07 މެއި 2021 - 01:42

ކުރީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހަންމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލައިގެ ވާހަކަ ފެންމަތިވުމާ އެކު ގައުމު ހީވީ އެކަމަށް ހުއްޓުން އެރިހެންނެވެ. އެއްޗެއް ގޮއްވާލައިގެން މިރޭ ދިން އެ ހަމަލައިގައި އެމަނިކުފާނު ޒަހަމްވެ ވަޑައިގަތުމާ އެކު، ސޯޝަލް މީޑިއާ ކެކިގަތެވެ. ޓްވިޓާ އާއި ފޭސްބުކް ފީޑްގައި މިރޭ އޮތީ ހުސް އެ ވާހަކަ އެވެ. ދެ މީހަކު އެއްވިޔަސް އެ ވާހަކަ އެވެ؛ ސަބަބަކީ ރައީސް ނަޝީދަކީ އާންމުންގެ ވަރަށް ބޮޑު ލޯތްބެއް ހޯއްދަވައިފައިވާ ބޭފުޅަކަށް ވުމެވެ. ހަމައެހެންމެ، އެ މަނިކުފާނަށް ލިބޭ ކޮންމެ ގެއްލުމަކީ މުޅި ގައުމަށް ވެސް ލިބޭނެ ގެއްލުމެއް ވެސް މެ އެވެ.
އެ މަނިކުފާނަށް ކުރިމަތިވި ހަމަލާ އެތައް ބަޔަކު ވަގުތުން ކުށްވެރިކުރަން ފެށި އެވެ. ސިޔާސީ ޕާޓީތަކުން ވަގުތުން ބަޔާން ނެރެން ފެށި އެވެ. ސިޔާސީ ބޭފުޅުން ވެސް އޭގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ގޮތަށް، އާންމުންގެ އެތައް ބަޔަކު އެމަނިކުފާނާ ދޭތެރޭ އޮތް ލޯތްބާ އެކު އަވަސް ޝިފާއަކަށް އެދި ދުއާ ކުރަމުން ގެންދިޔަ އެވެ. އޭގެ ތެރޭގައި ރައީސް އިބްރާހިމް މުހަންމަދު ސޯލިހާއި ދައުލަތުގެ ވަޒީރުންނާއި ބައިނަލްއަގުވާމީ ޑިޕްލޮޮމޭޓުންގެ އިތުރުން ބައެއް ގައުމުތަކުގެ ވެރިން ހިމެނެ އެވެ.
ނަޝީދަށް ދިން ހަމަލާ ގިނަ ބަޔަކު ސިފަކޮށްފައިވަނީ ޓެރަރިސްޓް ހަމަލާއެއްގެ ގޮތުގަ އެވެ. ތަހުގީގުން އަދި އެއްވެސް އެއްޗެއް ސާފު ނުވިޔަސް، ބައެއް މީހުން މި ހަމަލާގެ ޒިންމާ ބޮލުގައި އަޅުވާފައި ވަނީ ހަރުކަށި ފިކުރުގެ މީހުންގެ ބޮލުގަ އެވެ. އަދި މިއީ ދީނީ ކަމެއްގެ ގޮތުގައި ވަރަށް ގިނަ މީހުން ވަނީ ސިފަކޮށްފަ އެވެ.
އަނެއް ބަޔަކު މިކަން ބަލަނީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު މީހުން ހާމަކޮށް އެ މީހުންނަށް ހައްގު އަދަބު ދިނުމަށް ނަޝީދު ކުރައްވާ މަސައްކަތުގެ ބަދަލުގެ ގޮތުގަ އެވެ.
އޭގެ ހެއްކެއްގެ ގޮތުގައި ދައްކަނީ، އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ދައުލަތަށް ގެއްލިފައިވާ ފައިސާ ހޯދުމަށް، މަސައްކަތް ކުރާނެ ބޭރުގެ ފަންނީ މާހިރެއް އައްޔަންކޮށް އެ ފަރާތާއެކު މަސައްކަތްކުރުމުގެ ބާރު އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕަށް ދިނުމަށް އެދި އެ ޕާޓީގެ ގައުމީ މަޖިލީހަށް ނަޝީދު ގަރާރެއް ހުށަހެޅުއްވުމެވެ.
އެމްޑީޕީގެ ބައެއް އެކްޓިވިސްޓުން ބުނެފައި ވަނީ މިހެން ދޭ ހަމަލައަކުން އެ މަނިކުފާނު ގުޑުވައިނުލެވޭނެ ކަމަށެވެ. ބައެއް މީހުން ބުނެފައި ވަނީ ރައީސް ނަޝީދު ލޯބި ހޯއްދެވީ، އެ ފަދަ ކިތައްމެ އަނިޔާއެއް ތަޖުރިބާކުރެއްވުމަށް ފަހުގަ އެވެ.
