07 މެއި 2021 - 22:41

ރާއްޖެއިން އިތުރު 766 މީހަކު ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވްވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ނެގި 3153 ސާމްޕަލްގެ ތެރެއިން 766 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.
މިއީ އަނެއްކާ ވެސް ރިކޯޑް އަދަދެކެވެ. އިއްޔެ ވެސް 703 މީހަކު ރާއްޖެއިން ޕޮޒިޓިވްވިއިރު އޭގެ ކުރީ ދުވަހު ވަނީ 734 މީހަކަށް ކޮވިޑް ޖެހިފަ އެވެ.
މިފަހުން ކޮވިޑް-19 ޖެހޭ މީހުންގެ އަދަދުތައް އެވްރެޖްކޮށް 700 އިން މަތީގައި އުޅޭއިރު މިއަދު ޕޮޒިޓިވްވި 766 މީހުންގެ ތެރޭގައި ގިނައީ މާލޭ ސަރަހައްދުން ޕޮޒިޓިވްވި މީހުންނެވެ. އެގޮތުން މާލެއިން 571 މީހަކު، ރަށްރަށުން 171 މީހަކު ޕޮޒިޓިވްވެފައިވެ އެވެ. އަދި ރިސޯޓުތަކުން 23 މީހަކު ޕޮޒިޓިވްވެފައިވާއިރު ސިނާއީ ރަށްރަށުން ޕޮޒިޓިވްވީ އެންމެ މީހެކެވެ.
މިއާ އެކު ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު 34،134 އަށް އަރަ އެވެ. އަދި ބަލިން ރަނގަޅުވި މީހުންގެ އަދަދު 25،782 އަށް އަރައިއިރު އެކްޓިވް ކޭސްތަކުގެ އަދަދު އުޅެނީ 8261 ގަ އެވެ.
ހޮސްޕިޓަލުގައި 205 މީހަކަށް ފަރުވާދެމުން އެބަދެ އެވެ. އަދި މިއަދު ވެސް ކޮވިޑްގައި ތިން މީހަކު މަރުވެފައިވެ އެވެ. މިހާތަނަށް ޖުމްލަ 82 މީހަކު ކޮވިޑްގައި މަރުވެފައިވެ އެވެ.