07 މެއި 2021 - 13:53

ކޮވިޑުން ޖެހުނު މުސީބާތުން އަދި މި އުޅެނީ އަރައި ނުގަނެވިގެންނެވެ. އިގްތިސާދީ ފުން ވަޅުގަނޑަކަށް ގައުމު ވެއްޓިފައި އޮއްވައި، މަޑުމަޑުން ކޮޅަށް ޖެހެމުން ގޮސް، ޓޫރިޒަމް ވެސް ހެޔޮ ފާލަކަށް އަޅާފައި އޮއްވާ، އެ ބަލީގެ އެހެން ރާޅެއް ބިންދާލިތާ އަދި މި އުޅެނީ ހައެއްކަ ދުވަސް ނުވެ އެވެ. ރޭ، ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ބަޔަކު ދިން ޓެރަރިސްޓް ހަމަލަައާއެކު، އިގްތިސާދަށް އަނެއްކާ ވެސް އަނެއް ރާޅު ބިންދާލަން މިއޮތީ ތައްޔާރުވެފަ އެވެ. މުޅި ދުނިޔޭގެ ބޮޑެތި، ނަން މަޝްހޫރު ހުރިހާ މީޑީއާއެެއްގައި އޮތީ އެ ޓެރަރިސްޓް، ފިނޑި ހަމަލާގެ ވާހަކަ އެވެ. މީގެ ނޭދެވޭ އަސަރު، ހީނުކުރާ ވަރަށް ކުރާނެ ކަން ޔަގީނެވެ.

ނަޝީދަކީ އާދައިގެ ބޭފުޅެއް ނޫނެވެ. ރާއްޖޭގެ އިތުރުން ދުނިޔޭގެ އެތައް ބަޔަކަށް މަޝްހޫރު ނަން ހިނގާ ޝަހުސިއްޔަތެކެވެ. ބައިނަލްއަގްވާމީ މީޑިއާތަކުގެ ސަމާލުކަން އިންތިހާ އަށް އޮންނަ ބޭފުޅެކެވެ. މިފަދަ ބޭފުޅަކަށް ރާއްޖޭގައި ޓެރަރިސްޓް ހަމަލައެއް ދީ، އެ ހަމަލައިން އެ މަނިކުފާނުގެ ހަށިކޮޅަށް ގެއްލުންވި މައްސަލަ ދުނިޔޭގެ މީޑިއާތަކުންނާއި ގައުމުތަކުންނާއި ޖަމާއަތްތަކުން އާދައިގެ ކަމެއްގެ ގޮތުގައި ނުބަލާނެ އެވެ. ދުނިޔޭގައި ވެސް ބޮޑު ސުރުހީއަކަށް ވީ ސަބަބުތަކެއް ހުރެގެންނެވެ. ދިވެހި ދައުލަތުގެ ތިން ބާރުގެ ތެރެއިން އެއް ބާރުގެ އިސްވެރިޔާ އަށް ވުމުގެ އިތުރުން ނަޝީދަކީ ދުނިޔޭގެ ސަމާލުކަން ލިބިފައިވާ ބޭފުޅަކަށް ވުމަކީ މީގެ އަސަރު ބޮޑުވާނެ ކަމެކެވެ.

މިހާތަނަށް ބަލާބެލުމުން ނަޝީދަށް ދިން ހަމަލަ އިން ލިބުނު އަނިޔާތައް ބޮޑެވެ. ޒަހަމްތައް ބޮޑެވެ. އެހެންވެ، މި ދިނީ އާދައިގެ ހަމަލައެއް ނޫނެވެ. ސީދާ އެ މަނިކުފާނު އަވަހާރަ ކޮށްލަން ދިން ހަމަލައެކެވެ. ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާގެ ބޮޑުކަމަށް ބަލާއިރު ވެސް މިއީ ބަޔަކު ވަރަށް ބޮޑަށް ރާވައިގެން، އާދައިގެ ގޮތަކަށް ކުރަން އުޅުނު ކަމެއް ކަމަށް ބެލެވޭކަށް ނެތެވެ. މިކަމުގައި ކުރިއަށް ރާވާފައި ހުރި ކަންކަމެއް ނޭނގޭނެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ވިދާޅުވި ފަދައިން ނަޝީދަށް މި ދިން ހަމަލައަކީ ރާއްޖޭގެ އިގްތިސާދަށް ވެސް ދިން ހަމަލައެކެވެ. މީގެ އަސަރު ރާއްޖެ އަށް ކުރާނެ ގޮތެއް އަދި ނޭނގުނަސް މިއީ ދިވެހިން ވިސްނަންޖެހޭ ކަމެކެވެ. ނަޝީދަށް އަމާޒު ކުރިޔަސް، އެ ބަޔަކު އެ ކުޅުނީ ހުރިހާ ދިވެހިންނާ އެވެ. ގައުމުގެ ރީތި ނަމާއި އިގްތިސާދާ އެވެ. ހުރިހާ އެންމެންގެ ދިރިއުޅުމާ އެވެ.

