނަވަނިކޮށް 8:27 ހާއިރު އައިއީޑީ ގޮއްވާލީ މަޖީދީ މަގު ކަންމަތިންނެވެ. ސައިކަލެއްގައި ހަރުކޮށްފައިވާ އައިއީޑީ ގޮއްވާލިތާ ހައެއްކަ މިނެޓް ތެރޭ ނަޝީދު އޭޑީކޭ އަށް ގެންގޮސް އެތައް ސާޖަރީއެއް ހަދާފައިވަނީ ހޭނައްތައިގެންނެވެ.

ހަމަލާގައި ނަޝީދުގެ އިތުރުން އެ މަނިކުފާނުގެ ސެކިއުރިޓީންނަށް ވެސް އެކި ވަރުގެ ޒަހަމްތައް ލިބުނެވެ.

ނަޝީދުގެ ސާޖަރީތަކަށް 16 ގަޑިއިރު ހޭދަވި އެވެ. އޭގެ ފަހުން ލައިފްސަޕޯޓުގައި އައިސީޔޫގައި ބޭއްވުމަށް ފަހު މިހާރު އަމިއްލަފުޅަށް ނޭވާ ލައްވައި ވާހަކަ ދައްކަވާ ކަމަށް އާއިލާ އިން ވަނީ ބުނެފަ އެވެ.

ގޮއްވާލި އައިއީޑީ އަށް، އެއިން ލިބޭ ގެއްލުން ބޮޑުކުރުމަށް ރޭޒާ ފުއް އަޅާފައި ހުރި ކަމަށް އެމްއެންޑީއެފުން ވެސް ވަނީ ބުނެފަ އެވެ.

ހަމަލާއާ ގުޅިގެން ހަތަރު މީހަކަށް ޝައްކު ކުރެވޭއިރު މިހާތަނަށް ދެ މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. ތަހުގީގުގެ ފަހުގެ މައުލޫމާތު ދޭން މިއަދު ހަވީރު ފުލުހުންނާއި ޕީޖީ ގުޅިގެން ޕްރެސް ކޮންފަރެންސެއް ބާއްވަން މިހާރު ވަނީ ނިންމައިފަ އެވެ.

ފުލުހުން މިހާރު ވެސް އަންނަނީ ހަމަލާއާ ގުޅިގެން މާލޭގެ އެކި ތަންތަން ބަލައި ފާސްކޮށް އޮޕަރޭޝަންތައް ހިންގަމުންނެވެ.