07 މެއި 2021 - 14:41

ރާއްޖެ އަށް އަންނަ ޓޫރިސްޓުންގެ ތެރެއިން މި ވަގުތު އެންމެ ބޮޑު މަގްބޫލް ކަމެއް ހޯދައި ބާރު ސްޕީޑުގައި ރިކަވާވަމުން އަންނަ މާކެޓަކަށް ކަޒަކިސްތާން ވެއްޖެ އެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން އެނގޭ ގޮތުގައި ކަޒަކިސްތާނުން ވަނީ މިދިޔަ އަހަރަށް ވުރެ 480 ޕަސެންޓް ކުރި ހޯދައިފަ އެވެ. އެ ގައުމުން މިދިޔަ އަހަރު 2،000 ޓޫރިސްޓުން އައި އިރު މި އަހަރުގެ މިހާތަނަށް 16،000 ޓޫރިސްޓުން އައިސްފައިވެ އެވެ.
ދެވަނަ އަށް އެންމެ ބޮޑު ކުރިއެރުމެއް ހޯދީ ޔޫކްރެއިން އެވެ. އެ ގައުމުން މި އަހަރުގެ މިހާތަނަށް 22،000 ޓޫރިސްޓުން ރާއްޖެ އައިސްފައިވެ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އެ ގައުމުން އައިސްފައި ވަނީ 4،000 ޓޫރިސްޓުންނެވެ.
އެންމެ ގިނައިން ޓޫރިސްޓުން އަލަށް އަންނަ ގައުމުތަކުގެ ތެރޭގައި ހިމެނެނީ ޕާކިސްތާނާއި ރަޝިއާ، ޔޫއޭއީ، ރޯމޭނިއާ އަދި ބަލްގޭރިއާ އެވެ. ރަޝިއާ އަކީ މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައިވާ ގައުމެވެ. ރާއްޖެ އަށް އަންނަ ޓޫރިސްޓުންގެ 22 ޕަސެންޓް ރަޝިއާ އިން ހިއްސާކުރާ އިރު މި އަހަރުގެ މިހާތަނަށް އެ ގައުމުން 91،000 ޓޫރިސްޓުން އައިސްފައިވެ އެވެ.
ކޮވިޑުގެ ހާލަތުގެ ކުރިން ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމުުތައް ކަމަށްވާ ޗައިނާ އާއި އިޓަލީން އާންމުކޮށް ގައުމުތަކަށް ދަތުރު ކުރަން އަދި ނުފަށަ އެވެ. އެ ދެ ގައުމަކީ ކޮވިޑްގެ ހާލަތުގައި އެންމެ ބޮޑަށް ބަލި ފެތުރު ދެ ގައުމެވެ.
މިދިޔަ ހަތަރު މަހު ރާއްޖެ އަށް ހަތަރު ލައްކަ ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެ އެވެ. މިދިޔަ އަހަރުގެ ޖުލައި މަހު ރާއްޖޭގެ ބޯޑަރު ހުޅުވައިލި އިރު މިހާތަނަށް 47،000 ޓޫރިސްޓް އެނދު ވަނީ ހިދުމަތަށް ހުޅުވައިލައިފަ އެވެ. އޭގެ ތެރޭގައި ރިސޯޓުތަކާއި ގެސްޓްހައުސް އަދި ސަފާރީތައް ހިމެނެ އެވެ.
ބޯޑަރު ހުޅުވާލި ފަހުން ރާއްޖެ އަންނަ ފްލައިޓްތައް ވެސް އަންނަނީ އިތުރުވަމުންނެވެ. އެގޮތުން މިހާތަނަށް 350 ޗާޓާޑް ފްލައިޓް ދަތުރާއި 5،600 ޝެޑިއުލް ދަތުރުތައް އެކި އެއާލައިންތަކުން ރާއްޖެއަށް ކޮށްފައިވެ އެވެ.