ރާއްޖެ އަކީ ޓޫރިޒަމުން ލިބޭ އެއްޗަކުން އިގުތިސާދު ނަގައި ކޮޅަށް ޖަހާ ގައުމަކަށް ވާއިރު، ޓޫރިސްޓުން އެންމެ ބޮޑަށް ބަލާ ކަމަކީ މިފަދަ ހަމަލާތަކާއި އަމާން ކަމެވެ. ދައުލަތުގެ އިސްވެރިއަކަށް މިފަދަ ލާއިންސާނީ، ފިނޑި ޓެރަރިސްޓް ހަމަލައެއް ދިނުމަކީ މި ތަނަށް އަންނަ ޓޫރިސްޓުން ވެސް ދެވަނަ ފަހަރަށް ވިސްނާނެ ކަމެކެވެ.

މި ކިޔަނީ ޓެރަރިސްޓް ހަމަލައެއްގެ ވާހަކަ އެވެ. މުޅި ދުނިޔެ އެކަމަކާ ދެކޮޅަށް ތެދުވެ، އެއިން ސަލާމަތް ނުވެގެން އުޅޭ ކަމެއްގެ ވާހަކަ އެވެ. މި ކުޑަކުޑަ ގައުމުގައި މީހުން މަރަން އެއްޗެހި ގޮއްވައި، ދައުލަތުގެ އިސްވެރިއެއްގެ ހަށިކޮޅަށް ގެއްލުން ދޭއިރު، އެހެން ގައުމުތަކުން ރީއްޗަށް ބަލަހައްޓައިގެން ތިބޭނެ ކަމަށް ގަބޫލު ކުރަނީ ހެއްޔެވެ؟

މިފަދަ ޖަރީމާތައް ހިންގާ މީހުންގެ ކަންކަން އާދައިގެ ގޮތަކަށް އެއްވެސް ބަޔަކު ނަގައިގެން މިހާރު ވާކަށް ނެތެވެ. މި ގައުމުގައި ބޮން ގޮއްވައި، ޓެރަރިޒަމްގެ ހާއްޔަކަށް ބަދަލު ކުރާ ތަން ބަލަން ތިބެގެން ވާކަށް ނެތެވެ. މިފަދަ ނުރައްކާތެރި ހަމަލައިން ޒަހަމްވާ މީހުންގެ އިތުރުން އެތައް ރައްޔިތަކަށް މީގެ ގެއްލުން ނުވެ ނުދާނެ އެވެ. މިއީ އަމިއްލަ ބާރު ފޯރުވޭ އިގުތިސާދެއް އޮތް ތަނެއް ނޫނެވެ. އާމްދަނީ ހޯދުމަށްޓަކައި މާ ބޮޑު ކަމެއް ކުރެވޭކަށް ނެތެވެ.

