07 މެއި 2021 - 15:59

މީޑިއާ ބްރީފިން ނިންމާލައިފި.
ޗީފް ޝަމާލް: ވަކިން ހާއްސަކޮށް ސޯޝަލް ގެދަރިންތަކުގެ ވަށައިގެން ވާ ސަރަހައްދު ކުރިން ސްކްރީން ކުރަމުންދޭ.
ޗީފް ޝަމާލް: ގޮއްވާލާފައި ވަނީ ރިމޯޓް ކޮންޓްރޯލް ޑިވައިސްއެއް ބޭނުންކޮށްގެން. ސަލްޓަން ޕާކްގެ ގޮއްވުމާ ބަލާއިރު މި ފަހަރުގެ އައިއީޑީ އެތައް ދަރަޖައެއް މަތި. އައިއީޑީ އަށް ވަނީ ގިނަ އަދަދަކަށް ރޭޒާ ފުށް ލާފައި. މިއީ އެތައް ދަރަޖައެއް ނުރައްކާތެރި އައިއީޑީއެއް.
ޑެޕިއުޓީ ޗީފް: އަބްދުއްރަހީމް: އިންޓެލިޖެންސަށް އެކިއެކި އިންޕުޓްސް ލިބޭ. ތަކުރާރުކޮށް ލިބޭ މައުލޫމާތު ހިއްސާ ކުރަން ޖެހޭ ފަރާތްތަކާ ވަގުތުން ހިއްސާ ކުރަން. ލިބޭ މައުލޫމާތުތަކަށް ބަލާފައި ވަރަށް ގިނަ ކަންކަން ހުއްޓިފައި ވެސް ހުންނާނެ.
މިނިސްޓަރު މާރިޔާ: އިންޓެލިޖެންސްގެ މައުލޫމާތު ލިބުނީމާ ކުރަންޖެހޭ ހުރިހާ ކަމެއް ދަނީ ކުރަނީ. އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި އަޅުގަނޑުމެން ކުރަންޖެހޭ ކަންތައް އަޅުގަނޑުމެން ދިޔައީ ކުރަމުން. އިންޓެލިޖެންސް އެސެސްމަންޓްތަކުން އަޅުގަނޑުމެންނަށް އެނގޭ ރައީސް ނަޝީދަކީ ހައި ރިސްކު ބޭފުޅެއް ކަން. އަޅުގަނޑުގެ ތައުރީފް އެ ބޭފުޅުންނަށް އޮންނާނެ.
ޗީފް ޝަމާލް: އެމްއެންޑީއެފްގެ އެއްވެސް އަތެއް މިކަމުގައި ވާނެ ކަމަށް ގަބޫލެއް ނުކުރަން. އިންވެސްޓިގޭޝަން ކުރިއަށް ދަނީ އެމްއެންޑީއެފްގެ އެހީތެރިކަމާ ވެސް އެކު. އަޅުގަނޑުމެންގެ ތެރެއިން އެ ކަހަލަ ކަމެއް ނުހިނގާނެ ކަމުގެ ޔަގީންކަން ދެން. އެ ކަހަލަ އިންޑިކޭޝަނެއް ވެސް ނެތް ކަމުގެ ޔަގީންކަން ދެން.
ޗީފް ޝަމާލް: ގައުމީ ދިފާއީ ބާރުގެ ސްޓޭޓަސް މިހާރު އޮތީ ޓެރަރިޒަމްގެ ހަމަލާތައް އައިސްގެން އުޅޭ ސްޓޭޓަސްގައި. މިހާރު އޮތް ބިރުވެރިކަމުން އަރައިގަތުމަށްޓަކައި ގައުމީ ދިފާއީ ބާރު އޮތީ ތައްޔާރަށް.
