07 މެއި 2021 - 12:21

މާތްﷲ ކީރިތި ޤުރުއާނުގައި ބަޔާން ކުރައްވާ ގޮތުގައި ފޮތުގެ އަހުލުވެރިންގެ ތެރެއިން އިހުގެ މީސްތަކުންނާއި އަދި މި އުންމަތުގެ އެންމެންނަށް ވެސް މާތްﷲ އަށް ތަޤުވާވެރިވުމަށް ވަޞިއްޔަތް ކުރައްވަ އެވެ. (އައްނިސާއު 131). އަދި މި ވަސިއްޔަތަކީ މަތިވެރި ރަސޫލުބޭކަލުން ވެސް އެބޭކަލުންގެ ގައުމުގެ މީސްތަކުންނަށް ކުރެއްވި ވަސިއްޔަތެވެ. ކީރިތި ޤުރުއާނުގައި ތަޤުވާގެ ލަފުޒު 258 ފަހަރު ތަކުރާރު ވެފައިވެ އެވެ. އޭގެ ތެރެއިން ވަރަށް ގިނަފަހަރު އެކަމަށް އަމުރު އައިސްފައި ވެ އެވެ. އިސްލާމްދީނުގެ އެންމެހާ ރުކުންތަކުގެ އެންމެ ބޮޑު މަގުސަދަކީ ވެސް ތަޤުވާވެރިކަން ހާސިލު ކުރުމެވެ. އެހެންކަމުން ތަޤުވާވެރިއަކަށް ވުމަށް ހަމަ ކޮންމެ މުސްލިމަކު ވެސް މަސައްކަތް ކުރަން ޖެހޭނެ އެވެ. މިގޮތުން ތަޤުވާވެރިކަން ހާސިލުކުރަން ކުރާނެ ކަންތައްތަކަކީ ކޮބައިބާ އެވެ؟
ކީރިތި ޤުރުއާނުގައި ތަޤުވާގެ ލަފުޒު ތަފާތު މާނަތަކުގައި އައިސްފައި ވެއެވެ.
* އެއް މާނައަކީ ތައުޙީދާއި އީމާންކަމެވެ. (އަލްފަތުޙު 26 ، އަލްޙުޖުރާތު 3).
* ދެވަނަ މާނައަކީ އިޚުލާޞްތެރިކަމެވެ. (އަލްޙައްޖު 32).
* ތިންވަނަ މާނައަކީ އަޅުކަމާއި ކިޔަމަންތެރިކަން އަދާކުރުމުވެ. (އައްޝުޢަރާއު 106، އައްނަޙުލު 2).
* ހަތަރުވަނަ މާނައަކީ ﷲ އަށް ބިރުވެތިވުމެވެ. (އަލްބަޤަރާ 41).
* ފަސްވަނަ މާނައަކީ ފާފަތައް ދޫކޮށްލުމެވެ. ނުވަތަ ތައުބާވުމެވެ. (އަލްބަޤަރާ 189).
ތަޤުވާގެ ލަފުޒީ މާނައަކީ ރައްކާތެރިވުމެވެ. އެހެންކަމުން ﷲ އަށް ތަޤުވާވެރިވުން ކަމުގައިވާނީ ﷲގެ ކޯފާއާއި އަޒާބުން ރައްކާތެރިވުމެވެ. މިކަމަށް އޮތް މަގަކީ ﷲ އަށް އީމާންވެ، ބިރުވެތިވެ، އިޚުލާޞްތެރިކަމާ އެކު އެކަލާނގެ އަމުރުތަކަށް ކިޔަމަންވެ ނަހީތަކުން ދުރުހެލިވުމެވެ.
