އޭޝިއާ ވިޝަން މޫވީ އެވޯޑުގެ އެންމެ މޮޅު ބަތަލާއަކަށް ސޯނަމް
އޭޝިއާ ވިޝަން މޫވީ އެވޯޑުގެ އެންމެ މޮޅު ބަތަލާއަކަށް ސޯނަމް

"ނީރްޖާ"ގައި ސޯނަމް ކަޕޫރު ކުޅެފައިވާ މޮޅު ރޯލަށް އޭޝިއާ ވިޝަން މޯވީ އެވޯޑްސްގެ އެންމެ މޮޅު ބަތަލާގެ އެވޯޑު އޭނާ ހާސިލުކޮށްފި އެވެ.

ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ޝާރްޖާ ކްރިކެޓް ސްޓޭޑިއަމްގައި އަންނަ ހުކުރު ދުވަހު އޮންނަ މި އެވޯޑު ޝޯގައި ސޯނަމް ބައިވެރިވެ އެވޯޑާ ހަވާލުވާނެކަމަށް ސޯނަމްގެ ފަރާތުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވެ އެވެ.

ރާމް މާދްވާނީ ޑައިރެކްޓްކޮށްފައިވާ "ނީރްޖާ"ގައި ސޯނަމް ކުޅެފައިވަނީ އެއާ ހޮސްޓެސް ނީރްޖާ ބެނޮޓްގެ ރޯލެވެ. ނީރްޖާ އަކީ ޕޭން އޭމް ފްލައިޓެއް ކަރާޗީގައި އޮއްވާ ޓެރަރިސްޓުންގެ ބަޔަކު އަރާ ހައިޖެކް ކުރި ހާދިސާއެއްގައި ފްލައިޓްގައި ތިބި އެތައް ސަތޭކަ ފަސިންޖަރުންނެއްގެ ފުރާނަ ސަލާމަތްކުރަން މަސައްކަތްކުރަނިކޮށް މަރާލި ޒުވާނެކެވެ.

ސަންޖޭ ލީލާ ބާންސާލީގެ "ސާވަރިޔާ"އިން މީގެ ނުވަ އަހަރު ކުރިން ހިންދީ ފިލްމީ ދުނިޔެއަށް ނުކުތް ސޯނަމްގެ "ނީރްޖާ" ރިލީޒްވުމާއެކު ފާޑުކިޔުންތެރިންނާއި ފިލްމު ބަލާ ގނަ ބަޔެއްގެ ތައުރީފު ސޯނަމް އަށް ލިބިގެން ދިޔަ އެވެ.

ސޯނަމް، 31، މިހާރު ތައްޔާރުވަމުންދަނީ އޭނާގެ ހޯމް ޕްރޮޑަކްޝަންގެ "ވީރް ދީ ވެޑިން"ގެ ޝޫޓިން ފެށުމަށެވެ. މި ފިލްމުގައި އޭނާގެ އިތުރުން ކަރީނާ ކަޕޫރާއި ސްވާރާ ބާސްކަރް ވެސް މުހިއްމު ބައިތަކެއް ކުޅޭނެ އެވެ.