ކޮވިޑް-19 ގައި ރާއްޖޭގެ ބޯޑަރު ބަންދުކޮށް، ލޮކްޑައުން ކުރުމުން ރާއްޖޭގެ އިގްތިސާދަށް ވީ ގޮތް އަދި ހަނދާނެއް ނުނެތެ އެވެ. އެތައް ބައެއްގެ ވަޒީފާ ގެއްލި، އާއިލާތައް ނިކަމެތިވެ، ވަންނާނެ ތަނެއް ނެތިފައި އެތައް ބަޔަކު ތިއްބެވެ. ކާނެ އެތިކޮޅެއް ނެތިގެން ތިބި މީހުންގެ އަދަދު މަދެއް ނޫނެވެ. މިއަދު ވެސް މި ތިބީ ކޮވިޑް ވެކްސިނަށް ޖެހި، އެ ލިބޭނެ ދުވަހެއްގެ އިންތިޒާރުގަ އެވެ. އެއްވެސް ބާރެއް ނެތެވެ. އިގްތިސާދު ރަނގަޅު ކުރެވެނީ މި ހާލަތުގައި ވެސް ިތުރަށް ފައިސާ "ޗާޕްކޮށްގެން"ނެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެ މަނިކުފާނަށް އަމާޒުކޮށް، ރަސްމީ ލޯންޗުކޮޅުގައި ގޮއްވާލި މައްސަލަ ވެސް ބައެއް ދިވެހިން ނެގީ އާދައިގެ ގޮތަކަށެވެ. އެ ހަމަލަ ރޭވި މީހުންނާއި ޖަލަށް ލީ މީހުން މިއަދު ކޮބައި ހެއްޔެވެ؟ މުޅި މަންޒަރު ބަދަލުވީ "ނުވާކަމެއް" ގެ ގޮތުގަ އެވެ. އެކަމަކު، "ފިނިފެންމާ" ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލައި އެތައް ބަޔަކަށް އަނިޔާވެ، ބަލި އެނދުގައި އޭރުގެ ފަސްޓް ލޭޑީ ފާތިމަތު އިބްރާހިމް ވެސް އެތައް ދުވަހެއް ވަންދެން އޮންނަވަން ޖެހިވަޑައިގަތެވެ. އެއީ ވެސް ޓެރަރިސްޓް ހަމަލައެކެވެ.

ސިޔާސީ ގޮތުންނާއި ދީނީ ގޮތުންނާއި އަދި އެހެނިހެން ގޮތްގޮތުން ވެސް ކިތަންމެ ހިޔާލު ތަފާތު މީހަކަސް އެ މީހަކު މަރާލަން ރޭވުމަކީ ކޮށްގެން ވާނެ ކަމެއް ނޫނެވެ. އެ ކަންކަމަށް މަގުފަހިވާ ކަންކަން ހުއްޓުވަން ކަމާބެހޭ އިދާރާތަކުން ސީރިއަސްކޮށް މަސައްކަތް ނުކޮށްފި ނަމަ މި އަށް ވުރެ ނުރައްކާ ހިސާބަށް ވެސް ހިނގައިދާނެ އެވެ. ޓެރަރިސްޓް ހަމަލައެއް ރޭވުމުން، ސިޔާސީ ބޭނުމަށްޓަކައި އެއީ ރަނގަޅު ކަމެއް ކަމަށް ދައްކަން ވާހަކަ ދައްކައި، މުޅި މަންޒަރު އެހެން ގޮތަކަށް ބަަދަލުކުރާ މީހުންނަށް ވެސް ސަމާލުވާން ޖެހެ އެވެ. ޓެރަރިޒަމަށް ހިތްވަރު ލިބޭ އެއްވެސް ކަހަލަ ކަމަކަށް ފުރުސަތު ދީގެން ވާކަށް ނެެތެވެ.

