06 މެއި 2021 - 20:51

ރައީސް ނަޝީދުގެ މި ވަގުތުގެ ހާލުކޮޅާ ބެހޭ މައުލޫމާތު މެންބަރުންނަށް ދެއްވުމަށް ފަހު މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ މަޖިލިސް ނިންމަވާލައްވައިފި.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން މަޖިލީހުން ބާއްވާ ޚާއްސަ ޖަލްސާ ފަށައިފި.

ރިޔާޒް: ގޮއްވާލި ކަމަށް ބުނާ ސައިކަލާ ބެހޭ މައުލޫމާތުތައް މިހާރު ވަނީ ލިބިފައި. އެކަމާ ބެހޭ އިތުރު މައުލޫމާތެއް ދެވޭކަށް ނެތް.

ރިޔާޒް: މިހާތަނަށް ބެލިބެލުމުން ގޮވި އެތީގައި މިލިޓަރީގައި ބޭނުންކޮށްފައިވާ އެއްޗެހި ހުރި ކަމަކަށް ނުބެލެވޭ.

ސީޕީ: އިންޓެލްގެ މަސައްކަތެއް ނުހުއްޓޭ. އެއީ ހުއްޓޭނެ މަސައްކަތެއް ވެސް ނޫން. އެކަމަކު އަޅުގަނޑުމެންނަކަށް ރޭގެ އިންޓެލްއެއް ނުލިބޭ. އެ ނުލިބުނީ ކީއްވެގެންތޯ އެކަން ބަލާ ފަރާތްތަކުން ބަލަން ޖެހެނީ. އޭގެ ޕޯސްޓްމޯޓަމެއް ހަދަން ޖެހޭނީ.

ސީޕީ: މިފަދަ އަމަލުތައް ހިންގުމުގެ ގާބިލްކަން ހުރި މީހުން އަޅުގަނޑުމެންގެ ތެރޭގައި ތިބިކަން އެއީ އެއްބަސްވާ ކަމެއް. ޝަރީއަތުގެ މަރުހަލާއިން، ސާބިތުނުވެގެން ނުވެގެން ނުވަތަ ހެކި ނެތިގެން ވިޔަސް ސަލާމަތްވެގެން އަޅުގަނޑުމެންގެ މުޖުތަމައުގެ ތެރޭގައި ވެސް އެ މީހުން އެބައުޅޭ. އަދި ޖަލުތަކުގައި ވެސް އެބަތިބި.

ސީޕީ: ރޭގެ މި ހަމަލާއާ ގުޅިގެން ފުލުހުންގެ އިންޓެލް އަށް އެއްވެސް މައުލޫމާތެއް ލިބިފައެއް ނުވޭ.

ސީޕީ: މި ހަމަލާގެ ތަހުގީގު މިއޮތީ އަދި ވަރަށް ކުރީގެ މަރުހަލާގައި. މިއީ ޓެރަރިޒަމް ހަމަލާއެއް. މި އަމަލު ހިންގި މީހުން ހޯދުމުގެ މަސައްކަތް ރެއިން ފެށިގެން ފުލުހުން މި އަންނަނީ ކުރަމުން.

ސީޕީ: ހަމަލާ ދިން ސަރަހައްދުން ބައެއް މީހުން ޝައްކުވާ ގޮތަކަށް އަމަލުތައް ހުރެގެން އޭގެ ތެރެއިން ހަތަރު މީހަކަށް އަޅުގަނޑުމެން އެބަ ބަލަން.

ސީޕީ: މި ހަމަލާގެ ތަހުގީގަށް އެހީތެރިވުމަށް ރާއްޖެއިން ބޭރުން ވެސް ވަނީ ހުށަޙަޅާފައި. މިހާރު ވެސް އިނގިރޭސިވިލާތުގެ ދެ ތަޖުރިބާކާރުން އެކަމުގައި އެހީތެރިވަމުން އެބަ ގެންދަވާ.

