07 މެއި 2021 - 11:18

މެޑްރިޑް (މެއި 7) - ޓީވީ ރައިޓްސްގެ ފައިނޭންޝިއަލް މައްސަލައަކާ ގުޅޭގޮތުން ލަ ލީގާ ގޮވައިގެން ކޯޓަށް ދިޔަ ރެއާލް މެޑްރިޑަށް ކޯޓުން ވެސް ނާކާމިޔާބު ވެއްޖެ އެވެ.
މެޑްރިޑުގެ މެޖިސްޓްރޭޓް ކޯޓަކަށް މައްސަލަ ހުށަހެޅުމަށް ފަހު ރެއާލް އިން ބުނެފައި ވަނީ ޓީވީ ރައިޓްސްގެ ފައިނޭންޝިއަލް މުއާމަލާތް ލަ ލީގާ އިން ކުރިއަށް ގެންދަނީ ރަނގަޅަށް ނޫން ކަމަށެވެ.
ރެއާލް އިން ވަނީ ލަ ލީގާ އިން، އެ ކްލަބަށް 23 މިލިއަން ޔޫރޯ ދިނުމަށް ކޯޓުގައި ޑިމާންޑްކޮށްފަ އެވެ. އަދި 2019/2018 ގެ ސީޒަންގެ އެކައުންޓްތަކުގެ ތަފްސީލު ދިނުމަށް ވެސް ރެއާލް އިން ވަނީ ޑިމާންޑްކޮށްފަ އެވެ.
ނަމަވެސް ކޯޓުން ވަނީ، ރެއާލް މެޑްރިޑުން އެދުނު ގޮތަށް ހުކުމު ކުރެވެން ނެތް ކަމަށް ނިންމައިފަ އެވެ. ކޯޓުން ބުނެފައި ވަނީ ޓީވީ ރައިޓްސްގެ މުއާމަލާތްތައް ކުރިއަށް ގެންދަނީ ރަނގަޅަށް މެނޭޖުނުކޮށް ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.
ކޯޓުގެ ނިންމުން އިސްތިއުނާފަށް ހުށަހެޅުމުގެ ފުރުސަތު ރެއާލަށް އެބައޮތެވެ.