އެމްޑީޕީގެ ޓިކެޓުގައި ނ. އަތޮޅު ކައުންސިލްގެ ރައީސްކަން ކާމިޔާބުކުރެއްވި މުހައްމަދު ބަޝީދު ވިދާޅުވީ ނަޝީދަށް ދޭ ހަމަލާއަކުން އެ މަނިކުފާނުގެ އަޑެއް ކެނޑިގެން ނުދާނެ ކަމަށެވެ.
"އެމްއެމްޕީއާރުސީ ހިޔާނާތާ މަކަރާ ހީލަތުގެ އަނދިރި ރޭވުންތަކުގެ ތެރެއަށް އެމްޑީޕީ ވެސް ވައްޓާނުލެވޭނެ އެވެ. އަޅުގަނޑުމެން އެންމެން އަބަދުމެ ދެކޮޅު ހަދާނަން،" ނަޝީދާއެކު ނަންގަވާފައިވާ ގްރޫޕު ފޮޓޯއަކާއެކު ބަޝީރު ކުރެއްވި ޓްވީޓުގައި ވެ އެވެ.
އައިޝަތު އަލައިކާގެ ނަމުގައި ކުރި ޓްވީޓެއްގައި ބުނީ "ވީހާލެއްގަ ވާނަން. މި އަޑެއް މި އަޒުމެއް ގުޑުވައެއް ނުލެވޭނެ" ކަމަށެވެ.
"ވައްކަން މަ ކުށްވެރިކުރަން. ތާ އަބަދު ކުރާނަން. މުހައްމަދު ނަޝީދާއެކު އެ މަނިކުފާނުގެ އަރިހުގައި ހުންނާނަން. ރައީސް އަށް އަވަސް ޝިފާއަކަށް އެދެން،" އެ ޓްވީޓުގައި ވެ އެވެ.
އެ މަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ އެމްޑީޕީން ނެރުނު ނޫސްބަޔާނުގައި ބުނީ މިއީ ނަޝީދު ފުރާނަފުޅު ދުއްވާލުމަށް ދިން ޓެރަރިސްޓް ހަމަލާއެއް ކަމަށެވެ.
"މި ނުރައްކާތެރި ޓެރަރިސްޓް ހަމަލާ މިހާރުން މިހާރަށް ތަހުގީގުކޮށް އެކަމުގައި ޝާމިލުވާ އެންމެހައި ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް މި ޕާޓީން ގޮވާލަމެވެ،" ބަޔާނުގައި ބުންޏެވެ.
އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ކުރެއްވި ޓްވީޓުގައި ވިދާޅުވީ ނަޝީދަކީ ރައްޔިތުންނަށް ހެޔޮ މުސްތަގުބަލެއް ހޯއްދަވައިދެއްވުމަށް މުޅި އުމުރު ހޭދަކުރައްވަމުން ގެންދަވާ ބޭފުޅެއް ކަމަށެވެ.
"ރައީސް ނަޝީދަށް އަވަސް ޝިފާއެއް ދެއްވައި ދިގު އުމުރެއް ދެއްވުން އެދި މާތްﷲއަށް ދުއާ ދަންނަވަން. އެންމެންގެ ރައްކާތެރިކަމަށްޓަކާ އަނިޔާވެރިން ހައްޔަރުކުރުން އަވަސްކުރަންޖެހޭ،" އާޒިމްގެ ޓްވީޓުގައި ވިދާޅުވި އެވެ.
އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން ނެރުނު ބަޔާނުގައި ވަނީ އެ ހަމަލާގެ ހަގީގަތް ހޯދުމަށް އަވަސް ތަހުގީގެއް ހިންގުމަށް ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތަކަށް ގޮވާލައިފަ އެވެ. އަދި އެ އަމަލު ރާވައި ހިންގުމުގައި ބައިވެރިވި ހުރިހާ ފަރާތްތައް ހޯދައި، ގާނޫނުގެ ކުރިމައްޗަށް ގެނެސް ގާނޫނުން ކަނޑައަޅާފައިވާ އެންމެ ހަރުކަށި އަދަބ ދިނުމަށް ވެސް އިދިކޮޅު ކޯލިޝަނުން ގޮވައިލަ އެވެ.
ނަޝީދަށް ފަރުވާ ދެމުން އަންނަ އޭޑީކޭ ކައިރި އަށް މިރޭ ވަނީ އެމަނިކުފާނުގެ ވަރަށް ގިނަ ސަޕޯޓަރުން އެއްވެފަ އެވެ. އޭގެ ތެރެއިން ވަރަށް ގިނަ މީހުން އަދިވެސް އެތާނގައި އެބަތިއްބެވެ.