ސީޕީ: ފުލުހުންނަށް ރިޕޯޓް ކޮށްފައި ވަނީ 8:35 ގައި. ރޭ 9:50 ގައި އެމްއެންޑީއެފުން އެސެސް ކުރުމަށް ފަހު ސީން ވަނީ ފުލުހުންނާ ހަވާލުކޮށްފައި. މި ހަމަލާއާ ގުޅިގެން ނަޝީދުގެ އިތުރުން ހަތަރު މީހަކަށް އެކިވަރުގެ އަނިޔާވި.

ފުލުހުންގެ ނޫސްވެރިންގެ ބައްދަލުވުން ދެންމެ ފަށައިފި. މި ޕްރެސް ދެއްވަނީ ކޮމިޝަނަރު މުހަންމަދު ހަމީދާއި އެސިސްޓެންޓް ކޮޮމިޝަނަރު މުހަންމަދު ރިޔާޒް

ފުލުހުންގެ ޕްރެސް ކޮންފަރެންސް މިހާރު ވަނީ 2:30 އަށް ފަސްކޮށްފައި.
ފުލުހުން ދެންމެ ނެރުނު ބަޔާނެއްގައި ބުނީ މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު މިއީ ނަޝީދަށް އަމާޒުކޮށް ހިންގި ޓެރަރިސްޓް އަމަލެއް ކަމަށް. މި ހަމަލާގެ ތަހުގީގަށް ފުލުހުންނަށް ލިބެން ހުރި ފޮރެންސިކް ހުރިހާ ވަސީލަތެއް ބޭނުންކުރަމުން އަންނަ ކަމަށާއި މި ތަހުގީގުގައި އޮސްޓްރޭލިއާ ފުލުހުން ބައިވެރިވެ އަދި އިނގިރޭސި ވިލާތުން ވެސް އެހީތެރިކަން ފުލުހުން ބުނި. ހަމަލާއާ ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް ލިިބިފައިވާ ނަމަ ފުލުހުންގެ ނަންބަރު 9704000 އަށް ގުޅައި އެކަން ހިއްސާކުރަން ފުލުހުން އެދޭ. ފުލުހުން ބުނީ ދޭ މައުލޫމާތު ސިއްރުކަން ހިފަހައްޓާނެ ކަމަށް.
ނަޝީދުގެ ލިވަ އާއި ފުއްޕާމޭ އަދި މޭކަށިތަކަށް ވެސް ވަނީ ގެއްލުންވެފައި. އެ ގެއްލުންތައް ވެފައި ވަނީ ގޮސްވާލި އެތިން ބުރައިގެންދިޔަ އެތިކޮޅުތަން ވަނުމުގެ ސަބަބުން.
އޭޑީކޭ އިން ދެންމެ ކުރި ޓްވީޓެއްގައި ބުނި ގޮތުގައި މިހާތަނަށް ނަޝީދުގެ ގިނަ ސާޖަރީތަކެއް ކާމިޔާބުކަމާ އެކު ވަނީ ކުރެވިފައި. އެކަމަކު އަދިވެސް މުހިންމު ސާޖަރީއެއް ހަދަންޖެހޭ.
ހަމަލާއާ ގުޅޭ ގޮތުން މެންދުރު ފަހު 1:45 ގައި ޕްރެސް ކޮންފަރެންސެއް ބާއްވާނެ ކަމަށް ފުލުހުން ބުނެފި.