06 މެއި 2021 - 22:11

ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ކޮވިޑް-19 އަށް ފަރުވާ ހޯދަމުން ދިޔަ މީހަކު މިރޭ މަރުވެއްޖެ އެވެ. މިއީ ކޮވިޑް ބަލީގައި މިއަދު މަރުވި ހަތަރު ވަނަ މީހާ އެވެ. އަދި މިއާ އެކު މިއީ ކޮވިޑްގައި ރާއްޖޭން މިހާތަނަށް އެންމެ ގިނަ މީހުން މަރުވި ދުވަހެވެ.
މިކަން އެޗްޕީއޭން އަދި ޔަގީންކޮށް ނުދިން ނަމަވެސް "މިހާރު" އަށް އެނގިފައިވާ ގޮތުގައި މަރުވީ ދިވެހި ފިރިހެނެކެވެ.
ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން އައި އުމުރުން 77 އަހަރުގެ އަންހެނަކު ރޭ މަރުވި އިރު، ނައިފަރު ހޮސްޕިޓަލުގައި ފަރުވާ ދެމުން ދިޔަ މީހަކު މިއަދު މެންދުރު ވަނީ މަރުވެފަ އެވެ. އަދި އއ. ރަސްދޫގައި ކަރަންޓީނުގައި ހުރި އިންޑިއާގެ ޓޫރިސްޓަކު ވެސް ވަނީ މަރުވެފަ އެވެ. މި އެންމެންނަކީ ވެސް އުމުރުން ދުވަސްވީ މީހުންނެވެ.
މި ފަހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަރަށް ބޮޑަށް މައްޗަށް އަރައިފަ އެވެ. ކޮންމެ ދުވަހަކު އެތައް ސަތޭކަ ބަޔަކު ޕޮޒިޓިވްވަމުން އައިސް އިއްޔެ އެ އަދަދު އުޅުނީ 700 އިން މަތީގަ އެވެ. އަދި ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ މީހުންގެ އަދަދު ވެސް 198 އަށް އަރާފައި އެވެ. ހޮސްޕިޓަލުގެ އެނދުތައް ފުރޭތީ ވަސީލަތް އިތުރު ކުރުމުގެ މަސައްކަތް ވެސް މިހާރު އަންނަނީ ކުރަމުންނެވެ.