08 މެއި 2021 - 12:50

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހީހުގެ ރައީސް މުހައްމަދު ނަޝީދަށް ޓެރަރިސްޓް ހަމަލާދިން މައްސަލާގައި ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ދެންމެ ބުނެފި އެވެ.

ފުލުހުން ކުރި ޓުވީޓެއްގައި ބުނީ، މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދިން މި ހަމަލައިގެ ތުހުމަތަށް ހައްޔަރުކުރި މީހުންގެ މައުލޫމާތު މިއަދު މެންދުރު ބާއްވާ މީޑިއާ ބްރީފިންއެއްގައި ހާމަކުރާނެ ކަމަށެވެ.
އިއްޔެގެ ބްރީފިންގައި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވެފައި ވަނީ، ނަޝީދުގެ ގެކޮޅު ގ. ކެނެރީގެ އިން ނުކުމެވަޑައިގެން ކާރުކޮޅަށް އަރާވަޑައިގަންނަވަން ހިންގަވާފައި ވަޑައިގަންނަވަނިކޮށް ދިން ހަމަލައާ ގުޅިގެން ހަތަރު މީހަކު ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
އޭޑީކޭ ހޮސްޕިޓަލްގައި ބޮޑު ދެ ސާޖަރީއެއް ކުރުމަށް ފަހު، މިހާރު ހާލު ރަނގަޅު ވަމުން އަންނަ ނަޝީދަށް ހަމަލަދިން މައްސަލައިގައި ހިމެނޭ މީހެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ރޭ ފޮޓޯއެއް ވެސް ދައުރުކުރި އެވެ.
"މިހާރު"އާ އެ ފޮޓޯތައް ހިއްސާ ކުރައްވަމުން ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ވިދާޅުވީ އެމީހާ ހުރީ އަތަމާ ޕެލަސްގެ ތެރޭގައި ކަމަށާއި އެތަނުގައި ހުރެގެން އޭނާ ރިމޯޓް ކޮންޓްރޯލެއް ބޭނުންކޮށްގެން ބޮން ގޮއްވައިލިކަމަށް، ލިބުނު ސީސީޓީވީ ފުޓޭޖުން ބެލެވޭ ކަމަށެވެ.
އެމްއެންޑީއެފުން ރޭ ބޭއްވި މީޑިއާ ބްރީފިންގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވީ، ނަޝީދަށް ޓެރަރިސްޓް ހަމަލާ ދިނުމަށް ބޭނުންކުރީ ވަރަށް މަތީ ދަރަޖައިގެ، ވަރަށް ބާރުގަދަ އައިއީޑީއެއް ކަމަށެވެ. އެގޮތުން 2007 ގައި ސަލްޓަން ޕާކްގައި ޓޫރިސްޓުންތަކަކަށް އަމާޒުކޮށް ގޮއްވައިލި އީއައިޑީ އަށް ވުރެ ނަޝީދަށް އަމާޒުކޮށް ތައްޔާރުކުރި ޑިވައިސްގެ ބާރު ގަދަ ކަމަށް ޝަމާލް ވިދާޅުވި އެވެ.