08 މެއި 2021 - 15:39

އެ މީހުން ތައްޔާރުވަމުން ދިޔައީ މާލޭގެ މުހިންމު ތަނެއްގައި ބޮމެއް ގޮއްވާލާށެވެ. މި ހަމަލާ އަމާޒުކުރާ ތަނަކީ ބޮމެއް ހަރުކުރަން ފަސޭހަ ތަނަކަށް ނުވާތީ އެ މީހުން ރާވާފައި އޮތީ ދިވެއްސެއްގެ ހަށިގަނޑުގައި ބޮމެއް ހަރުކޮށްގެ ވަދެ ގޮއްވާލާށެވެ.

މި މީހުންގެ ރޭވުން ބައިނަލްއަގުވާމީ އިންޓެލިޖެންސް އިދާރާތަކާއި ދިވެހި ފުލުހުންގެ އިންޓެލިޖެންސަށް ލިބުމާ އެކު ދިވެހި ފުލުހުން އެލާޓްވި އެވެ. މީގެ ހަތަރު އަހަރު ކުރިން ދޭން އުޅުނު އެ ހަމަލާގެ އަމާޒު ހިމާޔަތްކުރަން ސިއްރިއްޔާތުގައި އެތައް ކަމެއް ކުރަމުން ދިޔަ އެވެ. ޝައްކުވާ މީހުން ފާހަގަކޮށް ތަންތަން ޗެކްކުރުން އިތުރުކުރި އެވެ. ކާމިޔާބުވި ނަމަ ދިވެހި އިގްތިސާދު ވެއްޔަށްވާ ވަރުގެ ހަމަލާ ނާކާމިޔާބުކޮށްލައި އެ ކަން ކުރަން އުޅުނު މީހުން ހައްޔަރުކޮށް އެތައް ބައިވަރު ހެއްކެއް ހޯދި އެވެ. އޭގެ ތެރެއިން ހާމަކުރެވޭ ވަރުގެ ހެކިތައް، ދެ މީހުންގެ މައްޗަށް ދައުވާކުރި އިރު ކްރިމިނަލް ކޯޓުގައި ހާމަކުރި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން އައިޑީއެއް ގޮއްވާލުމުން އެންމެ ސިހި ބިރުގެންފައި ތިއްބާ ފުލުހުން ބޭއްވި ފުރަތަމަ ޕްރެސް ކޮންފަރެންސްގައި ކޮމިޝަނަރު މުހައްމަދު ހަމީދު އެ ވިދާޅުވީ މިފަދަ ކަންކަމުގައި އުޅެފައިވާ ދިވެހިންގެ ވާހަކަ އެވެ. ނަޝީދަށް ދިން ފަދަ ހަމަލާއެއް ރާވައި އެފަދަ ކަންކަން ކުރާނެ މީހުން މުޖުތަމައުގައި އެބަ އުޅޭ ކަމަށް އޭނާ ވިދާޅުވި އެވެ. އާންމުންގެ ރައްދަކަށްވީ އެވަރު އެނގޭ އިރު އެ މީހުން ދޫވެފައި ތިބީ ކީއްވެތޯ އެވެ. ކުރު ޖަވާބަކީ، ހިފަހައްޓައިގެން ތިބެވެގެން ނެތީ އެވެ!
މި ބުނާ ހަމަލާ ރޭވި މީހުންނާ ދެކޮޅަށް އެކަމާ ގުޅުން ހުރި ފޯން ކޯލް އެނަލިލިސް، ފޯނުގެ އެނަލިލިސް، ޑޮލަރުގެ މުއާމަލާތުގެ ޑޮކިއުމަންޓްތައް، ތިން ގައުމެއްގެ އިންޓެލިޖެންސް އިދާރާތަކުން ދީފައިވާ މައުލޫމާތު އަދި ރާއްޖޭގެ ފުލުހުންނާއި ސިފައިންގެ އިންޓެލިޖެންސް ރިޕޯޓް ކޯޓަށް ހުށަހެޅި އެވެ. ހައްޔަރުކުރި ދެ މީހުން ފޯނުން ދައްކާފައިވާ ވާހަކަތަކުގައި ޝައްކުވާ އެތައް ކަމެއް ފާހަގަވެ އެ ޝައްކުތަކާ އެ މީހުން ކޮށްފައިވާ ކަންކަމާ ގުޅެ އެވެ. ޑޮލަރުގެ މުއާމަލާތްތައް ކުރި ކަމަށް ތަހުގީގުގައި އިންކާރުކުރި އިރު ބޭންކް ސްޓޭޓްމަންޓުތަކުން އޮތީ އެއީ ދޮގެއްކަން ސާފުކޮށް ފެންނާށެވެ.