ހެޔޮލަފާ ސަލަފުން ތަޤުވާ އަކީ ކޮބައިކަން ތަފާތު ގޮތްގޮތަށް ވިދާޅުވެ އެވެ. މިގޮތުން އުބައްޔުބުނު ކަޢުބު ސިފަ ކުރައްވަނީ އެއީ ކަށިހުރި މަގަކުން ހިނގާއިރު ފައިދޮށް ވަރަށް ރަނގަޅަށް ބަލަމުން ކަށިތަކުން ލިބިދާނެ އަނިޔާއިން ސަލާމަތްވުމަށްޓަކައި ފަހަތަށް ފިޔަވަޅެއް އަޅަން ޖެހުނަސް އަޅަމުން އެކަމަކު ކުރިއަށް ދިއުން ކަމަށެވެ. މޫސާ ބިން އަޢުޔުން ވިދާޅުވަނީ، ތަޤުވާވެރިންނަކީ ޙަރާމްގެ ތެރެއަށް ވާޞިލުވެދާނެތީ އެކަމުގެ ބިރުގައި އެބައިމީހުންނަށް ޙަލާލު ވެގެންވާ ކަންކަމުގެ ތެރެއިން ވެސް ބައެއް ކަންކަމާ ދުރުވާ މީހުންނެވެ. އިބްނުލްޤައްޔިމް ވިދާޅުވާ ގޮތުގައި ތަޤުވާގެ ޙަޤީޤަތަކީ މާތްﷲ އަށް ކިޔަމަންތެރިވުމުގައި އީމާންތެރިކަމާ އެކު، ސަވާބާއި ދަރުމަޔަށް އެދި، އެކަލާނގެ އަމުރުފުޅުތަކާއި ނަހީތަކަށް ބޯލަނބާ ޙާލު ކިޔަމަންތެރިކަން އަދާކުރުމެވެ. ޢަލީގެފާނު ވިދާޅުވާ ގޮތުގައި ތަޤުވާ އަކީ "ޖަލީލުވަންތަ އިލާހަށް ބިރުވެތިވެ، ބާވައިލެއްވުނު ފޮތަށް ޢަމަލުކޮށް، ލިބޭ މަދު އެތިކޮޅަށް ރުހިގެން، މަރުވާނެ ދުވަހަށް ތައްޔާރުވުމެވެ."
މިބަސްފުޅުތަކުގެ ތެރެއިން ޢަލީގެފާނު ވިދާޅުވެފައިވާ ބަސްފުޅަށް ބަލާލައިފި ނަމަ ތަޤުވާވެރިކަން ހާސިލުކުރަން ކުރަން ޖެހޭ އެންމެ ފުރަތަމަ ކަމަކީ ﷲ އަށް ބިރުވެތިވުމެވެ. ﷲ އަށް ބިރުވެތި ވުމަކީ ތަޤުވާގެ ފެށުމެވެ. މިކަން މުހިންމުވަނީ ﷲ ގެ ކޯފާއާއި އަޒާބުގެ ސަބަބުން ދުނިޔެ އާއި އާޚިރަތުގައި އިންސާނާއަށް ލިބޭ ގެއްލުމާއި ބަދުނަސީބުން ސަލާމަތް ވުމަށްޓަކައި ﷲ މުރާޤަބާ ކުރަން ޖެހޭ އިރު ބިރުވެތިވުން ނެތްނަމަ އެކަން ހާސިލު ނުކުރެވޭނެތީ އެވެ. މުރާޤަބާ ކުރުމަކީ ތިބާގެ އެންމެހާ އަމަލުތައް ﷲ ބައްލަވާ ވޮޑިގެންވާނެކަން ދަނެ ﷲ ގެ އަމުރުތަކަށް ކިޔަމަންވެ ނަހީތަކުން ދުރުހެލިވުމުގައި ފާރަވެރި ވުމެވެ. ﷲ ގެ މުރާޤަބާ ތިބާގެ މައްޗަށް އޮންނަކަން އިހުސާސް ކުރެވޭ ނަމަ ސިއްރުގައި ވިއަސް ކުށެއް ކުރާކަށް ނުކެރޭނެ އެވެ. އަބަދުވެސް އެކަލާނގެއަށް އިޚުލާސްތެރިވާނެ އެވެ. އަބަދުވެސް އެކަލާނގެއަށް ބިރުވެތިވާނެ އެވެ.