ރާއްޖެ އަށް އައި ޒަމާނީ ޑިމޮކްރެސީއާ އެކު މިއަދު މި އޮތީ ސޯޝަލް މީޑިއާގައި ވެސް ބައެއް މީހުން އިންޒާރު ދެނީ ތިމާ ހިތް ނުރުހޭ މީހާ މަރައިލުމަށާއި ތަންތަން ގޮއްވުމުގެ ވާހަކަތަކެވެ. މިފަދަ ނުރައްކާތެރި އެތައް އިންޒާރެއް ސޯޝަލް މީޑީއާގައި ފާޅުގައި ދީފައި އެބަހުއްޓެވެ. ބައެއް އާންމު އެއްވުންތަކުގައި އެ ވާހަކަ ދެއްކިޔަސް ފިޔަވަޅެއް ނޭޅެ އެވެ. ފުލުސް އޮފީހަށް ގެންގޮސް ނަސޭހަތް ދިނީމާ އެކަން ނިމުނީ އެވެ. ކައުންޓަ ޓެރަރިޒަމް ފަދަ އެކި ނަންނަމުގައި ބޮޑެތި ޔުނިޓުތައް މުއައްސަސާތަކުގެ ތެރޭގައި ހަދާފައި ހުރެ އެވެ. އެކަމަކު، އެކަމެއް ހުއްޓުވައި، ދެވަނަ ފަހަރަށް އެ ކަމެއް ތަކުރާރު ނުވާނެ ގޮތަކަށް ހެދޭނެ ގޮތެއް ހޯދެނީ މަދު ފަހަރަކު އެވެ.
ނަޝީދަށް ހަމަލަދިނީ މަޖީދީ މަގުގައި އެތައް ބައެއްގެ ލޯ ކުރިމަތީގަ އެވެ. އެ ސަރަހައްދުގައި ކެމެރާތައް މަދެއް ނުވާނެ އެވެ. މުޅި ސަރަހައްދުގައި އޮތީ ފިހާރަތަކެވެ. އެހެންވެ، މި ހަމަލަދިން ބަޔަކު ރާއްޖޭގެ ސަލާމަތީ ބާރުތަކަށް ހޯދެން ވާނެ ކަމަށް ގަބޫލު ކުރެވެ އެވެ.
އެ މަނިކުފާނަކީ އެންމެ ހައި ރިސްކް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ދައުލަތު އިސް އެއް ވެރިޔާ އެވެ. ދައުލަތުގެ އެއް ބާރުގެ ވެރިޔާ އެވެ. އެހެންވެ، ނަޝީދު ކޮންމެ ގޮތަކަށް ކަންކަން ކުރައްވަން އުޅުއްވިޔަސް އެ މަނިކުފާނުގެ ހަށިކޮޅަށް އަމާޒުކުރާ ހަމަލަތައް ބަލައި، އިންޓެލިޖެންސުން 24 ގަޑިއިރު ކުރަން ޖެހޭނެ ކަމަކީ އެކަންން ފެއިލް ކުރުމެވެ. އެކަމަކު، މި ފަހަރު މި އޮތީ ޓެރަރިސްޓް ހަމަލާ ކޮންމެ ގޮތަކުން ނަމަވެސް ކާމިޔާބުކޮށް، ނަޝީދަށް ހަމަލަދީފަ އެވެ.
މިކަން ކުރި ބަޔަކު ނުހޯދިއްޖެ ނަމަ އެއީ ޓެރަރިސްޓު ހަރަކާތްތަކަށް މި ގައުމުން ފުރުސަތު ހުޅުވައިލުމެވެ. ދިވެހި ސިފައިންނާއި ފުލުހުންގެ އިންޓެލިޖެންސްގެ ފެއިލްވުމެކެވެ. އެންމެ ބޮޑަށް ރައްކާތެރިކަން ދޭން ޖެހޭ ދައުލަތުގެ އެއް ބާރުގެ ވެރިޔާ އަށް ދޭން ވާ ވަރަށް ސަމާލުކަން ނުދެވުނީ ކަމަށް ބެލެވޭނެ އެވެ. މިކަން ކުރި ބަޔަކު ނުހޯދިއްޖެ ނަމަ ރާއްޖޭގެ ތަހުގީގީ އިދާރާތަކާ މެދު ދެން ބުނާނެ އެއްޗެއް ނެތެވެ. އެހެން މީސްމީހުން ތިބެންވީ ބަޔާން ނެރެ، ހަރުކަށި އިބާރާތުން ކުށްވެރި ކުރުމުގަ އެވެ.
މިކަހަލަ ނާތަހުޒީބު ހަމަލަތަކުން ބަނޑަށް ޖެހެނީ އަހަރެމެން އެންމެންނެވެ. ހަލާކުވެގެން ދަނީ މުޅި ގައުމެވެ. މިއީ ކުރަން ހެޔޮވާ ވަރުގެ ކަންކަމެއް ނޫނެވެ. އެއަށް ވުރެ އަހަރެމެންގެ އިގްތިސާދު މާ ނާޒުކެވެ.