ހަމަލާ ރޭވި މީހާ އަކީ ދީނީ ހަރުކަށި ފިކުރުގެ މީހެއްކަމާއި އައިއެސްއާ ގުޅުން އޮންނަ މީހެއްކަން އިންޓެލިޖެންސް ރިޕޯޓުތަކުން އެނގޭއިރު ޓެރަރިޒަމާ ގުޅުން ހުރި މައްސަލަތަކުގައި ކުރިން ހައްޔަރުކޮށްފައިވާ އެތައް ބައެއްގެ ފޯނު ނަންބަރުތަކާއި ކޮށްފައިވާ މުއާމަލާތް ވެސް ފެންނަން ހުއްޓެވެ. އަދި ސީރިއާގައި ހަނގުރާމާގައި ބައިވެރިވުމަށް ފަހު ރާއްޖެ އައިތަނުން ހައްޔަރުކޮށްފައިވާ މީހުންނާ އެކު ނަގާފައިވާ ފޮޓޯ ހުއްޓެވެ.
ގޮވާތަކެތި ހަދަން ބޭނުންވާނެ ބަޑިބޭސް ހަދައި އެ ހޯދާނެ ގޮތާއި އައިއީޑީ ފަދަ ތަކެތި ހަދާނެ ގޮތުގެ މެނުއަލް ވެސް، ހައްޔަރުކުރި މީހުންގެ އަތުން ފެނުނެވެ. އެނގިފައިވާ ގޮތުގައި އެއީ އައިއެސްގެ ހަނގުރާމަވެރިންނަށް މިފަދަ ކަންކަން ކިޔަވައިދޭން ބޭނުންކޮށްއުޅޭ މެނުއަލްއެކެވެ.
ހަމަލާ ރޭވި މީހާ، ހަމަލާގައި ބޮން ގޮއްވާލާ މީހާ އަށް ފައިސާ ފޮނުވާފައި ހުރިކަން އެނގެ އެވެ. ހަމަލާ ދޭނެ މީހުން މާލޭގެ ގޭންގުތަކުގެ ތެރެއިން ހޯދަން ދައްކާފައި ހުރި ވާހަކަތަކާއި މި މައްސަލާގައި ދެން ހިމެނޭ މީހާ ހައްޔަރުކުރުމުން "އެއީ ފިދާއީ" އެއް ކަމަށް ބުނެ ފޯނާއި ސޯޝަލް މީޑިއާ މެދުވެރިކޮށް އެކަމާ ކަންބޮޑުވެގެން ދައްކާފައި ހުރި ވާހަކަތައް ވެސް ތަހުގީގުން ހޯދި އެވެ.
މި މައްސަލާގައި އެކަކުގެ މައްޗަށް ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމުގެ ދައުވާ އަދި ދެން ހުރި މިހާ އަށް ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާ 2017 ވަނަ އަހަރު ކުރި އެވެ. އެކަމަކު މި އަހަރު އެއިން އެއްވެސް ދައުވާއެއް ސާބިތުނުވެ ސަލާމަތްވީ އެވެ. އެއީ އެ ހުރިހާ ވާހަކެއް ދައްކައި ހަތިޔާރު ހަދާނެ ގޮތާއި އެކަން ކުރާނެ ގޮތުގެ ސައްލާތައް ކޮށްފައި ހުއްޓަސް، ކުރުކޮށް ބުނާ ނަމަ، ބޮން ހިފައިގެން ގޮސް ގޮއްވާލަން ހުއްޓާ ނުފެނުނީތީ، އެ މީހުން ސަލާމަތްވީ އެވެ. ހަރުކަށި ފިކުރުގެ މީހުންނާއި ހަނގުރާމަވެރިންނާ ގުޅުން އޮތަސް ބޮން ހަދާ ގޮތް ދަސްކޮށް އެކަމަށް އެއްޗެހި ހޯދަން އުޅުނަސް އެއީ ހަމަލާއެއް ދޭން އުޅުންކަން ސާބިތުނުވީ އެވެ.