ޗީފް ޝަމާލް: އިތުރު ޑިވައިސްއެއް އެ ސަރަހައްދުގައި އޮތް ކަމުގެ މައުލޫމާތު ލިބުނު. އެކަމަކު، ފަހުން ބެލިއިރު އެއީ އަސްލެއް ނެތް ވާހަކައެއް.
ޝަމާލް: ނަޝީދުގެ ގެކޮޅު ހުންނަ ގޯޅީގައި ހުންނަ ސައިކަލްތައް ނަަގައި ދިނުމަށް އަޅުގަނޑުމެން ވާނީ ކަމާ ބެހޭ އިދާރާގައި އެދިފައި. ރައީސް ނަޝީދަކީ ހައި ރިސްކު ބޭފުޅެއް ކަން އެނގި ތިބެ، އަންނަނީ ފިޔަވަޅުތައް އަޅަމުން.
ޗީފް ޝަމާލް: ރައީސް ނަޝީދަކީ އެންމެ ހައި ރިސްކުގައި ހިމެނޭ ބޭފުޅެއް. އެ ބޭފުޅާ އަކީ ހައި ރިސްކު ބޭފުޅެއް ކަމުގެ މައުލޫމާތު އަބަދު ލިބޭ. އަބަދުވެސް ފިޔަވަޅުތައް އަޅަމުން ދޭ. ސީޕީ ޓީމުގެ އަދަދުތައް ވަނީ ގިނަ ކޮށްފައި. ނަޝީދު ވަޑައިގަންނަވާ ތަންތަނަށް އެޑްވާންސް ޓީމުތައް ފޮނުވައި، ގޮވާ އެއްޗެއް ބާއްވާނެ ތަނެއް އެނގޭ ނަމަ އެ ތަނެއް ބަލަމުން ދޭ. އިއްޔެ ވެސް ރަށުން ބޭރަށް ވަޑައިގަންނަވާތީ ފާލަން ކައިރީގައި އެޑްވާންސް ޓީމެއް އޮތް. ވަޑައިގަންނަވާ ރަށަށް ވެސް ޓީމެއް ފޮނުވާފައި ވާނީ. ސައުވީސް ގަޑިއިރު އެ މަނިކުފާނުގެ ގެކޮޅު ބެލޭނެ ނިޒާމެއް ވެސް ވަނީ ގާއިމް ކޮށްފައި. އިންޓެލިޖެންސްގެ އިމްޕުޓްސް އަަށް ބަރޯސާ ވެގެން އެކި ކަހަލަ ކަންކަން ރާވަނީ.
ޗީފް ޝަމާލް: އެ މަނިކުފާނު އޭޑީކޭ އަށް ގެންދިޔައީ ސެކިއުރިޓީ ކާރުގައި. އޭޑީކޭ ހޮސްޕިޓަލަށް ގެންދެވުނީ 8:35 ހާއިރު. ރިއެކްޝަން ޕްރޮޓޮކޯލް އަށް ބަލާއިރު އަޅުގަނޑުމެން ހިތްހަމަޖެހޭ. އިންޖަރީގައި ތިބެގެން ވެސް ސިފައިން އައީ ރައީސް ނަޝީދާ ވާހަކަ ދައްކަމުން. ރައީސް ނަޝީދު ވެސް ގެންދެވީ ވާހަކަފުޅު ދައްކަވަމުން. ސިފައިން ރިއެކްޓް ކުރި ގޮތާއި ޑްރިލްތައް ވަރަށް ތަފުސީލްކޮށް ބެލިން.
