ކޮވިޑް-19: ވެކްސިން ޖެހި މީހުންގެ އަދަދު ތިން ލައްކައިން މައްޗަށް އަރައިފި
ކޮވިޑް-19: ވެކްސިން ޖެހި މީހުންގެ އަދަދު ތިން ލައްކައިން މައްޗަށް އަރައިފި

ކޮވިޑް-19 އިން ރައްކާތެރިވުމަށް ދޭ ވެކްސިންގެ ފުރަތަމަ ޑޯޒް ތިން ލައްކަ އަށް ވުރެ ގިނަ މީހުންނަށް މިހާތަނަށް ދީފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ރޭ ބުނެފި އެވެ.

އެ އިދާރާ އިން ބުނީ، މިދިޔަ މަހުގެ ފަސް ވަނަ ދުވަހު ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި 782 މީހުންނާއެކު ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ އަދަދު، 300،189 އަށް އަރާފައިވާ ކަމަށެވެ. އޭގެ ތެރެއިން 123،581 މީހުން ވެކްސިންގެ ދެވަނަ ޑޯޒް ވަނީ ފުރިހަމަކޮށްފަ އެވެ.

ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރި ނަމަވެސް ބަލިން ރައްކާތެރިވުމުގެ އޮތީ ގާތްގަނޑަކަށް 70 ޕަސެންޓެވެ. އެކަމަކު ވެކްސިން ޖެހުމުން ބަލީގައި ބޮޑުވަރުވުމުން ސަލާމަތްކޮށްދޭ ކަމަށް މިހާތަނަށް ހެދި ދިރާސާތަކުން ދައްކަ އެވެ.

ރާއްޖެއިން ވެކްސިން ޖެހި މީހުންގެ އަދަދުތަކަށް ބަލާއިރު ވެކްސިންގެ ދެ ޑޯޒް ޖެހި މީހުންގެ ތެރެއިން އެޑްމިޓްކޮށްގެން ފަރުވާދެނީ 31 މީހަކަށެވެ.

ޑޮކްޓަރުން ފާހަގަކުރައްވާ ގޮތުގައި ރާއްޖޭގައި، ކޮވިޑް ޖެހިގެން އެޑްމިޓް ކުރާ މީހުންގެ ތެރެއިން، ވެކްސިން ފުރިހަމަކުރި މީހުންގެ އަދަދު ނިސްބަތުން މަދެވެ.

ރާއްޖޭގައި ދެމުން އަންނަނީ އިންޑިއާގެ ކޮވިޝީލްޑް ވެކްސިނާއި ޗައިނާގެ ސިނަފޯމް ވެކްސިނެވެ. ހާއްސަ ހާލަތްތަކުގައި ފައިޒާ ވެކްސިން ވެސް ދެ އެވެ.

ރާއްޖޭގައި މިހާތަނަށް ފުރަތަމަ ޑޯޒް ނުޖަހާ މީހުންނަށް ޗައިނާގެ ސިނަފޯމް ވެކްސިން ދެމުން އަންނައިރު އެ ވެކްސިންގެ ދެވަނަ ޑޯޒް ހަތަރު ހަފްތާ ނުވަތަ މަހެއް ފަހުން ޖެހެ އެވެ. އެކަމަކު ކޮވިޝީލްޑްގެ ދެވަނަ ޑޯޒް ޖަހައިދެނީ ހަތް ހަފްތާ ވުމުންނެވެ.

ރާއްޖެއިން ގިނަ ބަޔަކު ކޮވިޝީލްޑް ވެކްސިން ޖަހާފައިވާއިރު، އެ ވެކްސިންގެ ދެވަނަ ޑޯޒް ދިނުން މިދިޔަ އަންގާރަ ދުވަހު ހުއްޓާލާފައި ވަނީ ވެކްސިން ލިބުން ދަތިވެގެންނެވެ.

އެ ވެކްސިން ޖެހުން އެންމެ ރަނގަޅީ 8-12 ހަފުތާއާ ދެމެދުގައި ކަމަށް ޑޮކްޓަރުން ވިދާޅުވިޔަސް، އެ ވެކްސިން އަލުން ޖަހަން ފަށާނެ ތާރީހެއް އެޗްޕީއޭ އިން އަދި އިއުލާނެއް ނުކުރެ އެވެ. އެކަމަކު މިހާރު ވެސް ދެވަނަ ޑޯޒަށް ޝަރުތު ހަމަވާ އެތައް ބަޔަކު އެބަ ތިއްބެވެ.

އެކަމާ ގުޅިގެން އާންމުންް ކަންބޮޑުވާތީ އެޗްޕީއޭ އިން ނެރުން ބަޔާނެއް ބުނިގޮތުގައި، އެސްޓްރަޒެނެކާ ކުންފުންޏާ އެކު ހަދާފައިވާ އެއްބަސްވުމެއްގެ ދަށުން ފައިސާ ދައްކާފައިވާ 700،000 ޑޯޒު ވެކްސިން އަންނަ ޖޫން މަަހު ލިބެން ފަށާނެ އެވެ. ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި ކޮވިޑް ވެކްސިންގެ އިތުރު ޝިޕްމަންޓެއް ހޯދުމުގެ މަސައްކަތް ވެސް ސަރުކާރުން ކުރާ ކަމަށް ހެލްތު މިނިސްޓްރީން ބުނެ އެވެ.

ރާއްޖެ އަށް ވެކްސިން ލިބުމުގައި ދަތިވީ، އަވަށްޓެރި އިންޑިއާގެ ކޮވިޑްގެ ބަލިމަޑުކަން ވަރަށް ބޮޑަށް ގޯސްވެފައިވާތީ އެ ގައުމުން އެހެން ގައުމުތަކަށް ވެކްސިން އެތެރެކުރުން ހުއްޓާލުމުންނެވެ.