ހާތާ ބާލިންގެ މަގާމުން ވަކިކުރި ލޭމަން މާފަށް އެދިއްޖެ
ހާތާ ބާލިންގެ މަގާމުން ވަކިކުރި ލޭމަން މާފަށް އެދިއްޖެ

ބާލިން (މެއި 7) - ނަސްލީ ތަފާތު ކުރުމުގެ ބަސްމަގު ބޭނުން ކުރުމުން، ހާތާ ބާލިންގެ ބޯޑުން ވަކިކުރި، އާސެނަލްގެ ކޫރީގެ ކީޕަރު ޖެންޒް ލޭމަން މާފަށް އެދިއްޖެ އެވެ.

ސްކައި ސްޕޯޓްސްގެ ޖަރުމަންގެ އެޑިޝަންގައި އެނަލިސްޓެއްގެ ގޮތުގައި މަސައްކަތް ކުރާ ޖަރުމަންގެ ކުރީގެ ކުޅުންތެރިޔާ ޑެނިސް އައޯގޯ އަށް ކުރި ވަޓްސްއެޕް މެސެޖެއްގައި "ބްލެކް ގައި" އެކޭ މުހާތަބު ކޮށްފައި ވެ އެވެ. އައޯގޯ ވަނީ ލޭމަން ފޮނުވި މެސެޖުގެ ސްކްރީންޝޮޓެއް އިންސްޓަގްރާމްގައި ހިއްސާކޮށްފަ އެވެ.

އެ މެސެޖާ ގުޅިގެން ހާތާ ބާލިން އިން ވަނީ، އެ ޓީމުގެ ބޯޑު މެންބަރުކަމުން ލޭމަން، 51، މިދިޔަ އަންގާރަ ދުވަހު ވަކިކޮށްފަ އެވެ.

އޭނާ އަށް ބޭނުން ކުރެވުނު ބަސް މަގާމެދު ލޭމަން ވަނީ މާފަށް އެދިފަ އެވެ. ލޭމަން ބުނީ، އޭނާ އެނގޭ މީހުންނަށް އޭނާ އަކީ ނަސްލީ ތަފާތު ކުރުމާ ދެކޮޅު މީހެއްކަން އެނގޭނެ ކަމަށެވެ. އަދި އޭނާ ފޮނުވި މެސެޖުގެ ބޭނުމަކީ ނަސްލީ ތަފާތު ކުރަން ބުނި ބަހެއް ނޫން ކަމަށް ލޭމަން ވަނީ ބުނެފަ އެވެ.

އާސެނަލް އާއި އޭސީ މިލާނަށް ކުރިން ކުޅުނު ކީޕަރު ހާތާ ބާލިންގެ ބޯޑަށް މިދިޔަ އަހަރު މެއި މަހު ހަމަޖެއްސީ ޖަރުމަންގެ ކުރީގެ ކޯޗް ޔާގަން ކްލިންސްމަންގެ ބަދަލުގަ އެވެ.