ޗީފް ޝަމާލް: އެހެން ރަށެއްގައި އޮތް ހަފުލާއަކަށް ވަޑައިގަންނަވަން ރައީސް ނަޝީދު ގެއިން ނުކުމެވަޑައިގަތީ ރޭގެ 8:25 ހާއިރު. ކާރުކޮޅު އޮތީ މަޖީދީމަގުގެ އިރަށް ކުރިމަތިވާ ގޮތަށް ޕާކް ކޮށްފައި. ގާތްގަނޑަކަށް 8:27 ހާއިރު އެ ތާނގައި ކަންމައްޗަށް ވާ ގޮތަށް ޕާކް ކޮށްފައި ހުރި ސައިކަލެއްގައި ހަރުކޮށްފައި އޮތް އައިއީޑީއެއް ގޮއްވާނީ. ވަރަށް ނުރައްކާތެރި، ވަރަށް ވަރުގަދަ ހަމަލައެއް އެ މަނިކުފާނަށް ދިނީ. ހަމަލައާއެކު ރައީސް ނަޝީދު ވެއްޓި ވަޑައިގަތް. އެކްސްޕްލޯސިވްގެ އަޑު ވެސް ވަރަށް ވަރުގަދަ. މިއީ ހޯމް މޭޑް، ނޮން މިލިޓަރީ ޑިވައިސްއެއް ކަމަށް ލަފާކުރެވޭ. ރައީސް ނަޝީދަށް ކާރުކޮޅަށް އަރާވަޑައި ނުގެންނެވޭ. ނަޝީދަށް ހަމަލަ އައީ ވާތް ފަރާތާ ދިމާލުން. ޕާސަނަލް ސެކިއުރިޓީ އޮފިސަރަށް ވެސް ހަމަލަ އައީ ވާތްފަރާތާ ދިމާލުން.
ޗީފް ޝަމާލް: ނަޝީދަށް ދިނީ ޓެރަރިސްޓް ހަމަލާއެއް. ގައުމީ ދިފާއީ ބާރުން މި ހަމަލާ އެންމެ ހަރުކަށި ބަހުން ކުށްވެރި ކުރަން. އަޅުގަނޑުމެން މފަދަ ކަންތައް ކުރާ މީހުން ގާނޫނުގެ ކުރިމައްޗަށް ގެންނަން ފަހެއް ނުޖެހޭނަން.
މާރިޔާ: ސިފައިން ވަނީ ވަރަށް ޕްރޮފެޝަނަލް މަސައްކަތްތަކެއް ކޮށްދެއްވާފައި. ސިފައިން ކުރަންޖެހުނު ކޮންމެ ކުރައްވާނެ ކަމުގެ ޔަގީންކަން އަޅުގަނޑަށް ލިބޭ.
މާރިޔާ: މިއީ އެ ހަމަލަ ދިން މީހުން އަތުލަން އެންމެން މަސައްކަތް ކުރަންވީ ވަގުތު. މިއާ ގުޅުން ހުރެދާނެ މައުލޫމާތެއް އެއްވެސް ބަޔަކަށް އެނގޭ ނަމަ ފުލުހުންނާ ހިއްސާ ކޮށްދެއްވާ. އެއީ ކައުންޓަ ތެރަރިޒަމާ ހިއްސާ ކުރަން ޖެހޭ ނަމަ ހިއްސާ ކޮށްދެއްވާ.
މާރިޔާ: ނަޝީދަށް ދިން ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރި ކުރަން. އެއީ މި ރާއްޖޭގައި ހިނގައިގެން ވާނެ ކަމެއް ނޫން. އެއްވެސް ރައްޔިތަކަށް މި ކަހަލަ ކަމެއް ވާކަށް ނޭދެން. ރައްޔިތުންނާ ވަަރަށް ގާތުން މަސައްކަތް ކުރައްވާ ބޭފުޅެއް. އެ ބޭފުޅާ އަށް އެވަރުގެ ކަމެއް ވީމާ އެނގެނީ މި ސެކިއުރިޓީ ހާލަތުގައި އެންމެން ވިސްނަން ޖެހޭނެކަން.
އެމްއެންޑީއެފްގެ މީޑިއާ ބްރީފިން ފަށައިފި. މި ޕްރެސްގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ޗީފް އޮފް ޑިފެންސް ފޮސް މޭޖަ ޖެނެރަލް އަބްދުﷲ ޝަމާލް ބައިވެރިވެވަަޑައިގަންނަވާ.