ދެވަނައަށް ކުރަން ޖެހޭ ކަމަކީ ބާވާލެއްވި ފޮތަށް ޢަމަލު ކުރުމެވެ. އެއްވެސް ޝައްކެއް ނެތް ގޮތުގައި ކީރިތި ޤުރުއާނަކީ މުސްލިމުންނަށް ލިބިގެންވާ ހިދާޔަތަކާއި އަލިކަމެކެވެ. ދުނިޔެ އާއި އާޚިރަތުގެ އެންމެހާ ކަންކަން އިސްލާހުގެ މަގުން ގެންދިއުމަށް ބޭނުންވާ އެންމެހާ އަމުރުތަކާއި ނަހީތައް އެފޮތުގައި ބަޔާންވެގެންވާ ފޮތެކެވެ. ރޭގަނޑުގެ އަދިރިކަން ފަދަ ނުރައްކާތެރި ފިތުނަތައް ފަހު ޒަމާނުގައި އަންނަ ހިނދު އެއިން ރައްކާތެރިކަން ހޯދަން އޮތް މަގެއް ކަމުގައި ކީރިތި ރަސޫލާ ބަޔާން ކުރައްވަނީ ކީރިތި ޤުރުއާނަށް ޢަމަލު ކުރުމެވެ. އެހެނީ އެފޮތަކީ ޙައްޤާއި ބާޠިލު ވަކިކުރަނިވި ފޮތެވެ. އަދި އެފޮތަކީ ﷲ އާ ކުއްތަން ކުރުވަނިވި ގަދަފަދަ ވަސީލަތެކެވެ. އަދި އެއީ ޙިކުމަތްތެރި ބަސްފުޅުތަކެވެ. އަދި އެއީ ސީދާވެގެންވާ ތެދުމަގެވެ. އެހެންކަމުން އެފޮތުގައިވާ ގޮތަށް ބުނެފި މީހާއީ ތެދުބަސް ބުނާމީހެކެވެ. އެ ފޮތުގައިވާ ގޮތަށް ޢަމަލުކޮށްފި މީހާއީ ދަރުމަ އާއި ޘަވާބު ހައްގުވެއްޖެ މީހެކެވެ. އެފޮތުގައި ވާގޮތަށް ޙުކުމްކޮށް ނިޔާ ކަނޑައަޅައިފި މީހަކީ ޢަދުލުވެރި ވެއްޖެ މީހެކެވެ. އަދި އެފޮތުގައިވާ ގޮތަށް ޢަމަލުކުރުމަށް (މީސްތަކުންނަށް) ގޮވާލާ މީހާއީ ތެދުމަގަށް މަގުލިބިފައިވާ މީހެކެވެ. (އައްތިރުމިޛީ).
ތިންވަނަ ކަމަކީ ކިތަންމެ މަދުމިންވަރެއް ލިބުނަސް އެއަށް ރުހުމެވެ. އިންސާނާއަށް އޮތީ ދިރިއުޅުމުގެ ކޮންމެ ކަމެއްގައި ވެސް އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯ ބަލައި އިޖުތިހާދު ކުރުމަށް ފަހު ﷲ އަށް ވަކީލުކޮށް އެގޮތަކަށް އަމަލު ކުރުމެވެ. ނަތީޖާ މާތްﷲ އަށް ދޫކޮށްލުމެވެ. އެއަށްފަހު ނަތީޖާ ހަމަ ކޮންމެ ގޮތަކަށް އައި ނަމަވެސް އެގޮތަކަށް ރުހުމެވެ. ރުޅި އިސްކުރުމާއި ޝުކުރުވެރި ނުވުމާއި ބޮޑާވުމާއި ކިބުރުވެރިވުން ފަދަ ކަންކަމަކީ ތަޤުވާވެރިކަމާ ޚިލާފު ކަންކަމެވެ.
ހަތަރު ވަނަ ކަމަކީ މަރުވާނެ ދުވަހަށް ތައްޔާރު ވުމެވެ. މި ދުވަހަށް ތައްޔާރު ވެވޭނެ އެންމެ މޮޅު ގޮތަކީ އަބަދުވެސް ﷲ ގެ އަމުރުފުޅުތަކަށް ކިޔަމަންވެ ނަހީތަކުން ދުރުހެލިވެގެން ހުރުމެވެ. އަމުރުފުޅުތަކަށް ކިޔަމަންވުމުގައި ބަލަން ޖެހޭނީ ހަމައެކަނި ފަރުޟު ނުވަތަ ވާޖިބު ކަންތަކަށް އެކަންޏެއް ނޫނެވެ. ސުންނަތްތަކާއި މުސްތަހައްބު ކަންތައްތަކުގެ އިތުރުން ތަޠައްވުޢު ކަންކަމަށް ވެސް ސަމާލުކަން ދޭން ޖެހޭނެ އެވެ. ހަމައެފަދައިން ނަހީތަކުން ދުރުހެލިވުމުގައި ބަލަން ޖެހޭނީ ޙަރާމް ކަންތަކަށް އެކަންޏެއް ނޫނެވެ. މަކްރޫހަކަންތަކާއި ކުރުން އެދެވިގެންނުވާ ކަންކަމުގެ އިތުރުން މުރުއްވަތްތެރިކަން ގެއްލޭފަދަ އާދައިގެ ކަންކަމުން ވެސް ދުރުހެލިވެވޭތޯ ސަމާލުކަން ދޭންވާނެ އެވެ.
