އެކްޓިން ހުއްޓައެއްނުލާނަން، ބެލުންތެރިން އަހަރެން ބޭނުންވޭ: ސަންޖޭ
އެކްޓިން ހުއްޓައެއްނުލާނަން، ބެލުންތެރިން އަހަރެން ބޭނުންވޭ: ސަންޖޭ

ސަންޖޭ ކަޕޫރް ދެކެ ބެލުންތެރިން ލޯބިވާ ކަމަށާއި އެހެންވެ އަދިވެސް ފިލްމުތަކާއި ވެބް ސީރިޒްތަކުން ބެލުންތެރިންނާ ބައްދަލުވާން އެކްޓްކުރުން ހުއްޓާނުލާނެ ކަމަށް ބުނެފި އެވެ.

ބޮލީވުޑްގައި ލީޑިން އެކްޓަރެއްގެ ގޮތުގައި މާ ބޮޑު ކާމިޔާބީއެއް ނުހޯދުނު ސަންޖޭ، 55، އަކީ މަޝްހޫރު އެކްޓަރު އަނިލް ކަޕޫރްގެ ކޮއްކޮ އެވެ. ކެރިއަރުގެ ކުރީކޮޅު ފިލްމުތަކުގެ ލީޑް ކުޅެން ލިބުނަސް މިހާރު ވަރަށް މަދުން ފިލްމުތަކުން ފެންނަ ސަންޖޭ މިހާރު އާންމުކޮށް ކުޅެނީ ސަޕޯޓިން ރޯލުތަކެވެ. އަދި ފިލްމުތަކަށް ވުރެ ބޮޑަށް ސަންޖޭ މި ފަހުން މުޅިން ވެސް ފެންނަނީ ވެބް ކޮންޓެންޓްތަކުންނެވެ.

އެކަމާ ބެހޭ ގޮތުން ސަންޖޭ ފިލްމުފެއާ އަށް ބުނީ ދެ މީޑިއަމް އިން އޭނާ އަށް މާ ބޮޑު ތަފާތެއް އިހުސާސެއްނުކުރެވޭ ކަމަށާއި މިހާރު ޑިޖިޓަލް ކޮންޓެންޓްތަކަކީ ފިލްމުތަކަށް ދޫނުކުރާ ވަރުގެ އެއްޗެހި ކަމަށެވެ. އެހެންވެ ލިބޭ ފުރުސަތުތަކުގެ ބޭނުން ހިފައި، އެކްޓިންއާ ވަކިނުވެ ދެމިހުންނާނެ ކަމަށް ބުންޏެވެ.

"އުފާވާ ކަމަކީ ބެލުންތެރިން އަދިވެސް އަހަރެން ދެކެ ލޯބިވާތީ. އަދި އަހަރެން ދެކެން ބޭނުންވާތީ. އެހެންވީމާ ފޭނުން ހިތްހަމަޖައްސައިދޭން އަބަދު ވެސް ހުންނާނަން،" ސަންޖޭ ބުންޏެވެ.

އޭނާ ބޮލީވުޑަށް ނުކުތީ 1995 ގައި ތައްބޫއާ އެކު ކުޅުނު "ޕްރޭމް" އިންނެވެ. އޭގެ ފަހުން ސަންޖޭ ކުޅުނު ފިލްމުތަކުގެ ތެރޭގައި މަދޫރީ ޑިކްސިޓާ އެކު ކުޅުނު "ރާޖާ" އާއި "މޮހައްބަތު" އާއި ސުޝްމިތާ ސެންއާ އެކު ކުޅުނު "ސިރުފް ތުމް" އާއި ޝިލްޕާ ޝެޓީއާ އެކު ކުޅުނު "އައުޒާރު" އަދި ކަރިޝްމާ ކަޕޫރާ އެކު ކުޅުނު "ޝަކްތީ: ދަ ޕަވާ" ހިމެނެ އެވެ.

ސަންޖޭގެ އެންމެ ފަހުގެ ފީޗާ ފިލްމަކީ އަނިލްގެ ދަރިފުޅު ސޯނަމް ކަޕޫރްގެ ބައްޕަގެ ރޯލު ކުޅުނު 2019 ގެ "ދަ ޒޯޔާ ފެކްޓާ" އެވެ.

މި މަހުގެ 14 ގައި އެމެޒޯން ޕްރައިމް ވީޑިއޯ އިން ޕްރީމިއާކުރާ ވެބް ސުޕަނެޗްރަލް ސީރީޒް "ދަ ލާސްޓް އަވާ" އިން ވެސް ފެނިގެންދާނެ ސަންޖޭގެ ކުރިއަށް އޮތް އެންމެ ފާހަގަކޮށްލެވޭ އެއް ވެބް ސީރީޒަކީ ނެޓްފްލްކްސް އިން ޕްރީމިއާކުރަން ހަމަޖެހިފައިވާ މަދޫރީގެ "ފައިންޑިން އަނާމިކާ" އެވެ.

ސަންޖޭގެ އަންހެން ދަރިފުޅު ޝަނާޔާ ކަޕޫރް ވެސް ބޮލީވުޑަށް ނުކުންނަން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ. އޭނާ ނެރެދެނީ ކަރަން ޖޯހަރެވެ.