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި ނަޝީދުގެ ލިވަ އާއި ފުއްޕާމެޔަށް ވެސް ވަނީ ގޮއްވާލި އެތިން ބުރައިގެން ދިޔަ އެތިކޮޅުތަކުން ގެއްލުންވެފައި. ނަޝީދުގެ އަރިސް ބައެއް ބޭފުޅުން ސޯޝަލް މީޑިއާގައި ހާމަކޮށްފައި ހުރި މައުލޫމާތަށް ބަލާއިރު ލިވަ އަށް ލިބުނު ގެއްލުމާ ގުޅިގެން ފެށި ސާޖަރީ އަށް ލަފާކުރި ހަތް ގަޑިއިރަށް ވުރެ އިތުރަށް ވެސް މިހާރު ހޭދަވެއްޖެ. އަދި މޭކަށިތަކަށް ވެސް ގެއްލުން ވެފައިވާ ކަމަށް ބުނެފައިވޭ. ނަޝީދުގެ ސާޖަރީތައް ހަދަމުން އަންނަ ކަމަށް އޭޑީކޭ އިން މީގެ 11 ގަޑިިއިރު ކުރިން ބުނި ފަހުން މާބޮޑު ތަފްސީލެއް ރަސްމީ އެއްވެސް ފަރާތަކުން އަދި ނުދޭ.
ރައީސް ވިދާޅުވީ މި މައްސަލަ ފުރިހަމަ އަށް ތަހުގީގުކޮށް، ޖަރީމާ ހިންގި ބަޔަކު އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ކުރަންޖެހޭ މަސައްކަތް ކުރުމަށް ކަމާބެހޭ އިދާރާތަކަށް މިހާރު އަންގަވާފައި ވާނެ ކަމަށް.
ރައީސް: މިއީ ޑިމިކޮރަސީ އަށާއި އިގްތިސާދަށް ވެސް ދިން ހަމަލާއެއް. މިފަދަ އެއްވެސް ކަމަކަށް މި ފަސްގަނޑުގައި ޖާގައެއް ނުލިބޭނެ.
ރައީސް: ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކުރަން. އަޅުގަނޑަށް ޑޮކްޓަރުން އެންމެ ފަހުން ދިން މައުލޫމާތުން އެނގޭ ގޮތުގައި އިތުރު އޮޕަރޭޝަނެއް ކުރަން ދަނީ ތައްޔާރުވަމުން.
މި ހަމަލާގައި ނަޝީދާ އެކު ފަސް މީހަކު ޒަހަމްވެފައިވާ ކަމަށް ފުލުހުން ދެންމެ ބުނެފި. ނަޝީދުގެ އިތުރުން ދެން ހިމެނެނީ އެމަނިކުފާނުގެ ތިން ބޮޑީގާޑުންނާއި އާންމު މީހެއް.
ރައީސް މިރޭ ގައުމާ މުޚާތަބުކުރައްވާނެ ކަމަށް ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެ
ނަޝީދަށް ލިބިފައިވާ ޒަޚަމްތަކާ ގުޅިގެން އިތުރު ސާޖަރީތަކެއް ހަދަންޖެހޭ. ހާއްސަ ޓީމަކުން ދަނީ މި ވަގުތަށް އެންމެ މުހިންމު ސާޖަރީތައް ހަދަމުން: އޭޑީކޭ
ނަޝީދަށް ދިން ހަމަލާ ކުށްވެރިކޮށް ޖޭއެސްސީން ނެރުނު ބަޔާނުގައި ބުނީ އެއީ ޓެރަރިސްޓް ހަމަލާއެއް ކަމަށް. ހަމަލާގައި ޒަހަމްވި ނަޝީދާއި އެހެން ބޭފުޅުންނަށް އަވަސް ޝިފާއަކަށް ވަނީ އެދިފައި
އެމްޑީއެފުން ބުނީ ހަމަލާގެ ސަބަބުން ސިފައިންގެ ތިން މީހަކަށް އަނިޔާވި ކަމަށް. އޭގެ ތެރެއިން ކަންފަތަށް ތަދުވެގެން އައިޖީއެމްއެޗަށް ގެންދިޔަ މީހާ މިހާރު ދޫކޮށްލާފައިވާ ކަމަށާއި އަނެއް ދެ މީހުންނަށް އޭޑީކޭގައި ފަރުވާދެމުން އަންނަ ކަމަށް ބުނި
