07 މެއި 2021 - 19:08

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަަށް ރޭ ދިން ޓެރަރިސްޓް ހަމަލާގައި ލިބިވަޑައިގެންނެވި އަނިޔާތަކަށް ފަރުވާ ހޯއްދަވައި، އެ މަނިކުފާނު އަނބުރާ މަޖިލީހުގެ ރިޔާސަތަށް ވަޑައިގަންނަވަންދެން ނަޝީދު ކުރެއްވި މަސައްކަތްތައް ބާރަށް ކުރިއަށް ގެންދަވާނެ ކަމަށް މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
ނަޝީދުގެ ގެކޮޅު ގ. ކެނެރީގެ އިން ރޭ 8:30 ހާއިރު ނުކުމެވަޑައިގެން ކާރުކޮޅަށް އަރުއްވަން ވަޑައިގަންނަވަނިކޮށް، ބަޔަކު ދިން ޓެރަރިސްޓް ހަމަލާގައި އެ މަނިކުފާނު ޒަހަމްވުމާއެކު، ރައްޔިތުންގެ މަޖިލީހުގެ ކުއްލި ޖަލްސާއެއް ރޭ ފެށި އެވެ. އެ ޖަލްސާގައި ރިޔާސަތުން ނިންމާފައި އޮތީ ނަޝީދުގެ ސިއްހީ ހާލުކޮޅާ ގުޅޭ މައުލޫމާތުތައް ސާފުވަންދެން ޖަލްސާ ކުރިއަށް ގެންދިއުމަށެވެ. އެހެންވެ، ދެ ފަހަރެއްގެ މަތިން ޖަލްސާ ރޭ މެދުކަނޑާލުމަށް ފަހު، މިއަދު ހަވީރު އަލުން ޖަލްސާ ފެށީ ނަޝީދުގެ ސާޖަރީތައް ނިމި، ޑޮކްޓަރުންގެ ފަރާތުން މައުލޫމާތު ލިބުމުންނެވެ.
ހަވީރު އޮތް މަޖިލީހުގެ ކުއްލި ޖަލްސާ ނިންމަވައިލައްވަމުން މަޖިލީހުގެ ނައިބު ރައީސް އީވާ ވިދާޅުވީ ނަޝީދު ރިޔާސަތުގައި އިންނަވައި، ކުރެއްވި ބުރަ މަަސައްކަތްޕުޅުތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދަވާނެ ކަމަށެވެ.
"އެ މަނިކުފާނަށް އަލުން އަނބުރާ ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތަށް ހަވާލުވެވަޑައިގެންނެވެން ދެން އަޅުގަނޑު ހަމަ ގައިމު ވެސް އަޅުގަނޑުގެ ހުރި ހިތްވަރަކާއެކު އެ މަސައްކަތް ކުރިއަށް ގެންދާނަން. އަދި އަޅުގަނޑު އެއްވެސް ޝައްކެއް ނުކުރަން ތިޔަ މެމްބަރުން އެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށް ދިވެހި ރައްޔިތުންގެ ނަމުގައި،" އީވާ ވިދާޅުވި އެވެ.
އެއްޗެއް ގޮއްވާލައި ނަޝީދަށް ރޭ ހަމަލާ އަމާޒުކޮށްފައި ވަނީ އެ މަނިކުފާނުގެ ގެކޮޅުން ނުކުމެވަޑައިގެން ކެނެރީގެ ހުންނަ ގޯޅިން މަޖީދީ މަގާ ވީ ކޮޅުގައި އޮތް ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށެވެ. އެގޮތުން ގޮއްވާލީ ކާރު ކައިރީ ޕާކު ކޮށްފައި ހުރި ސައިކަލެއްގައި އެއްޗެއް ހަރުކޮށްގެންނެވެ.
އެ ހާދިސާ ހިނގިއިރު އެ ހަމަލާގައި ނަޝީދުގެ ހަށިކޮޅަށް ގިނަ ޒަހަމްތަކެއް ލިބުނެވެ. އޭޑީކޭ ހޮސްޕިޓަލްގައި ކުރި 16 ގަޑިއިރުގެ ކާމިޔާބު އޮޕަރޭޝަންތަކަށް ފަހު، އެ މަނިކުފާނު މިހާރު އޮތީ އައިސީޔޫގަ އެވެ. ނަޝީދުގެ ބޮލުގެ، އަތާއި ފައިގެ މަސްގަނޑުގެ، އަދި ފުރަމެ އާއި ބަނޑުގެ ސާޖަރީއެއް ހެދި އެވެ. އެކަމަކު، ހާލު އަދިވެސް ކްރިޓިކަލް އެވެ.
އެ ޓެރަރިސްޓް ހަމަލާއާ ގުޅިގެން މިއަދު މެންދުރުފަހު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ، އެ ހަމަލާގެ ކުރިން ފުލުހުންގެ އިންޓެލްއަށް މައުލޫމާތު ނުލިބޭ ކަމަށެވެ.
ސީޕީ ވިދާޅުވީ، ނަޝީދަށް ހަމަލާ ދިން ސަރަހައްދުން ޝައްކު ކުރެވޭ ފަދަ އަމަލުތަކެއް ހުރި ހަތަރު މީހަކު ފާހަގަވެފައިވާ ކަމަށެވެ. އެ މީހުން ދެނެގަތުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ވެސް ސީޕީ ވިދާޅުވެ އެވެ.
އެ ހަމަލާގައި ނަޝީދުގެ އިތުރުން ހަތަރު މީހަކަށް އަނިޔާވެ ފަރުވާދޭން ޖެހުނެވެ.