މި އިޝާރާތް ކުރެވުނު ކަންކަން ފުރިހަމަ ކުރެވޭ އިރު ތަޤުވާރިއެއްގެ ކިބައިގައި ހުންނަން ޖެހޭ އީމާންކަމާއި އަޚުލާގީ ސިފަތައް ވެސް ހުންނާނީ ފުރިހަމަ ވެފަ އެވެ. ކީރިތި ޤުރުއާނުގައި މީގެ ވަރަށްގިނަ ސިފަތައް ވަނީ ފާހަގަ ކޮށްފަ އެވެ. މިގޮތުން އެންމެ ފުރަތަމަ ކަމަކީ ޣައިބަށް އީމާންވުމެވެ. އަނެއް މުހިންމު ސިފައަކީ ނަމާދު ގާއިމު ކުރުމާއި ޒަކާތްދިނުމާއި މުދަލަށް ކިތަންމެ ލޯތްބެއް އޮތަސް އެމުދަލުން ގާތްތިމާގެ މީހުންނާއި ޔަތީމުންނާއި މިސްކީނުންނާއި ދަތުރުމަތީ ހާލުގައި ޖެހޭ މީހުންނާއި އަޅުން މިނިވަންކުރުމަށް ހޭދަ ކުރުމެވެ. އަދި އަހުދުތަކަށް ވަފާތެރިވުމާއި ދަތިހާލަތްތަކަށް ކެތްތެރިވުމާއި އަބަދުވެސް ތެދުވެރިން ކަމުގައި ވުމެވެ. (އަލްބަޤަރާ 1-4 އަދި 177) އާޔަތުން އެނގެ އެވެ.
ތަޤުވާވެރިންގެ އިތުރު އެހެން ސިފަތަކަކީ ފާފަ ފުއްސެވުމަށާއި ނަރަކައިގެ އަޒާބުން މިންޖުވުމަށް އެދި ދުއާ ކުރުމާއި ﷲ އަށް ކިޔަމަންތެރިކަން އަދާކުރުމާއި ހާރުދަމުގައި އިސްތިޣުފާރު ކުރުމެވެ. (އާލް ޢިމްރާން 15-17). ރުޅި ކޮންޓްރޯލު ކުރުމާއި މީސްތަކުންނަށް މައާފު ކޮށްދިނުމާއި އިހުސާންތެރިވުމާއި، ފާޙިޝް އަމަލެއް ކުރެވިއްޖެ ނަމަ ވަގުތުން ﷲ ހަނދުމަކޮށް އެކަމަށް ތައުބާވެ އިސްތިޣުފާރުކޮށް އެކުށް ދެވަނަ ފަހަރަކަށް ތަކުރާރުކުރަން ނޫޅުން ވެސް މިއީ ތަގުވާވެރިންގެ ސިފަތަކުގެ ތެރެއިން ހިމެނޭ ކަންކަމެވެ. (އާލް ޢިމްރާން 133-135). އަދި އެހެން އާޔަތްތަކުން އެނގޭ ގޮތުގައި އަދުލުވެރިވުމާއި، ﷲ އަށާއި އާޚިރަތުގެ އަޒާބަށް ބިރުވެތިވުމާއި ރޭއަޅުކަން ކުރުމާއި ﷲގެ ޝަޢާއިރުތަކަށް (އެބަހީ ހައްޖާއި އެނޫންވެސް އަޅުކަންތައްތައް ކުރާއިރު އޭގައި ހިމެނިގެންވާ އެންމެހާ ކަންކަމަށް) މާތްކޮށް ހިތުމަކީ ވެސް ތަޤުވާވެރިކަމުގެ ސިފަތަކުގެ ތެރެއިން ހިމެނޭ ކަންކަމެވެ.
އެހެންކަމުން ތަޤުވާވެރިކަން ހާސިލު ކުރެވޭނީ މިދެންނެވި ފަދަ ކަންކަމާއި މިނޫނަސް ﷲ ގެ ކޯފާ އާއި އަޒާބުން ރައްކާތެރިކަން ހޯދުމަށް ބޭނުންވާ އެންމެހާ ކަންކަމަށް މީހާގެ ނަފްސު ހާނުވާލެވިގެންނެވެ.