އޭޑީކޭ ހޮސްޕިޓަލްގެ ޑޮކްޓަރުންގެ ހާއްސަ ޓީމަކުން ނަޝީދަށް ފަރުވާ ދެމުން އަންނަ ކަމަށާއި ޖަލްސާ މެދުކަނޑާލި ނަމަވެސް ޖަލްސާ ނިންމާލާނީ ޑޮކްޓަރުންގެ ފަރާތުން ތަފްސީލް ލިބުމުން ކަމަށް އީވާ ވިދާޅުވި
ނަޝީދުގެ ސިއްހީ ހާލަތާ ބެހޭ ގޮތުން ތަފްސީލް މައުލޫމާތެއް ލިބެންދެން މަޖިލީހުގެ ޖަލްސާ ކުރިއަށް ދާނެކަން އިއުލާނުކުރައްވައި، މި ވަގުތަށް ޖަލްސާ މެދުކަނޑާލައިފި. އީވާ ވިދާޅުވީ ޖަލްސާގައި ބަހުސެއް ކުރަން ގަސްތުނުކުރައްވާ ކަމަށް.
ޖަލްސާ ފައްޓަވަމުން އީވާ ވިދާޅުވީ މިއީ ޓެރަރިސްޓް ހަމަލާއެއް ކަމަށާއި އަމިއްލަ ނަންފުޅުގަ އާއި މަޖިލީހުގެ މެންބަރުންގެ ނަމުގައި ކުށްވެރިކުރާ ކަމަށް. އީވާ ވިދާޅުވީ މިއީ ފިނޑި އަމަލެއް ކަމަށް
މަޖިލީހުގެ ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މަޖިލީޙުގެ ކުއްލި ޖަލްސާ ފަށައިފި، ރިއާސަތުގައި އިންނެވީ ނައިބު ރައީސް އީވާ އަބްދުﷲ
އޭޑީކޭ އިން ބުނީ ގިނަ ޒަހަމްތަކަކާ އެކު ނަޝީދު ހޮސްޕިޓަލަށް ގެނައީ މިރޭ 8:30 ގައި ކަމަށާއި މިހާރު ފަރުވާދެމުން ގެންދާއިރު ހާލަތު ސްޓޭބުލް ކަމަށް. އަދި މިކަމާ ބެހޭ ގޮތުން ފަހުން ތަފްސީލް ދޭނެ ކަމަށް.
ފުލުހުންގެ ތަހުގީގު ޓީމުތައް ދަނީ ހާދިސާ ހިނގި ތަނާއި އެކި ސަރަހައްދުތަކުގައި މިވަގުތު ހަރަކާތްތެރިވަމުން.
ފުލުހުން ބުނީ މި މައްސަލަ އަށް ވަރަށް ބޮޑު އިސްކަމެއް ދީގެން ތަހުގީގު ކުރިއަށް ގެންދާނެ ކަމަށް
ހަމަލާއާ ގުޅިގެން ފުލުހުންގެ އެލާޓް ލެވަލް 3 އަށް މަތިކޮށްފި
ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ މިރޭގެ ހަމަލާއާ ގުޅިގެން ރައީސް އާއި ނެޝަނަލް ސެކިއުރިޓީ ކައުންސިލްގެ މެންބަރުން މިރޭ ބައްދަލުކުރައްވާނެ ކަމަށް
ނަޝީދަށް ދިން ހަމަލާ ކުށްވެރިކުރައްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ޓްވީޓްކުރައްވައިފި. "މާލޭ ނީލޯފަރުމަގުގައި ބާރުގަދަ އެއްޗެއް ގޮވައި ރައީސް މުޙައްމަދު ނަޝީދަށް ލިބުނު އަނިޔާ އަށް މިހާރު ދަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން. މި އަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަން.އަދި މި މައްސަލަ ފުލުހުން ދަނީ މިހާރު ތަޙުޤީޤުކުރަމުން."
