08 މެއި 2021 - 10:25

ބޮލީވުޑްގެ އެންމެ ބޮޑު ފިލްމު ކުންފުނި ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ ބާނީ އަދި ކުރީގެ މަޝްހޫރު ޑައިރެކްޓަރު ޔާޝް ޗޯޕްރާގެ ނަމުގައި އިނިޝިއޭޓިވެއް އުފައްދައި، ކޮވިޑާ ގުޅިގެން ދިމާވެފައިވާ ދަތި ހާލަތުން އަރައިގަތުމަށް އެހީވާން ނިންމައިފި އެވެ.
ދަރިފުޅު އަދިތިޔާ ޗޯޕްރާ އިސްކޮށް ހުރެ ލޯންޗްކުރި އިނިޝިއޭޓިވްގެ ނަމަކީ "ދި ޔާޝް ޗޯޕްޅާ ފައުންޑޭޝަންސް ސާތީ އިނިޝިއޭޓްވް" އެވެ. މީގެ ދަށުން ދުވަހު މުސާރަ އަށް ފިލްމީ ދާއިރާގައި މަސައްކަތްކުރާ އާދައިގެ މުވައްޒަފުންގެ ހާލަތު ރަނގަޅުކުރަން މާލީ އެހީ ދިނުމާއި އަންހެނުންނާއި ދުވަސްމީ މީހުންނަށް 5،000 ރުޕީސްގެ އިނާޔަތެއް ދިނުމާއި މަދުވެގެން ހަތަރު ކުދިން ތިބޭ ކޮންމެ އާއިލާއަކަށް މަސް ދުވަހަށް ބޭނުންވާ ކާޑުގެ ބާވަތްތައް ދިނުން ހިމެނެ އެވެ.
މިފަދަ އެހީތަކެއް ޔާޝްގެ ނަމުގައި ދޭން ނިންމި އިރު، ވައިއާރްއެފުން ވަނީ ފިލްމީ ދާއިރާގައި ރަޖިސްޓްރީވެގެން މަސައްކަތްކުރާ 30،000 މުވައްޒަފުންނަށް ހިލޭ ވެކްސިން ޖެހުމުގެ އިންތިޒާމު ވެސް ހަމަޖައްސައި ދިނުމުގެ މަސައްކަތްކުރަމުންނެވެ.
އިންޑިއާގައި ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާތީ ފިލްމީ ދާއިރާގެ ވަރަށް ގިނަ ބަޔަކު އަންނަނީ އެކި ގޮތްގޮތުން އެހީތައް ފޯރުކޮށް ދެމުންނެވެ.
ޔާޝްގެ ނަމުގައި އެހީތަކެއް ދޭން ނިންމި އިރު ހިންދީ ސިނަމާ އަށް އަސަރު ގަދަ ލޯބީގެ ފިލްމުތައް ގެނެސްދީގެން "ކިންގް އޮފް ރޮމޭންސް" ގެ ނަމުގައި މަޝްހޫރުވި ޔާޝް ވަނީ 2012 ގައި މަރުވެފަ އެވެ. "ޗާންދުނީ" އާއި "ލަމްހޭ" އާއި "ޑަރް" އާއި "ދިލް ތޯ ޕާގަލް" އަދި "ވީރު-ޒާރާ" ފަދަ އެތައް ފިލްމެއް ގެނެސްދިން ޔާޝްގެ އެންމެ ފަހުގެ ފިލްމަކީ 2012 ގެ "ޖަބް ތަކް ހެ ޖާން" އެވެ.
ޔާޝް މަރުވި ފަހުން ވައިއާރްއެފްގެ އެންމެ އިސް ވެރިޔަކީ ދޮށީ ދަރިފުޅު ޑައިރެކްޓަރު އަދިތިޔާ އެވެ. އޭނާ އަކީ މަޝްހޫރު ބަތަލާ ރާނީ މުކަރްޖީގެ ފިރިމީހާ އެވެ.