07 މެއި 2021 - 21:26

ވިހި އަހަރަށް ވުރެ ދިގު މުއްދަތަކަށް އަމީނިއްޔާ ސްކޫލަށް ހިދުމަތް ކުރި އެ ސްކޫލުގެ ކޮމްޕިއުޓާ ސައިންސް ޓީޗަރު، އެލް.އޭ ސަރަތު ޗަންދްރަ މިއަދު މަރުވެއްޖެ އެވެ.

ކިޑްނީ ބަލީގައި ސަރަތު މަރުވެފައި ވަނީ ސްރީލަންކާގައި އެ ބައްޔަށް ފަރުވާ ހޯދަމުންދަނިކޮށެވެ.

ސަރަތަކީ، ވޭތުވެދިޔަ 20 އަހަރުގެ ތެރޭގައި އެ ސްކޫލުގެ ޓީޗަރެއްގެ އިތުރުން ސްކޫލަށް އެހެން ހިދުމަތްތައް ވެސް ކޮށްދިން، ދަރިވަރުންނާ ވެސް ވަރަށް ގުޅޭ ޓީޗަރެކެވެ. އޭނާގެ މަރާ އެކު، އަމީނިއްޔާ ސްކޫލާއި އޭނާގެ އެތައް ސަތޭކަ ދަރިވަރުންނެއް އަންނަނީ ހިތާމަފަޅުކުރަމުންނެވެ.
އަމީނިއްޔާ ސްކޫލުގެ ޕްރިންސިޕަލް ނާޒްލީން ވާފިރު ވިދާޅުވި ގޮތުގައި "ސަރަތު ސޯ"އަކީ އެންމެންނާ ވެސް ގުޅޭ، ހިތްހެޔޮ އަދި މަޑުމައިތިރި މިޒާޖެއްގެ މީހެކެވެ. އަދި ސަރަތު ސޯއަކީ ވަރަށް އިހުލާސްތެރި، މަސައްކަތަށް ފަރުވާތެރި ޓީޗަރެއްގެ ގޮތުގައި އޭނާ ސިފަ ކުރެއްވި އެވެ.
ސަރަތު ސޯގެ ހިދުމަތުގެ ތެރެއިން އޭނާ ވަނީ އަމީނިއްޔާގެ ޓީޗަރުންނާއި ދަރިވަރުންގެ އިތުރުންް ބެލެނިވެރިންގެ ވެސް ލޯބި ހޯދައިފަ އެވެ.
ނާޒްލީން ވިދާޅުވީ، 2019 ވަނަ އަހަރުގެ ތެރޭގައި ސަރަތު ސޯ ވަނީ، އޭނާ ބަލިވެގެން އުޅޭ ވާހަކަ ހިއްސާކޮށްފައި ކަމަށާއި އޭގެ ފަހުން ކިޑްނީ ފެއިލްވެފައިވާކަން އެނގުނީ މިދިޔަ އަހަރުގެ ބޮޑު ޗުއްޓީގެ ތެރޭގައި އާއިލާ ކައިރިއަށް ލަންކާ އަށް ގޮސް ހެދި ޓެސްޓުތަކަކުން ކަމަށެވެ.
އެހެންވެ، މި އަހަރު އޭނަ ރާއްޖެ އަށް އެނބުރި ނާދެ އެވެ. ލަންކާގައި ކިޑްނީ ބައްޔަށް ފަރުވާ ހޯދަން ފެށިއިރު މި އަހަރުގެ ތެރޭގައި އަމީނިއްޔާ ސްކޫލުގެ ޓީޗަރުންނާއި ދަރިވަރުން ވަނީ ސަރަތަށް ފައިސާގެ އެހީ ހޯދުމުގެ ހަރަކާތެއް ވެސް ހިންގައިފަ އެވެ. އަދި ލިބުނު ފައިސާ އޭނާގެ އާއިލާއާ ހަވާލުކޮށްފައިވާ ކަމަށް ވެސް ޕްރިންސިޕަލް ވިދާޅުވި އެވެ.
ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން މިފަހުން ސަރަތަށް ފަރުވާދެމުން އައިއިރު ސްޓްރޯކެއް ވެސް ޖެހި ފަރުވާދޭން ޖެހުނެވެ. އޭގެ ފަހުން، ކިޑްނީއެއް ލިބިގެން ކިޑްނީ ޓްރާންސްޕްލާންޓް ކުރުމުގެ މަސައްކަތް ފަށަން ތައްޔާރުވަމުން ދިޔަ ކަމަށް ވެސް ޕްރިންސިޕަލް ވިދާޅުވި އެވެ. އެކަމަކު ކުއްލިއަކަށް މިއަދު ލިބުނީ ސަރަތު ސޯ ވަކިވެގެން ދިޔަ ހަބަރެވެ.
"އޭނާގެ އަންހެނުންނަށް ސްކޫލުގެ ޓީޗަރުން ވެސް ގުޅައިގެން ސަރަތުގެ ހާލު ބަލަމުންދިޔައީ. އެންމެންނަށް ވެސް ޝޮކެއް ލިބުނީ މަރުހެ ހަބަރާ އެކު،" ޕްރިންސިޕަލް ވިދާޅުވި އެވެ.
ރާއްޖޭގައި ހުރިއިރު ސަރަތު ގިނަ ވަގުތު ހޭދަކުރަމުން އައީ ވެސް ސްކޫލުގަ އެވެ. އަނބިދަރިންނާ ދުރުގައި ރާއްޖޭގައި އޭނާ ހޭދަކުރި މުއްދަތުގައި ވެސް ފެނިގެންދިޔައީ ވަރަށް ހަރަކާތްތެރި ޓީޗަރެއްގެ ގޮތުގަ އެވެ.
ސަރަތާ އެކު 15 އަހަރު މަސައްކަތް ކުރެއްވި، ލީޑިން ޓީޗަރު އައިމިނަތު އައްޒަ ސިފަކުރައްވާ ގޮތުން، އަމީނިއްޔާ އަށް ގެއްލިގެން އެ ދިޔައީ ވަރުގަދަ "އެސެޓެ"ކެވެ. ކޮންމެ ކަމަކު ބުންޏަސް އެންމެ ފުރަތަމަ އިސް ނަގައިގެން ނިކުންނަ ޓީޗަރަކީ ސަރަތު ސޯ ކަމަށް އޭނާ ވިދާޅުވި އެވެ.
"ވަރަށް ކުދިން ދެކެ ވެސް ލޯބިވާ ޓީޗަރެއް. ނިކް ނޭމުން ކުދިންނަށް ވެސް ގޮވާނީ. ދުވަހަކު ވެސް ކަމެއްގަ ބުނީމަ ނޫނެކޭ ނުވާނެއޭ ނުބުނާނެ،" މަސައްކަތް ގިނަވެގެން ދުވަހަކު ވެސް ސަރަތުގެ ފަރާތުން ޝަކުވާއެއް ނީވޭކަން ފާހަގަކުރައްވަމުން އައްޒަ ވިދާޅުވި އެވެ.