އެމްއެންޑީއެފްގެ މީޑިއާ ބްރީފިން އިރުކޮޅެއްގެ ތެރޭގައި ފަށާނެ.
ނަޝީދަށް ދިން ހަމަލައާ ގުޅޭ މީޑިއާ ބްރީފިންއެއް މިއަދު މެންދުރު 2:30 ގައި ފުލުހުން ވެސް ވަނީ ބާއްވާފައި. ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދާއި އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ރިޔާޒް ބައިވެރިވެވަޑައިގެންނެވި އެ ބްރީފިންގައި ފުލުހުން ބުނީ، ނަޝީދަށް ދިން ހަމަލައާ ގުޅިގެން ތުހުމަތު ކުރެވޭ ހަތަރު މީހަކު ފާހަގަ ކުރެވިފައިވާ ކަމަށް. އެ މީހުން ހައްޔަރުކުރުމާ ގުޅޭ ކަންކަން ކުރިއަށް ގެންދިޔަ ނަމަވެސް އެ ހަތަރު މީހުންނާ ގުޅޭ އެއްވެސް ތަފުސީލެއް ފުލުހުން ހާމައެއް ނުކުރޭ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލައާ ގުޅިގެން ސިފައިންގެ މީޑިއާ ބްރީފިންއެއް މިރޭ 9:30 އަށް ތާވަލުކޮށްފި. ސިފައިންގެ މައި މަރުކަޒުގައި ބާއްވާ މި ބްރީފިންގައި އެމްއެންޑީއެފްގެ ލީޑަޝިޕްގެ ބޭފުޅުން ނޫސްވެރިންނާ ބައްދަލުކުރައްވައި މައުލޫމާތު ދެއްވާނެ ކަަމަށް ވޭ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަަށް ރޭ ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ކުރަން ޖެހުނު ހުރިހާ ސާޖަރީއެއް ނިމިފައިވާ ކަމަށް އާއިލާ އާއި އޭޑީކޭ އިން ބުނެފި އެވެ.
ނަޝީދުގެ ކޮއްކޯފުޅު ނާޒިމް އަބްދުއްސައްތާރު މީގެ ކުޑައިރުކޮޅެއް ކުރިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހުރިހާ ސާޖަރީއެއް ނިންމާލައިފި ކަމަށާއި ދެން އޮތީ ފަސޭހަ ވުމުގެ ދިގު މަގު ކަމަށެވެ.
އެޑީކޭ އިން ކުރި ޓްވީޓެއްގައި ބުނީ 16 ގަޑިއިރުގެ ތެރޭގައި ކުރި ކާމިޔާބު އޮޕަރޭޝަންތަކަކަށް ފަހު، ރައީސް ނަޝީދު މިހާރު ބާއްވާފައި އޮތީ އައިސީޔޫގައި ކަމަށެވެ. އެމަނިކުފާނުގެ ހާލަތު ކްރިޓިކަލް ކަމަށް ވެސް ޓްވީޓްގައި ވެ އެވެ. ރައީސް ނަޝީދުގެ ބޮލުގެ، އަތާއި ފައިގެ މަސްގަނޑުގެ، އަދި ފުރަމެ އާއި ބަނޑުގެ ސާޖަރީއެއް ވަނީ ހަދައިފަ އެވެ.
ނަޝީދަށް ހަމަލާ ދޭން އެއްޗެއް ގޮއްވާލީ އެ މަނިކުފާނު އުޅުއްވާ ގ. ކެނެރީގެ އިން ނުކުމެ ވަޑައިގެން ކާރަށް އަރާ އަރާ ވަޑައިގަންނަވަނިކޮށް ކާރާ ވަރަށް ކައިރިންނެވެ. މި ހަމަލާގައި އިތުރު ހަތަރު މީހަކު ވެސް ޒަހަމްވި އެވެ.