"މިހާރު" އަށް އެނގިފައިވާ ގޮތުގައި ނަޝީދުގެ ހަށިގަނޑުގެ ބޭރުފުށުން ވަރަށް ގިނަ ޒަހަމްތައް އެބަހުރި. ޒަހަމްތައް ވަރަށް ގިނަ ކަމަށާއި ޒަހަމްތައް ސާފުކޮށް ބައެއް ޒަހަމްތައް ފަހާފައިވާ ކަމަށް އެނގިފައިވޭ. ޒަހަމްތައް ގިނަކަމުން ފަރުވާ ދެނީ ހޭނައްތައިގެން ކަމަށާއި ނަޝީދުގެ އެތެރެހައްޓަށް ސީރިއަސް ގެއްލުމެއް ވެފައި ނުވާ ކަމަށް ވެސް ވަނީ އެނގިފައި. އަދި ހޭނެއްތުމުގެ ކުރިން ރަނގަޅަށް ހަރަކާތްތެރިވެ އުޅުއްވި ކަމަށް ވެސް ވަނީ އެނގިފައި.
ނަޝީދަށް ދިން ހަމަލާއާ ގުޅޭ ގޮތުން މިރޭ 10:30 ގައި ރައްޔިތުންގެ މަޖިލީހުގެ ކުއްލި ޖަލްސާއެއް އެޖެންޑާކޮށްފި
ރައީސް ނަޝީދުގެ ސާޖަރީއެއް ހަދަން ޖެހޭ. އެކަމުގެ ތައްޔާރީތައް ވަމުން އެބަދޭ.
ނަޝީދުގެ ހާލުކޮޅު ބައްލަވާލެއްވުމަށް ރައީސް އިބްރާހިމް މުހަންމަދު ސޯލިހު ދެންމެ އޭޑީކޭ އަށް ވަޑައިގެންފި.
ރައީސް ނަޝީދަށް އަމާޒުކޮށް މިރޭ ދިން ހަމަލަ ސިޔާސީ ޕާޓީތަކުންނާއި ސިޔާސީ އިސް ބޭފުޅުންގެ އިތުރުން އާންމުން ވެސް އަންނަނީ ކުށްވެރިކުރަމުން. އިދިކޮޅު ކޯލިޝަނުން ދެންމެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ހަމަލާ ވަރަށް ބޮޑަށް ކުށްވެރިކުރާ ކަމަށާއި އެ ހަމަލަ ރަނގަޅު ތަހުގީގެއް ކޮށްދޭން އެދޭ ކަމަށް. އަދި ނަޝީދަށް އަވަސް ޝިފާ އަކަށް ވެސް އެދިފައިވޭ.
އެއްޗެއް ގޮވި ހިސާބުގައި ޒަހަމްވި ބައެއް މީހުންގެ ލޭ ވެސް ބިންމަތީގައި ހުރި. ބައެއް މީހުން ބުނި ގޮތުގައި އެ އަޑު ސިފަވީ ބޮމެއް ގޮވިހެން. އަދި އެ ހިސާބުގެ ބައެއް ގެތަކަށް ވެސް އެ އަޑު ވަރަށް ގަދަ އަށް އިވުނު ކަމަށްވޭ.
މަންޒަރު ދުށް ބައެއް މީހުން ބުނީ އެއްޗެއް ގޮވުމާ އެކު ވަރަށް ބާރު އަޑުފައްގަނޑެއް އިވުނު ކަމަށް. އޭރު ރައީސް ނަޝީދު ކާރަށް އަރާވަޑައިގަންނަވަނީ ކަމަށާއި އެއްޗެއް ގޮވުމާ އެކު ކައިރި ބައެއް ފިހާރަތަކުގެ ބިއްލޫރިތައް ތަޅައިގެން ދިޔަ ކަމަށް ބައެއް މީހުން ބުނޭ.
