06 މެއި 2021 - 22:43

ކޮވިޑް-19އަށް މިއަދު ވެސް ރާއްޖޭން ޕޮޒިޓިވްވި މީހުންގެ އަދަދު 703 އަށް އަރައިފި އެވެ. މިއީ 700 އިން މަތިން މި ބައްޔަށް މީހުން ޕޮޒިޓިވްވި ދެ ވަނަ ދުވަހެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީން މިރޭ އާއްމު ކުރި މައުލޫމާތަށް ބަލާއިރު، މިއަދު ވެސް އެންމެ ގިނަ ބަޔަކަށް ބަލި ޖެހުނީ މާލޭންނެވެ. އެގޮތުން މާލޭން 526 މީހުންނަށް ބަލި ޖެހުނު ރަށްރަށުން ޕޮޒިޓިވްވީ 167 މީހެކެވެ.
ބައްޔަށް މިއަދު ޓެސްޓު ކުރީ، އިއްޔެއަށް ވުރެ މަދުން، 3،547 ސާމްޕަލެވެ. އިއްޔެ ޓެސްޓު ކުރި 4،787 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވީ 734 މީހުންނެވެ.
އެކްޓިވް ކޭސްތަކުގެ އަދަދު ވެސް މިހާރު ވަނީ މިއިން ދުވަހަކު މައްޗަށް ނުދާ ވަރަށް މަތިވެފަ އެވެ. އެގޮތުން ބަލި ޖެހިފައި ތިބި މީހުންގެ އަދަދު މިހާރު ވަނީ 7،607އަށް އަރައިފަ އެވެ. އަދި ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން 203 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. އެއީ އިއްޔެއަށް ވުރެ ފަސް މީހުންގެ އިތުރު އަދަދެކެވެ.
ކޮވިޑްގައި މިހާތަނަށް 77 މީހަކު މަރުވެފައިވާއިރު، މިއަދު އެކަނި ވެސް ވަނީ ފަސް މީހަކު މަރުވެފަ އެވެ. މިއީ ވެސް ރެކޯޑް އަދަދެކެވެ. މިއަދު މަރުވީ، ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ ދެ މީހަކާއި ޅ. ނައިފަރުގައި ފަރުވާ ދެމުން ދިޔަ ދެ މީހަކާއި އއ. ރަސްދޫގައި ކަރަންޓީނުގައި ހުރި އިންޑިއާގެ ޓޫރިސްޓެކެވެ.