މިދިޔަ 24 ގަޑިއިރުގެ 836 ކޭހާ އެކު މިއަދު ވެސް ކޮވިޑް ކޭސްތައް ހާހުން މަތީގައި
މިދިޔަ 24 ގަޑިއިރުގެ 836 ކޭހާ އެކު މިއަދު ވެސް ކޮވިޑް ކޭސްތައް ހާހުން މަތީގައި

ފާއިތުވި 24 ގަޑިއިރު ތެރޭ ކޮވިޑްގެ އިތުރު 836 ކޭސް ފެނިފައިވާ ކަމަށާއި ކުރީގެ ސާމްޕަލްތަކުގެ ނަތީޖާ އެކު ޖުމްލަ 1،216 ކޭސް އަލަށް ފެނިފައިވާ ކަމަށް އެޗްޕީއޭ އިން މިރޭ ބުނެފި އެވެ.

އެޗްޕީއޭގެ މިރޭގެ ތަފާސް ހިސާބަށް ބަލާއިރު އާ ކޭސްތަކުގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން 1،013 އަދި މީހުން ދިރިއުޅޭ އެހެން ރަށްރަށުން 201 އަދި ރިސޯޓުތަކުން އެންމެ ކޭހެކެވެ.

މިރޭގެ އަދަދުތަކާ އެކު ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ އަދަދު މިހާރު ވަނީ 13،784 އަށް އަރައިފަ އެވެ. މިއީ މިއިން ދުވަހަކު ވެސް އެކްޓިވް ކޭސްތައް މައްޗަށް ދިޔަ ވަރެއް ނޫނެވެ.

ރާއްޖޭން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު 41،308 އަށް އަރާފައިވާއިރު، ބަލިން ރަނގަޅުވީ 27،428 މީހެކެވެ. ބަލި ޖެހިގެން ހޮސްޕިޓަލުގައި 263 މީހަކަށް ފަރުވާދެމުން އަންނައިރު، ބަލީގައި 87 މީހަކު މިހާތަނަށް ވަނީ މަރުވެފަ އެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު މާ ބޮޑަށް ގޯސްވެ، އެޗްޕީއޭ އިން މިހާރު ވަނީ މާލެ އާއި ރަށްރަށުގައި ވެސް ހަރުކަށި ފިޔަވަޅުތައް އަޅައިފަ އެވެ. މާލޭގެ އިތުރުން ރަށްރަށުގައި ވެސް އަންނަނީ ކާފިއު ހިންގަމުންނެވެ.