ކަރަންޓީނުގެ މުއްދަތު 14 ދުވަހަށް އިތުރުކޮށްފި
ކަރަންޓީނުގެ މުއްދަތު 14 ދުވަހަށް އިތުރުކޮށްފި

އެއް ރަށުން އަނެއް ރަށަށް ދަތުރުކުރާ މީހުންް ކަރަންޓީނުގެ މުއްދަތުގެ ގޮތުގައި 14 ދުވަސް ފުރިހަމަ ކުރަން ޖެހޭ ގޮތަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އުސޫލަށް މިއަދު ބަދަލު ގެނެސްފި އެވެ.

ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި، ނެރުއްވި އެންގުމުގައި ބުނެފައި ވަނީ މިއަދުން ފެށިގެން ވަކި ގޮތެއް އަންގަންދެން ދަތުރުފަތުރާ ގުޅިގެން ކަރަންޓީނުކުރާ މީހުން 14 ދުވަހަށް ކަރަންޓީނުކުރަން ނިންމާފައިވާ ކަމަށެވެ.

އެގޮތަށް ފިޔަވަޅުތައް ތަންފީޒުކުރުމަށް ކަމާ ބެހޭ އިދާރާތަކަށް ވެސް އަންގަވަ އެވެ.

މި ކަރަންޓީނު މުއްދަތު އެކި ގައުމުތަކުގައި އަދި އެކި ހާލަތްތަކުގައި އިތުރުވުމާއި ކުރުވުން ބިނާވަނީ ބަލި ފެތުރުމުގެ ރިސްކު އޮތް މިންވަރާއި ގައުމެއްގެ ހާލަތާ ގުޅޭ ގޮތުން އެ ގައުމެއްގެ ސިއްހީ އިދާރާތަކުގެ ނިންމުންތަކަށެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ކޮވިޑް-19 ފެތުރެން ފެށިއިރު 14 ދުވަހަށް ކަރަންޓީނުވާން ޖެހެ އެވެ. އެއީ އޭރު ހެދިފައިވާ ދިރާސާތަކުން ބަލި އިތުރަށް ފެތުރުނަ ނުދިނުމަށް އެންމެ ރަނގަޅު މުއްދަތު ކަމަށް ޑޮކްޓަރުން ބުންޏެވެ.

އެކަމަކު 14 ދުވަހުގެ މުއްދަތު ދިގުކަމުން، އެތައް ބަޔަކު ޝަކުވާކުރުމާއި ދިރާސާތަކުގެ މައްޗަށް ބިނާކޮށް ފަހުން ނިންމީ 10 ދުވަހަށް ކަރަންޓީނުކުރާށެވެ.

ރާއްޖޭގެ ކޮވިޑްގެ ހާލަތު ގޯސްވާތީ ކޮވިޑްގެ ފިޔަވަޅުތައް ވަރުގަދަކުރަމުން އަންނައިރު މާލޭ ސަރަހައްދުގެ އިތުރުން ބައެއް ރަށްރަށުގައި ވެސް އަންނަނީ ކާފިއު ހިންގަމުންނެވެ. އަދި ސްކޫލުތަކާއި އޮފީސްތައް ވެސް ބަންދުކޮށް، ހިދުމަތް ދެމުން އަންނަނީ އޮންލައިންކޮށެވެ.