ބޭރުގެ ހަނގުރާމަތަކަށް ގޮސް ރާއްޖެ އައި މީހުންގެ މައްޗަށް ދައުވާކުރުމުން ވެސް ސާބިތު ނުވަނީ ހަމަ މިގޮތަށެވެ. އަފްޣާނިސްތާނާއި ސީރިއާ ފަދަ ތަންތަނަށް ވަގަށް އެތެރެވެ، މުޅި ދަތުރުގައި ސިފަ ބަދަލުކޮށްގެން އުޅެ ހަނގުރާމައިގެ މައިދާނުން މީހުންނާ މުއާމަލާތުކޮށްފައި ހުންނަ އިރު ވެސް އެއީ "ވިޔަފާރި ދަތުރެއް" ކަމަށް ކޯޓުގައި ހެކިބަސް ދީގެން އެބަ ސަލާމަތްވެ އެވެ. މިހެން ސަލާމަތްވެ މުޖުތަމައުއަށް ދޫވާ އެތައް ބަޔަކީ ގޮވާތަކެތި ހެދުމުގެ ތަމްރީނު ހޯދައިގެން އަންނަ މީހުންނެވެ. އެއީ ހަނގުރާމައިގެ މައިދާނުން ތަމްރީނުވެގެން އަންނަ މީހުންނެވެ. ހެކި ފޮރުވުމާއި އޮޅުވާލުމާއި ޖެހިލުން ކުޑަކަމަކީ މި މީހުންގެ ސިފަތަކެވެ. އެކަމަކު ތަހުގީގުކޮށް ޝަރީއަތްކުރަން އޮންނަނީ އެންމެ އާންމު ހާލަތުގައި ވެސް އެކަން ކުރާ ގޮތަށެވެ.
މީގެ ދުވަސްކޮޅެއް ކުރިން ވެސް ޓެރަރިޒަމްގެ ތުހުމަތުގައި އެތައް ބަޔަކު ހައްޔަރުކުރުމުން އެކަން ވެސް ގިނަ ބަޔަކަށް ވެފައި ވަނީ ޖޯކަކަށެވެ. އެ މީހުން ތަންތަން ގޮއްވަން އުޅުނު ކަމަށް ބުނުން އަދި މާ ޖޯކު ވެގެން އުޅެ އެވެ.
ރާއްޖޭގައި ޓެރަރިޒަމްގެ ނުރައްކާ އޮތްވަރާއި އެކަން ބޮޑުވަމުންދާ ގޮތުގެ ވާހަކަ ދައްކާ ކޮންމެ ފަހަރަކު ގިނަ މީހުން އެކަން ސިފަކުރީ އެހެން މަގްސަދެއްގައި ދައްކާ ވާހަކައަކަށެވެ. އެ ވާހަކަ ދެއްކުމުން ނުބައި ޓެގެއް އަޅުވައި އެ މީހަކު ލޭބަލް ވެސް ކޮށްފާނެ އެވެ.
އެކަމަކު ހަގީގަތަކީ ހަނގުރާމަތައް ހިނގާ އެކި ގައުމުތަކަށް ދިވެހިން ގޮސް ހަނގުރާމައިގެ މައިދާނުން ތަމްރީނު ހޯދައި ގޮވާތަކެތި ހަދަން ދަސްކޮށް ހަތިޔާރު ބޭނުންކުރަން ވެސް ދަސްކޮށްގެން ރާއްޖެ އައިސް އުޅޭ ކަމެވެ. އޭގެ ތެރޭގައި އެ ހަނގުރާމަތަކުގެ ވަރަށް އިސް ދައުރެއް އަދާކުރި މީހުން ވެސް އުޅެ އެވެ.