އެނގިފައިވާ ގޮތުގައި ހަމަލާގައި ރައީސް ނަޝީދުގެ މޫނުފުޅަށް ކޮންމެވެސް ވަރެއްގެ ޒަހަމްތަކެއް ލިބިވަޑައިގަތަސް ފުރާނައަށް ނުރައްކާ ވާ ވަރުގެ އެއްވެސް ގެއްލުމެއް ލިބިވަޑައެއް ނުގަންނަވާ. އެކަމަކު މި ހަމަލާގައި އެހެން ހަތަރު މީހަކު ވަނީ ޒަހަމްވެފައި. ނަޝީދު މި ވަގުތު އޮތީ އޭޑީކޭގައި.
ޒަހަމްވި މީހުން ގެންދިޔަ އޭޑީކޭ ބޭރުގައި ވެސް ފުލުހުން ދަނީ ހަރަކާތްތެރިވަމުން. ނަޝީދާއި އެހެން މީހުންނަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ނޭނގޭ
މި ހަމަލާއާ ބެހޭ ގޮތުން ސިފައިންނާއި ފުލުހުން އަދި ރަސްމީކޮށް އެއްވެސް އެއްޗެއް ނުބުނޭ
ހަމަލާގައި ނަޝީދަށް ލިބިވަޑައިގެން ޒަހަމްތަކުގެ ތަފްސީލެއް ނޭނގެ. ނަމަވެސް ބައެއް މީހުން ބުނީ ނަޝީދުގެ މޫނުފުޅަށް ޒަހަމްތަކެއް ލިބިފައިވާ ކަމަށް. ލިބިފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި ޒަހަމްވި ބައެއް މީހުންގެ ނުތެދުވެވި ބިންމަތީ އިށީނދެ ތިބި. އެ މީހުންގެ ފައި ހަލާކުވެ ލޭ އަންނާތީ ވީޑިއޯ އިން ފެނޭ
ހަމަލާ ދިން ސަރަހައްދަށް ހަތިޔާރާ އެކު ސިފައިން ނުކުމެ މިހާރު ވަނީ އެންމެން ދުރަށް ޖައްސާފައި.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކާރުކޮޅަށް އަރުއްވަނިކޮށް އެއްޗެއް ގޮއްވާލުމުގެ ސަބަބުން އެ މަނިކުފާނަށް އަނިޔާއްވެއްޖެ އެވެ.
ހަމަލާ ދީފައި ވަނީ ނަޝީދުގެ ގެކޮޅު ކަމަށްވާ ކެނެރީގެ ހުންނަ، ކެނެރީ މަގުގެ ކޮޅުން މަޖީދީމަގާ ވީ ކޮޅުގަ އެވެ. ހަމަލާގައި އެސްޕީޖީގެ މީހަކާއި ބިދޭސީއަކަށް ވެސް އަނިޔާވި ކަމަށް މިހާތަނަށް އެނގިފައިވެ އެވެ. މީގެ އިރުކޮޅެއް ކުރިން ދިން ހަމަލާއަށް ފަހު ނަޝީދު މިހާރު ވަނީ ފަރުވާ އަށް އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.
އެއްޗެއް ގޮއްވާލާފައި ވަނީ މަޖީދީ މަގުގައި، ކުރީގެ އެމިޓީ ފިހާރަ ކައިރިންނެވެ. އެ ހިސާބުގައި އެ ވަގުތު ތިބި ބައެއް މީހުން ބުނި ގޮތުގައި ގޮވުމުގެ އަޑު ވަރަށް ބާރަށް އިވުނެވެ. އަދި އެ ގޮވުމާ އެކު ބައެއް ތަންތަން ހަލާކުވެފައި ވާއިރު ބިންމަތީ ލޭ ވެސް ހުއްޓެވެ.
ފުލުހުން މިހާރު ވަނީ މުޅި ސަރަހައްދު އެއްކޮށް ބަންދުކޮށްފަ އެވެ.